ބޭރުގެ ޔޮޓެއް ހާލުގައި ޖެހިގެން އެމްއެންޑީއެފް އިން އެހީވެއްޖެ

ހާލުގައި ޖެހުނު ބޭރުގެ ޔޮޓް -- ފޮޓޯ/ އެމްއެންޑީއެފް

ބޭރުގެ ޔޮޓެއް ރާއްޖޭގެ ސާޗް އެންޑް ރެސްކިއު ސަރަހައްދުގެ ތެރެއިން ހާލުގައި ޖެހުމާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

ހާލުގައި ޖެހިފައި ވަނީ ސީޝެލްސް އިން ފުރައިގެން ތައިލެންޑްގެ ޕުކެޓަށް ދަތުރުކުރި ސެއިލިންގ ޔޮޓް "ލަގާން" އެވެ.

އެމްއެންޑީއެފް އިން ބުނީ އެ ޔޮޓު ހާލުގައި ޖެހުނީ ހުވަދު އަތޮޅު އުތުރުބުރީ ވިލިނގިލީ އިރުން 26 ނޯޓިކަލް މޭލު ބޭރުން ކަމަށެވެ. އެކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައި ވަނީ މި މަހުގެ 29 ވަނަ ދުވަހުގެ މެންދުރުފަހު 14:55 ހާއިރު އެވެ.

އެ ހާދިސާގެ މައުލޫމާތު ލިބުމާއެކު ޔޮޓް ހާލުގައި ޖެހުނު ސަރަހައްދުން ދަތުރުކުރި އާގު ބޯޓެއް ކަމުގައިވާ "އެކޯސަވާނާ" އާއި އިޓަލީގެ އެމްއާރުސީސީ ރޯމާއާއި އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ކުރި މަސައްކަތުން މިޔޮޓު މިހާރު ސަލާމަތްކޮށްފައިވާ ކަމަށް އެމްއެންޑިއެފް އިން ބުންޏެވެ.

އެ ޔޮޓް ރައްކާތެރިކަމާއެކު ގއ. ވިލިނގިލީ ބަނދަރަށް ވައްދާފައިވާއިރު ޔޮޓުން ދަތުރުކުރި ދެ މީހުންގެ ހާލު ވެސް ރަނގަޅު ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

comment ކޮމެންޓް