ކުޑަކުއްޖަކާ ބެހުމުގެ ތުހުމަތުގައި ފެހެންދޫ ކައުންސިލްގެ ނައިބު ރައީސް ހައްޔަރުކޮށްފި

އިބްރާހިމް ފަޒީލް: ހައްޔަރުކުރި ފެހެންދޫ ކައުންސިލްގެ ނައިބު ރައީސް --

ބ. ފެހެންދޫ ކައުންސިލްގެ ނައިބު ރައީސް ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.

ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް ފަޒީލް ހައްޔަރުކުރިކަން އެ ރަށު ކައުންސިލުން "ސަން"އަށް ކަށަވަރުކޮށްދެ އެވެ. ކައުންސިލުގެ މެމްބަރަކު ވިދާޅުވި ގޮތުގައި އޭނާ ހައްޔަރު ކުރީ އިއްޔެ އެވެ.

އެނގިފައިވާ ގޮތުގައި އޭނާ ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކުރެވެނީ އުމުރުން ނުވަ އަހަރުގެ ކުޑަ ފިރިހެން ކުއްޖަކަށެވެ.

އޭނާ އެކަން ކުރީ އެކި ދުވަސް މަތިން އެ ކުއްޖާ ފެހެންދޫ ބަކަރިކޮށި ކައިރިން ވަލަށް ގެންގޮސްގެނެވެ. އެއީ މީހުން ދިރިއުޅޭ ސަރަހައްދާ ދުރު ތަނެކެވެ.

އެނގިފައިވާ ގޮތުގައި އެކަން އެ ކުއްޖާގެ އާއިލާއަށް އެނގިގެން ފުލުހުންނަށް މައްސަލަ ޖެއްސުމުން ފުލުހުންނާއި ޖެންޑާ މިނިސްޓްރީއިން ވަނީ މައްސަލަ ބަލަން ފަށައި ކުއްޖާގެ ބަޔާންވެސް ނަގައިފަ އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުވާ މައްސަލައެއްގައި 34 އަހަރުގެ މީހަކު އިއްޔެ މެންދުރު 2:30 އެހާއިރު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި ބުނީ އިތުރަށް އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް