ގަދަ ވަޔާއެކު އުދުހިގެން އައި ޓިނުގަނޑަކުން މީހަކު ސަލާމަތްވީ ކިރިޔާ

ވަޔާއެކު އުދުހިގެން އައި ޓިނުގަނޑެއް މަގުމައްޗަށް ވެއްޓޭ މަންޒަރު ފެންނަ ވީޑިއޯގެ ސްކްރީންޝޮޓެއް --

މާލޭގައި ވައިގަދަވުމުގެ ސަބަބުން ހަދަމުންދާ އިމާރާތަކުން "އުދުހިގެން" އައި ޓިނުގަނޑެއް މަގުމައްޗަށް ވެއްޓޭ ވީޑިއޯއެއް އާންމުވެއްޖެ އެވެ.

މާލެއަށް މިއަދު މެންދުރުއްސުރެ ދަނީ ވައިގަދަވެ ގަދައަށް ވިއްސާރަކުރަމުންނެވެ. އެގޮތުން، ބައެއް މަގުތަކުގައި ފެންބޮޑުވެފައިވާއިރު، ވައިގަދަވުމުގެ ސަބަބުން ބައެއް ތަންތަނަށް ގެއްލުންވެފައިވެ އެވެ.

މާލެއަށް ކުރަމުންދާ ވިއްސާރައިގެ ތެރެއިން ވައިދަވެ، ހަދަމުންދާ އިމާރާތަކުން ޓިނުގަނޑެއް މަގުމައްޗަށް ވެއްޓޭ މަންޒަރު ފެންނަ ވީޑިއޯއެއް "ސަން"އަށް ވަނީ ލިބިފަ އެވެ.

އެ ވީޑިއޯއިން ފެންނަ ގޮތުގައި ޓިނުގަނޑު ވަރަށް ބާރަށް މަގުމައްޗަށް ވެއްޓެ އެވެ. އެ ޓިނުގަނޑު ވެއްޓުނީ ޕީސީއެކްސް ސައިކަލެއްގައި އައި މީހެއްގެ ކުރިމައްޗަށެވެ.

އޭނާއަށް ޓިނުގަނޑު ފެނިގެން ސައިކަލު ހުއްޓާލިތާ ސިކުންތެއް ނުވަނީސް ކުރިމައްޗައް ބާރު ސްޕީޑުގައި ޓިނުގަނޑު ވެއްޓެ އެވެ. ބެލެވޭ ގޮތުގައި އެ ޓިނުގަނޑުން ޖެހުނު ނަމަ އެ މީހާއަށް ވަރަށް ބޮޑަށް އަނިޔާވާނެ އެވެ. އޭނާ ސަލާމަތްވީ ހަމަ ކިރިޔާ އެވެ.

މާލޭގައި މީގެ ކުރިން ވިއްސާރަ ދުވަސްވަރުގައި، ހަދަމުންދާ އިމާރާތްތަކުން އެއްޗެހި ވެއްޓި މީހުންނަށް އަނިޔާވި ހާދިސާތައް ހިނގާފައިވެ އެވެ.

މާލެއަށް ވިއްސާރަކުރަމުންދާއިރު، މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ވަނީ ށ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށް ޔެލޯ އެލާޓު ނެރެފަ އެވެ.

މެޓް އޮފީހުން ބުނެފައިވާ ގޮތުގައި އެ ސަރަހައްދަށް ބާރަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލު ބާރުމިނުގައި ވައި ގަވަދާނެ ކަމަށެވެ. އަދި ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

comment ކޮމެންޓް