ޓެކްސް ދައްކާ ފަރާތްތައް ރަޖިސްޓަރީކުރަން އެހީތެރިކަން ފޯރުކޮށްދޭން މީރާއިން ކެމްޕޭނެއް ފަށައިފި

އޮކްޓޯބަރ 1، 2019: މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ޓެކުހުގެ ގާނޫނުތަކުގެ ދަށުން މީރާގައި ރަޖިސްޓަރީކުރަން ޖެހޭ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ރަޖިސްޓަރީކުރެވިފައި ނުވާ ފަރާތްތައް ރަޖިސްޓަރީކުރުމަށް ބާރުއަޅައި އެހީތެރިވާން ހާއްސަ ކެމްޕޭނެއް ފަށައިފި އެވެ.

މީޜާއިން ބުނީ އެ ކެމްޕޭނަކީ މިއަހަރު ތައާރަފްކޮށްފައިވާ މީރާގެ ކޮމްޕްލަޔަންސް ރިސްކް މެނޭޖްމަންޓް ޕްލޭންގެ ދަށުން ހިންގާ ހަރަކާތެއް ކަމަށެވެ.

އެ ކެމްޕޭނުގެ މަގްސަދަކީ ޓެކުހުގެ ގާނޫނުތަކުގެ ދަށުން މީރާގައި ރަޖިސްޓަރީކުރަން ޖެހޭ ފަރާތްތަކަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދީ، މީރާގައި ރަޖިސްޓަރީކުރުމަށް އެހީތެރިވެދިނުމުގެ އިތުރުން، އެ ފަރާތްތަކުން އަދާކުރަންޖެހޭ ޓެކުހާ ގުޅޭ އިލްތިޒާމުތައް ފުރިހަމަކުރުމަށް އެހީތެރިވެދިނުމެވެ.

އެ ކެމްޕޭނުގެ ދަށުން މީރާގައި ރަޖިސްޓަރީ ކުރަން ހުށަހަޅާ ފަރާތްތަކަށް ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމަށް ވެސް ނިންމާފައިވާ ކަމަށް މީރާއިން ބުނެ އެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީކުރުމަށް ހުށަހަޅަން ޖެހެނީ MIRA 117 (އިންކަމް ޓެކްސް ރެޖިސްޓްރޭޝަން) ފޯމެވެ. އަދި ޖީއެސްޓީއަށް ރަޖިސްޓަރީ ކުރަން ހުށަހަޅަންޖެހެނީ MIRA 105 (ޖީއެސްޓީ ރެޖިސްޓްރޭޝަން) ފޯމެވެ.

އެހެންކަމުން އެ ކެމްޕޭނުގެ ތެރެއިން ޓެކުހުގެ ގާނޫނުތަކުގެ ދަށުން ރަޖިސްޓަރީކުރަން ޖެހޭ އެހެން ނަމަވެސް މިހާތަނަށް ރަޖިސްޓަރީކޮށްފައި ނުވާ ފަރާތްތަކުން ރަޖިސްޓަރީ ކުރަން ހުށަހެޅުމަށް މީރާއިން އިލްތިމާސްކުރެ އެވެ.

comment ކޮމެންޓް