މަލީހު މަގާމުން ދުރުކުރަން ވޯޓުދޭން އެމްޑީޕީ ޕީޖީ ގުރޫޕުން މެންބަރުންނަށް އަންގައިފި

ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ވާހަކަ ދައްކަވަނީ--- ސަން ފޮޓޯ: ފަޔާޒު މޫސާ

ކޮމިޔުނިކޭޝަންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލުގެ އިތުބާރު ނެތް ކަމަށް ފާސްކުރަން އެމްޑީޕީގެ މެންބަރުންނަށް އެ ޕާޓީގެ ޕީޖީ ގުރޫޕުން މިއަދު އިރުޝާދު ދީ އާންމުކޮށް އަންގައިފި އެވެ.

އެމްޑީޕީގެ 14 މެންބަރަކު ސޮއިކޮށް މަލީހު ވަކިކުރަން ހުށަހަޅާފައިވާ މައްސަލަ މާދަމާއަށް އެޖެންޑާކޮށްފައި ވަނިކޮށް އެމްޑީޕީ ޕީޖީ ގުރޫޕުން މެންބަރުންނަށް މިއަދު އިރުޝާދު ދިނީ މަލީހުގެ އިތުބާރު ނެތް ކަމުގެ ވޯޓުގައި އޭނާގެ އިތުބާރު ނެތް ކަމަށް ވޯޓު ދިނުމަށެވެ. ޕީޖީ ގްރޫޕުގެ ފަރާތުން އެ އެންގުން އެމްޑީޕީ މެންބަރުންނަށް ދިނީ މަލީހު ވަކިކުރަން ރައީސްއަށް ދަންނަވާ އެކަން ނުކޮށްފި ނަމަ އިތުބާރު ނެތް ކަމަށް ފާސްކުރަން މިދިޔަ އަހަރުގެ ނޮވެމްބަރުގައި ޕީޖީ ގުރޫޕުން ނެރެފައިވާ ވިޕާ ހަވާލާދީކަން އެނގިފައިވެ އެވެ.

https://sun.mv/145886

އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް އިސްކޮށް ހުންނަވާ ހުށަހެޅުއްވި އެ މައްސަލައިގައި މަލީހަށް ގާނޫނީ ގޮތުން ދޭން ޖެހޭ ނޯޓިސް މަޖިލީހުން ފޮނުވީ މި މަހުގެ 14 ވަނަ ދުވަހު އެވެ. އެ ނޯޓިސް ގަބޫލު ނުކުރާ ކަމަށް މަލީހު ވިދާޅުވެފައިވެ އެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ވަޒީރު ކަމަށް ވަޑައިގެންނެވި މަލީހު ވަކިކުރަން އެމްޑީޕީން ހުށަހެޅި އިރު، އޭނާގެ މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރާ ކަމަށް ބުނެ އެމްޑީޕީގެ މަޖިލިސް މެމްބަރުން އަންނަނީ އަބަދުވެސް އޭނާއަށް ފާޑު ވިދާޅުވަމުންނެވެ. އެގޮތުން އިންޓަނެޓް އަގުހެޔޮ ނުވުމާއި އިންޓަނެޓުގެ ސްޕީޑް ލަސްވުމަކީ މަލީހު ޒިންމާ އަދާނުކުރާތީ ކަމަށް ބުނެ މެންބަރުން ފާޑުކިޔަ އެވެ.

މަޖިލިސް ގަވައިދުގެ 207 ވަނަ މާއްދާގެ (ށ) ގައި ވާގޮތުން ވަޒީރެއްގެ އިތުބާރު ނެތްކަމުގައި ބަހުސްގައި އަނގަބަހުންނާއި ލިޔުމުން ޖަވާބު ދާރިވުމުގެ ފުރުސަތު އެ ވަޒީރަކަށް ދޭން ވާނެ އެވެ.

ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ފާސްވާނީ ވޯޓުގެ އަޣުލަބިއްޔަތު ލިބިގެން ކަމަށް މަޖިލިސް ގަވައިދުގައި ވަނީ ބުނެފަ އެވެ. އެމްޑީޕީން ތްރީލައިން ވިޕެއް ނެރުމުން މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފާސްވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.

comment ކޮމެންޓް