ފިޝަރީޒް މިނިސްޓަރުގެ އިތުބާރުގެ މައްސަލަ އިދިކޮޅުން މަޖިލީހަށް ވައްދައިފި

އޭޕްރީލް 11، 2020: ކޮވިޑް19 އާއި ގުޅުން ހުރި މައުލޫމާތު ދިނުމަށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދޭ ކަމަށް ބުނެ، އިދިކޮޅު 11 މެންބަރެއްގެ ސޮޔާ އެކު ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދުގެ އިތުބާރުގެ މައްސަލަ އިދިކޮޅުން މަޖިލީހަށް ވައްދައިފި އެވެ.

މަޖިލީހަށް ހުށަހެޅި މިނިސްޓަރު ޒަހާގެ އިތުބާރު ނެތްކަމުގެ އެ މައްސަލައިގައި ބުނެފައިވާ ގޮތުގައި އޭނާގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅަން ޖެހުނީ މި ސަރުކާރުން މަސްވެރިންނަށް ވެފައިވާ އެތައް ވައުދެއް ފުއްދުމުގައި މިނިސްޓަރަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރެވޭތީ އެވެ. އެގޮތުން އެ މައްސަލައިގައި ބުނެފައި ވަނީ މަހަށް ހަމަ އަގު ހޯދައިދިނުމާއި މަސްވެރިންނަށް އައިސްލިބޭނެ ގޮތާއި މަސްވެރިންގެ ޖީބަށް ޑޮލަރު ލިބޭނެ ގޮތް ހަދައިދިނުމަށް މި ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދެމުން ނުދާ ކަމަށެވެ.

އިތުބާރު ނެތް ކަމުގެ މައްސަލައިގައި ސޮއި ކުރެއްވީ ރައްޔިތުން މެންބަރުންނަކީ ރައްޔިތުން މަޖިލީހުގެ މައިނޯރިޓީ ލީޑަރު އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް އާއި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އާއި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އާއި ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫނާއި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދާއި ގުރައިދޫ ދާއިރާގެ އިބްރާހިމް ރިޒާ އާއި ފަރެސްމާތޮޑާ ދާއިރާގެ ހުސައިން މުހައްމަދު ލަތީފާއި މަހިބަދޫ ދާއިރާގެ އަހުމަދު ތޯރިގާއި ފެލިދޫ ދާއިރާ އިބްރާހިމް ފަޒުލް ރަޝީދާއި
ނޮޅިވަރަމް ދާއިރާގެ މުހައްމަދު ނަޝީދު އަބްދުﷲ އަދި ކާށިދޫ ދާއިރާގެ އަބްދުﷲ ޖާބިރެވެ.

މަސްވެރިންގެ އާ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގިނަ ގަވައިދުތަކެއް ނުހެދި ލަސްވުމުގެ ސަބަބުން ޒަހާ ވަނީ މީގެ ކުރިން މަޖިލީހަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.

ޒަހާ އަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްގެ ސްލޮޓެއްގައި މިނިސްޓަރުކަމަށް ވަޑައިގަތް ބޭފުޅެކެވެ.

މިފަހުން ރައްޔިތުންގެ މަޖިލީހުން ވަނީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މިނިސްޓަރުކަމުގައި ހުންނެވި މަލީހު ޖަމާލް އެ މަގާމުން ވަކިކޮށްފަ އެވެ.

comment ކޮމެންޓް