ރާއްޖެއިން ކޮވިޑުގެ އިތުރު މަރެއް، އަދަދު 62 އަށް

ޖޫން 8، 2020: ކޮވިޑް ފެތުރޭތީ އާންމުން މާސްކު އަޅައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19 ޖެހިގެން ރާއްޖެއިން އަނެއްކާ ވެސް މިއަދު މީހަކު މަރުވެއްޖެ އެވެ.

އިތުބާރު ހުރި މަސްދަރަކުން "ސަން"އަށް އެނގިފައިވާ ގޮތުގައި ކޮވިޑްގައި މަރުވެފައި ވަނީ 62 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި އޭނާ އަކީ މި ބަލީގައި ރާއްޖެއިން މަރުވި 62 ވަނަ މީހާ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނި ގޮތުގައި މަރުވި އެ މީހާ އަކީ ދަރުމަވަންތަ ވިންގުގެ ކޮވިޑަށް ވޯޑު، ޑީއެޗް-11ގައި ފަރުވާ ދެމުންދިޔަ މީހެކެވެ. އޭނާގެ ޖަނާޒާ މިއަދު ހެނދުނު ހުޅުމާލޭ ސަހަރާގައި ވަނީ ބާއްވައިފަ އެވެ.

އިއްޔެވެސް ވަނީ މި ބަލީގައި ރާއްޖެއިން މީހަކު މަރުވެފަ އެވެ. އިއްޔެ މަރުވީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ އުމުރުން 80 އަހަރުގެ ދިވެހި އަންހެނެކެވެ.

މަރުތައް މައްޗަށް

ކޮވިޑުގައި މަރުވާ މީހުންގެ އަދަދު - ގްރާފް/ އެޗްޕީއޭ

ވެރިރަށް މާލޭގައި ކޮވިޑުގެ ރޯގާ ބާރު މިނުގައި ފެތުރި މަރުވާ މީހުންގެ އަދަދު ވަނީ ގިނަވާން ފަށައިފަ އެވެ. އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މިއަހަރުގެ ޖެނުއަރީގެ ނިޔަލަށް ކޮވިޑްގައި ރާއްޖެއިން މަރުވީ ހަ މީހުންނެވެ. އެހެން ނަމަވެސް، މިމަހުގެ ތެރޭ އެކަނި ކޮވިޑްގައި އަށް މީހަކު ވަނީ ރާއްޖެއިން މަރުވެފަ އެވެ.

މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު މިހާރު މި ވަނީ 62 އަށް އަރައިފަ އެވެ.

ކޮވިޑް ވަރަށް ބާރަށް ފެތުރެނީ

ފްލޫ ކުލިނިކްތަކަށް އަންނަ ރެންޑޮމް މީހުން ޕޮޒިޓިވްވާ އަދަދު -- ގްރާފް/ އެޗްޕީއޭ

ކޮވިޑުގައި ސްޕްރެޑް ނޫނީ އާންމު މުޖުތަމައުގައި ކޮވިޑް ފެތުރޭ މިންވަރު އެންމެ ފަސޭހައިން ދެނެގަންނަނީ ފްލޫ ކުލިނިކުތަކާއި ހޮސްޕިޓަލްތަކަށް އަންނަ އާންމު މީހުން ޕޮޒިޓިވްވާ މިންވަރު ބަލައިގެންނެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެ ނަމްބަރު ވަނީ 5.6 އިން 7.4 އަށް މައްޗަށް ޖެހިފަ އެވެ. އެޗްޕީއޭއިން ލަފާކުރާ ގޮތުގައި ދެ ވަނަ ޕީކް ނުވަތަ ދެވަނަ ރާޅަށް ވުރެ މި ތިން ވަނަ ރާޅުގައި ކޭސްތައް ގިނަވި ނަމަވެސް ފްލޫ ކުލިނިކްތަކުން ޕޮޒިޓިވްވާ ނަމްބަރު ދަށްވެފައި ވަނީ އަލާމާތް ފެނުނު ނަމަވެސް ގިނަ މީހުން ފްލޫ ކުލިނިކްތަކަށް ގޮސް ޓެސްޓް ނުހަދާތީ އެވެ.

އެހެންކަމުން އެޗްޕީއޭގެ ލަފާކުރުމަކީ ދެވަނަ ރާޅަށް ވުރެވެސް މި ތިން ވަނަ ރާޅުގައި ކޮވިޑް މާ ބޮޑަށް ފެތުރެމުންދާ ކަމަށެވެ. ސަބަބަކީ ބާރަށް ފެތުރޭ ކޮވިޑްގެ އާ ވައްތަރުތައް މިހާރު ރާއްޖޭގައި ވެސް ފެތުރެމުން ދިޔުން ކަމަށް އެޗްޕީއޭގެ ދިރާސާތަކުން ދައްކާފައިވެ އެވެ.

ސިއްހީ ނިޒާމަށް ބާރުބޮޑުވެއްޖެ

ހޮސްޕިޓަލްގައި އެނދުމަތިކޮށް ފަރުވާދޭ އަދަދު -- ގްރާފް/ އެޗްޕީއޭ

ކޮވިޑުގެ އެންމެ ބޮޑު އެއް ނުރައްކަލަކީ ބަލި ޖެހޭ މީހުން ގިނަވެ ހޮސްޕިޓަލްތައް ފުރި، ބަލި މީހުންނަށް އެކަށީގެންވާ ފަރުވާ ނުދެވި ހާލު ބޮޑުވެގެން މަރުވާ މީހުން ގިނަވުމެވެ. ހެލްތް ނިޒާމަށް ބާރު ބޮޑުވެ ފެއިލްކޮށްލާ ފެއިލްކޮށްލުމެވެ. އޭގެ ސަބަބުން އެތައް ފުރާނައެއް ގެއްލިދެ އެވެ.

އެޗްޕީއޭއިން ބުނީ މިހާރު ރާއްޖެއާ ލައްވާލާފައި މިވާ ކޮވިޑްގެ ތިން ވަނަ ރާޅުގައި ދެވަނަ ރާޅަށް ވުރެވެސް އެނދުމަތި ކުރަން ޖެހޭ މީހުންގެ އަދަދު ގިނަވެފައިވާ ކަމަށެވެ. އެގޮތުން މި މަހުގެ ތެރޭ އެނދުމަތިކޮށް ފަރުވާ ދެމުންދާ މީހުންގެ އަދަދު 209 އަކަށް އެރި އެވެ. މާލޭ ސަރަހައްދުގައި ކޮވިޑަށް ފަރުވާދޭން ހުރީ ވެސް 267 އެނދެވެ. އޭގެ ކުރިން ދެވަނަ ރާޅުގައި އެންމެ ގިނައިން ވެސް އެނދުމަތި ކުރަން ޖެހުނީ 179 މީހެކެވެ.

އެނދުމަތި ކުރާ މީހުންގެ އަދަދު ގިނަވުމާ އެކު އެޗްޕީއޭއަށް މިހާރު މަޖުބޫރުވެފައި ވަނީ އެނދުމަތި ކުރާ ކްރެޓީރިއާ ލުއިކޮށް ގިނަ އެނދުތައް އަވަހަށް ހުސްކުރާށެވެ.

އެޗްޕީއޭއިން ބުނި ގޮތުގައި މި މަހުގެ ދެވަނަ ދުވަހުން ފެށިގެން އެނދުމަތިކޮށް ފަރުވާ ދޭ މީހުން އެނދުމަތިކޮށް ފަރުވާ ދޭނީ 10 ދުވަހަށެވެ. އެއަށް ފަހު މޮނީޓާކޮށް މީހާގެ ހާލަތު ބެލުމަށް ފަހު ކިރިޔާ ވެސް ގެއަށް ބަދަލުކުރެވެން އޮތް މީހަކު ގެއަށް ބަދަލު ކުރަނީ އެވެ. މީގެ ކުރިން އެނދުމަތިކޮށް 14 ދުވަހު ފަރުވާދެ އެވެ. އެހެން ނަމަވެސް އެޗްޕީއޭއިން ބުނީ ވަރަށް ހާލު ބޮޑު މީހުންނަށް ފަރުވާ ދޭން އެނދު ބޭނުން ވާތީ އެހެން ހަދަން މަޖުބޫރުވީ ކަމަށެވެ.

މިރާޅު އެހާ ބިޔަވެ، ނުރައްކާވީ ކީއްވެ؟

ކޮވިޑްގެ ފިޔަވަޅުތަކާ އެކު ކޭސްތަކަށް އަންނަ ބަދަލު -- ގްރާފް/ އެޗްޕީއޭ

އެޗްޕީއޭއަށް ވެސް އެންމެ ބޮޑު ހައިރާން ކަމަކަށް ވީ ކޭސްތައް ގިނަވާން ފެށުމުން ޖެނުއަރީން ފެށިގެން ކާފިއު އިއުލާންކޮށް ފިޔަވަޅުތައް ހަރުކަށި ކުރި ނަމަވެސް އަދަދުތައް އަދިވެސް ދަށްވަމުން ނުގޮސް މައްޗަށް ދިޔުމެވެ. އެޗްޕީއޭގެ މިހާރުގެ ލަފާކުރުމަކީ ބާރަށް ފެތުރޭ ކޮވިޑްގެ އާ ވައްތަރުގެ އިތުރަށް އާންމުން އަދިވެސް އެއްވެ މަސްހުނިވާ މިންވަރު ގިނައީ އެވެ. މީހުން ފިޔަވަޅުތަކަށް ބޯލަބާވަރު ކުޑައީ އެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ދެވަނަ ރާޅުގައި ހަފްތާއެއްގެ ތެރޭ 970 ކޭސް ފެނިފައިވީ ނަމަވެސް މި ތިން ވަނަ ރާޅުގައި ހަފްތާއަކު 1،000 ކޭސް ދަނީ ފެންނަމުންނެވެ. މިއީ އިންތިހާއަށް މަތީ އަދަދެއް ކަމަށް އެޗްޕީއޭއިން ބުނެ އެވެ. މި ތިން ވަނަ ރާޅު ބިޔަވެ ނުރައްކާ ވަނީ ކޮވިޑް ޖެހޭ މީހުން ގިނަވެ އަދި ފިޔަވަޅުތަކުން ވެސް އަދަދުތައް ދަށްވަމުން ނުދިޔުމެވެ.

މި ކަންބޮޑުވުމާ އެކު އެޗްޕީއޭގެ އިލްތިމާސް އަކީ ގިނަ ވަގުތު ގެއިން ބޭރުގައި ނޫޅި މިދުވަސްވަރު ގޭގައި މަޑުކުރުމެވެ. ގެއިން މަސައްކަތް ކުރުމާއި މީހުންނަށް ޒިޔާރަތްކުރުމާއި ބައްދަލުކުރުން ހުއްޓާލުމާއި އާންމުންކޮށް ދިމާވާ މީހުން ދިމާވުން ނުވަތަ ބައްދަލުވާ އެއް ބަބުލްއެއް ގެންގުޅުން އަދި ކެފޭތަކާއި ރެސްޓޯރަންޓްތަކަށް ނުދިޔުމެވެ.

މިހާރު ހުރި ސްޕްރެޑް ކޮންޓްރޯލް ކުރުމަށް އެޗްޕީއޭއިން ވަނީ މީހުން މަސްހުނިވުން ކުޑަކުރަން ރޭގަނޑު 11:00 އިން ފަތިހު 4:30 އަށް ކާފިއު އިއުލާންކޮށްފަ އެވެ. އަދި އިރުއޮއްސި 6:00 އިން ފެށިގެން ހެނދުނު 6:00 އާ ހަމައަށް މާލޭގައި އުޅަނދުތައް ދުއްވުން ވަނީ މަނާކޮށްފަ އެވެ. އަދި ކެފޭ ރެސްޓޯރަންޓުތައް ރޭގަނޑު 8:00ގެ ފަހުން ބަންދުކުރަން ޖެހެ އެވެ. ޔުނިވަސިޓީތަކާއި ކޮލެޖްތައް ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދޭން ފަށާފައިވާ އިރު ގުރޭޑް 8 އިން ފެށިގެން މަތީގެ ކުލާސްތަކަށް ވެސް ވަނީ އޮންލައިންކޮށް ކިޔަވައިދޭން ފަށައިފަ އެވެ.

އިއްޔެގެ އިރުއޮއްސި 6:00 އާ ހަމައަށް އިތުރު 118 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އަދި އެނދުމަތިކޮށް 170 މީހަކަށް ފަރުވާދެމުން ދެ އެވެ. އަދި ރާއްޖޭގައި މިވަތު ކޮވިޑްގެ 2،397 އެކްޓިވް ކޭސް ރެކޯޑްކޮށްފައިވެ އެވެ. އަދި މާލެއިން އެކަނި އެވްރެޖްކޮށް ދުވާލަކު 100 އަށް ވުރެ ގިނަ ކޭސް ފެނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް