މަސްވެރިކަމުގައި އުޅުނު މީހެއްގެ ލޮލަށް ބުޅިއެއް ހެރިއްޖެއެވެ.
އެމްއެންޑީއެފް އިން ބުނީ ޅ. "މުލީ ބޮއި" ކައިރީގައި މަސްވެރިކަމުގައި އުޅުނު "ރުއްކުރި" ކިޔާ ދޯނީގެ ފަޅުވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން ސިއްހީ އަވަސް ފަރުވާގެ އެހީ ފޯރުކޮށްދިނުމަށް އެމްއެންޑީއެފް ނަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
ހާދިސާގައި އަނިޔާވީ 35 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.
މި ހާދިސާގެ ހަބަރު ލިބުނީ މިއަދު ހެނދުނު 7:30 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
ލޮލަށް ބުޅި ހެރުނު މީހާ އަށް އިތުރު ފަރުވާ ދިނުމަށް ވަނީ ޅ ނައިފަރަށް ގެންގޮސްފައެވެ.
މަސްވެރިކަމަށް ނުކުމެ އުޅޭ އިރު ލޮލަށް ބުޅި ހެރުމުގެ ހާދިސާތައް ދޭތެރެ ދޭތެރެއިންް ހިނގައެވެ. ދޮށީގައި ބުޅިއާ އެކު ބޭނުންކުރާ ބަރުން ޖެހިގެން ވެސް ލޮލަށް އަނިޔާވެފައި އެބަ ހުއްޓެވެ.
އެފަދަ ހާދިސާތަކުގައި ބައެއް މީހުންގެ ލޮލުގެ ފެނުން އެއްކޮށް ގެއްލޭ ހާލަތްތައް ވެސް ދިމާވެ އެވެ. އެހެންކަމުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގޮގުލްސް އަޅައިގެން ބައެއް މީހުން ހަރަކާތްތެރިވެ އެވެ.