މަލީހު މަގާމުން ވަކިކުރުމުގެ މައްސަލަ މާދަމާއަށް އެޖެންޑާކޮށްފި

ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ވާހަކަ ދައްކަވަނީ--- ސަން ފޮޓޯ: ފަޔާޒު މޫސާ

ސައިންސް އެންޑް ކޮމިޔުނިކޭޝަންސް މިނިސްޓަރު މަލީހު ޖަމާލުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މާދަމާއަށް އެޖެންޑާކޮށްފި އެވެ.

ރައްޔިތުން މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންތައްތަކުގެ ގޮތުގައި މާދަމާގެ ޖަލްސާގެ އެޖެންޑާގައި ވަނީ އެމްޑީޕީގެ 14 މެންބަރުން ސޮއިކޮށް ހުށަހަޅާފައިވާ މަލީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް އިސްކޮށް ހުންނަވާ ހުށަހެޅުއްވި އެ މައްސަލައިގައި މަލީހަށް ގާނޫނީ ގޮތުން ދޭން ޖެހޭ ނޯޓިސް މަޖިލީހުން ފޮނުވީ މި މަހުގެ 14 ވަނަ ދުވަހު އެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ވަޒީރު ކަމަށް ވަޑައިގެންނެވި މަލީހު ވަކިކުރަން އެމްޑީޕީން ހުށަހެޅި އިރު، އޭނާގެ މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރާ ކަމަށް ބުނެ އެމްޑީޕީގެ މަޖިލިސް މެމްބަރުން އަންނަނީ އަބަދުވެސް އޭނާއަށް ފާޑު ވިދާޅުވަމުންނެވެ. އެގޮތުން އިންޓަނެޓް އަގުހެޔޮ ނުވުމާއި އިންޓަނެޓުގެ ސްޕީޑް ލަސްވުމަކީ މަލީހު ޒިންމާ އަދާނުކުރާތީ ކަމަށް ބުނެ މެންބަރުން ފާޑުކިޔަ އެވެ.

މަޖިލިސް ގަވައިދުގެ 207 ވަނަ މާއްދާގެ (ށ) ގައި ވާގޮތުން ވަޒީރެއްގެ އިތުބާރު ނެތްކަމުގައި ބަހުސްގައި އަނގަބަހުންނާއި ލިޔުމުން ޖަވާބު ދާރިވުމުގެ ފުރުސަތު އެ ވަޒީރަކަށް ދޭން ވާނެ އެވެ.

ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ފާސްވާނީ ވޯޓުގެ އަޣުލަބިއްޔަތު ލިބިގެން ކަމަށް މަޖިލިސް ގަވައިދުގައި ވަނީ ބުނެފަ އެވެ.

comment ކޮމެންޓް