ރައީސް ފޮނުއްވި ނަންތަކަށް ރުހުން ނުލިބުމުން އެޗްއާރުސީއެމްގެ މެންބަރުކަމަށް އަލުން ހުޅުވާލައިފި

މާޗް 23، 2021: ރައީސް އޮފީސް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް ރައީސް ފޮނުއްވި ނަންތަކަށް މަޖިލީހަށް ރުހުން ދޭން ނުފެނުމުން އަނެއްކާ ވެސް އެ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލާން އާންމުކޮށް ހުޅުވާލައިފި އެވެ.

އެޗްއާރުސީއެމްގެ ނައިބު ރައީސްއަކަށް ހުންނެވި މުހައްމަދު ޒާހިދު މެންބަރުކަމުން ވަކިކުރުމުން މިދިޔަ އަހަރުގެ އޮކްޓޯބަރުގައި ރައީސް ވަނީ އެ ކޮމިޝަނަށް ހަމަޖައްސަން ތިން ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުވާފަ އެވެ. އެ ތިން ބޭފުޅުންނަކީ؛

  • މަރިޔަމް މުނާ/ މ. ބާރަނާގެ
  • އަހުމަދު ސަމީން / ފިނިވާގެ އއ ތޮއްޑޫ
  • ފާތުމަތު މަހީރާ މުހައްމަދު /ހިޔާވަހި ޅ ހިންނަވަރު

އޭގެ ތެރެއިން އެއްވެސް ބޭފުޅަކަށް ރުހުން ދޭން ނުފެންނަ ކަމަށް ކޮމިޓީއިން ނިންމައި ތަޅުމުން އެގޮތަށް ފާސްކުރި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ ކުރިން ރައީސް ފޮނުއްވި ތިން ނަމަށް ވެސް މަޖިލީހުން ރުހުން ދީފައި ނުވާތީ އެ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަންނަ މަހުގެ 11 އަދި 12 ވަނަ ދުވަހު ހެނދުނު 09:30 އިން މެންދުރުފަހު 12:30 އަށް ރައީސް އޮފީހަށް ފޯމް ހުށަހެޅޭނެ ކަމަށެވެ.

އެޗްއާރުސީއެމްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފޯމް ރައީސް އޮފީހުގެ ރަސްމީ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފަ އެވެ.

އެޗްއާރުސީއެމްގައި ކުރިން ތިއްބެވި މެންބަރުން ވަކިކުރުމަށް ފަހު މަޖިލީހުން މިހާތަނަށް އަލަށް އައްޔަންކޮށްފައި ވަނީ އާމިނަތު ޝަފާއަތު އަބްދުއްރައްޒާގާއި, މުއުމިނާ ވަހީދުގެ އަދި ޑރ. އަހުމަދު އަދުހަމް އަބްދުﷲ އެވެ.

comment ކޮމެންޓް