ފެލިވަރު ކްލަސްޓާއާ ގުޅިގެން އޮޅުވެލިފުށި ވެސް މޮނިޓަރިންގެ ހާލަތަށް ގެނެސްފި

ޅ. އޮޅުވެލިފުށި

ކޮވިޑް19ގެ ޕޮޒިޓިވް ކޭސްއެއް ފެނި، ޅ. އޮޅުވެލިފުށި މޮނީޓަރިން ހާލަތަށް ގެނެސްފި އެވެ.

އޮޅުވެލިފުށި ކައުންސިލްގެ ރައީސް މުހައްމަދު އާޒިމް "ސަން"އަށް ވިދާޅުވީ އެ ރަށުން ޕޮޒިޓިވްވީ ފެލިވަރުގައި މަސައްކަތްކުރާ މުވައްޒަފެއް ކަމަށެވެ.

"މިރޭގެ ވަގުތެއްގައި މޮނީޓަރިން ހާލަތަށް ގެނައީ. ފެލިވަރުގައި މަސައްކަތްކުރާ ސްޓާފެއްގެ ފަރާތުން ބަލީގެ އަލާމާތްތައް ފެނިގެން މި މަހުގެ 23ވަނަ ދުވަހު އޭނާ އެކަހެރިކޮށްފައި، 24ވަނަ ދުވަހު ސާމްޕަލް ނެގީ. ޕޮޒިޓިވް ކަމަށް ނަތީޖާ ލިބުނީ މިރޭ،" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ އޮޅުވެލިފުށިން ގިނަ ކޭސްތަކެއް ފެނިދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މި ކޭސްއާ ގުޅިގެން 25 މީހުންގެ ސާމްޕަލް ނަގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މައްސަލައަކީ އޭނަގެ ނަތީޖާވެސް ވަރަށް ލަހުން މި ލިބުނީ. ކޮންޓެކްޓް ޓްރޭސިންވެސް އެހެންވީމަ ވަރަށް ލަހުންތާ ހިނގާނީ. ހަތަރު ވަރަކަށް ދުވަހަށް ނަތީޖާ ލަސްވެގެން އެ ދިޔައީ. އެކަމަކުވެސް މީގެ ދެ ދުވަހެއް ކުރިން އޭނައާ ކޮންޓެކްޓްވި ވަރަށް ގިނަ މީހުން އެކަހެރި ކުރިން،" އާޒިމް ވިދާޅުވި އެވެ.

ޅ. އަތޮޅުން މިހާރު މޮނީޓަރިން ހާލަތަށް ުނގެނެސްއޮތީ ކުރެންދޫ އެކަންޏެވެ.

ކުރެންދޫ ކައުންސިލްގެ ނައިބު ރައީސް އައިޝަތު ވިޝާމާ ވިދާޅުވީ ފެލިވަރުގެ ކޭސްތަކާ ގުޅިގެން ކުރެންދޫގެ ދެގެއެއް ކަރަންޓީންކޮށްފައިވާ ކަމަށެވެ.

"އެއީ ފެލިވަރުގެ މުވައްޒަފެއް އެކަމަކު ފެލިވަރުން މީހަކު ޕޮޒިޓިވްވިއިރު މި މީހާ ހުރީ ނައިފަރުގައި. އެކަމަކު ޑައިރެކްޓް ކޮންޓެކްޓެއް ވީމަ ކަރަންޓީން ކުރީ، އަދި 10 މާޗުގެ ފަހުން ނައިފަރަށް ދަތުރުވެސް ކުރި ބައެއް އެއީ." އޭނާ ވިދާޅުވި އެވެ.

އެގޮތުން އިއްޔެ ފްލޫ ކްލިނިކުން އެއް ސާމްޕަލް އަދި ރެންޑަމް ސާމްޕަލްގެ ގޮތުގައި 35 ސާމްޕަލް ނަގާފައިވާ ކަމަށް ވިޝާމާ ވިދާޅުވި އެވެ.

ކޮންޓެކްޓް ޓްރޭސިންގެ ދަށުން 10 މާޗުގެ ފަހުން ނައިފަރަށް ދަތުރުކުރި ކަމަށް ނަން ނޯޓުކޮށްފައި ތިބި މީހުންގެ ތެރެއިން 16 މީހެއްގެ ސާމްޕަލް ކުރެންދޫއިން ވަނީ ނަގާފަ އެވެ. އެހެން ނަމަވެސް އަދި އެއްވެސް ސާމްޕަލެއްގެ ނަތީޖާ ނުލިބޭ ކަމަށް ވިޝާމާ ވިދާޅުވި އެވެ.

comment ކޮމެންޓް