ޔާމީން ބޭރަށް ފުރަން ރައީސް ޕްރެޝަރުކުރައްވާ: ޖަމީލް

ފެބްރުއަރީ 14، 2021: ރައީސް ޔާމީންގެ ގަނޫނީ ވަކީލުން ނޫސްވެރިންނަށް މައުލޫމާތު ދިނުން -- ސަން ފޮޓޯ/ ފަަޔާޒު މޫސާ

މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރާއްޖެއިން ބޭރަށް ފުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޕްރެޝަރުކުރައްވާ ކަމަށް ޔާމިންގެ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ޖަލަށް ލާން ހުކުމް ކުރި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ގޭ ބަންދަށް ބަދަލު ކުރީ އެ ދެ މީހުން ގޭބަންދުގައި ބައިތިއްބަން ޑޮކްޓަރުން ލިޔުން ދިނުމުން ކަމަށް ރައީސް ސޯލިހު އިއްޔެ ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް، ރައީސް ޔާމީންގެ ފަރާތްޕުޅުން އެފަދަ ލިޔުމެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ޑރ. ޖަމީލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަދީބާއި ޒިޔަތު ގޭގައި ތިބީ ޑޮކްޓަރެއްގެ ލިޔުމެއް އޮތުމުން ކަމަށް ރައީސް ވިދާޅުވުމަކީ ރައްޔިތުންނަކީ ތަނެއްދޮރެއް ނޭނގޭ ބައެއްކަމަށް ސިފަކުރުން ފަދަ ކަމެއް ކަމަށެވެ.

އަދީބާއި ޒިޔަތު ގޭ ބަންދަށް ބަދަލުކުރީ ރައީސް ޔާމީނާ ދެކޮޅަށް ހެކިދިނުމުން ބަދަލުގައި ދިން އިނާމެއްގެ ގޮތުގައި ކަމަށެވެ. ޖަމީލް ވިދާޅުވީ އެކަމުގެ ހެކި ވެސް އެބަހުރި ކަމަށާއި ރައީސް ޔާމީން ގެއަށް ބަދަލުކޮށް ސްޓްރެސް ފްރީ މާހައުލެއްގައި ބަހައްޓަން ޖެހޭ ކަމުގެ ލިޔުން ތަކުރާރުކޮށް ހުށަހެޅުމުން ވެސް އެ ލިޔުންތައް ގަބޫލުކޮށްފައި ނުވާ ކަމަށެވެ.

"ވަކިވަކިން ރައީސް ސޯލިހުގެ ފަރާތުން އެކިފަރާތްތައް މެދުވެރިކޮށް ޕްރެޝަރުކުރަމުންދަނީ ރައީސް ޔާމީން ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް. އެވަރުން ރައީސް ޔާމީން ރާއްޖެއިން ބޭރަށް ފޮނުވަން ކެތްމަދުވެގެން އުޅުއްވަނީ ކީތްވެބާ؟" ޖަމީލް ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ޒިޔަތަށް ކުރީ 11 އަހަރުގެ ޖަލު ހުކުމެކެވެ. އަދީބަށް ކުރީ 20 އަހަރުގެ ޖަލު ހުކުމެކެވެ. ނަމަވެސް، އެ ދެ މީހުންވެސް ހުކުމް ތަންފީޒު ކުރަމުން ދަނީ ގޭގަ އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ރައީސް ޔާމީނަށް އިއްވީ ފަސް އަހަރުގެ ޖަލު ހުކުމެކެވެ. އެމަނިކުފާނު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ޖަލުގަ އެވެ.

ރައީސް ޔާމީން ވަނީ މީގެކުރިން ސިއްހީ ހާލުކޮޅު ގޯސް ކަމަށް، ވިދާޅުވެ ހައިކޯޓުގައި ވެސް ޝަކުވާ އުފުއްލަވައިފަ އެވެ. އެގޮތުން އެމަނިކުފާނު ޖަލުގައި އޮންނަން ޖެހުމުގެ ސަބަބުން ނަފްސާނީ ގޮތުންނާއި ސިއްހީ ގޮތުން ނޭދެވޭ އަސަރު ކުރަމުން އަންނަކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނަށް ދިމާވެފައިވާ ސިއްހީ މައްސަލަތަކުގެ ތަފްސީލު ދެއްވަމުން ވިދާޅުވީ، އެމަނިކުފާނުގެ ހިތުގެ މައްސަލައެއް ނުވަތަ "އެނޮމަލީއެއް" ފެނިފައިވާ ކަމަށް ނޭޝަނަލް ކާޑިއެކް ސެންޓަރުގެ ޑޮކްޓަރަކު ވިދާޅުވެފައިވާ ކަމަށެވެ. އަދި މައްސަލަ އިތުރަށް ދެނެގަންނަން ރާއްޖެއިން އިތުރަށް ހެދޭނެ ޓެސްޓުތައް ނެތްކަމަށް ޑޮކްޓަރާ ހަވާލާ ދެއްވައި އެމަނިކުފާނު ވިދާޅުވި އެވެ. ދެން އިތުރު ޓެސްޓުތައް ހެދޭނީ ރާއްޖެއިން ބޭރުން ކަމަށް ވެސް ވިދާޅުވި އެވެ.

އޭގެ އިތުރުން އެމަނިކުފާނަށް މައިބަދައިގެ ޑިސްކުގެ މައްސަލައެއް ޖެހިފައިވާ ކަމަށްވެސް ވިދާޅުވި އެވެ. އެކަމާ ގުޅިގެން ހަދަން ޖެހޭ ސާޖަރީއެއް ހަދަން ރާއްޖެއިން ބޭރަށް ވަޑައިގަންނަަވަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

comment ކޮމެންޓް