ސިއްހީ ކުއްލި ނުރައްކަލުގެ ނާޖާއިޒް ފައިދާ ސަރުކާރުން ނަގާ: ޝިޔާމް

އިދިކޮޅުން ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގައި ޝިޔާމް ވާހަކަ ދައްކަވަނީ ---

ކޮވިޑް19ގެ ބަލިމަޑުކަމުން ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅުތައް އެޅުމަށް އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ފައިދާ މި ސަރުކާރުން ނަގާ ކަމަށް އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާ މެމްބަރު އަހްމަދު ޝިޔާމް ތުހުމަތު ކުރައްވައިފި އެވެ.

މިއަދު އިދިކޮޅީ ޕީޕީއެމް/ޕީއެންސީން ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގައި ޝިޔާމް ވިދާޅުވީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ބޭނުން ހިފައިގެން ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދީފައިވާ އެތަށް ހައްގެއް، ސަރުކާރުން ނިގުޅައިގަންނަމުންދާ ކަމަށެވެ. އަދި އެއީ ކުރެވޭނެ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އާންމު ސިއްހަތު ރައްކާތެރިކުމުގެ ގާނޫނުގެ ދަށުން އިއުލާންކޮށްފައިވާ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ނާޖާއިޒް ފައިދާ މި ސަރުކާރުން ނަގަމުންދާކަން އަޅުގަނޑު ފާހަގަ ކުރަން،" ޝިޔާމް ވިދާޅުވި އެވެ.

"[ސިއްހީ ކުއްލި ނުރައްކަލުގެ] ހާލަތުގެ ދަށުން، އެކުލަވާލާ އުސޫލެއްގެ ދަށުން، ގާނޫނުއަސާސީން ލިބިދޭ އެއްވެސް ހައްގެއް ނިގުޅައިގަނެވޭނެ ކަމަށް ގަބޫލެއް ނުކުރަން،"

އޭނާ ވިދާޅުވީ، އެ ހާލަތުގެ ބޭނުން ނާޖާއިޒް ފައިދާ ސަރުކާރުން ނަގަނީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅުގެ ހަރަކާތްތަކަށް ހުރަސް އެޅުމުގެ ގޮތުން ކަމަށެވެ.

"މި ޕާޓީގެ ހަރަކާތްތަކަށް ހުރަސް އެޅުމަށްޓަކައި މުޅި ދައުލަތް އެކީ މިވަގުތު މަސައްކަތް ކުރަމުން ދަނީ،" ޝިޔާމް ވިދާޅުވި އެވެ.

ފުލުހުންނާއި މިނިވަން މުއައްސަސާތަކުންވެސް އިދިކޮޅު ހަރަކާތްތަކަށް ހުރަސް އަޅަމުންދާ ކަމަށް ޝިޔާމް ތުހުމަތު ކުރެއްވި އެވެ. އެގޮތުން އިލެކްޝަންސް ކޮމިޝަން އާއި ހިއުމަންރައިޓްސް ކޮމިޝަނުން އެ ޕާޓީގެ ހަރަކާތްތައްކަށް ހުރަސް އެޅުމަށް އިންޒާރު ދެމުންދާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"މިއީ ކޮންކަހަލަ ޑިމޮކްރަސީއެއްތޯ އަޅުގަނޑުމެން ސުވާލުކުރަން. ޑިމޮކްރަސީއާއެކު ތަހުޒީބު މުޖްތަމައުގައި އަޅުގަނޑުމެންނަށް މި ފެންނަނީ ވަރަށް ތާނަހުޒީބު މަންޒަރެއް،" ޝިޔާމް ވިދާޅުވި އެވެ.

ފުލުހުން މުޒާހަރާއަށް ހުރަސް އެޅުމަކީވެސް ނާތަހުޒީބު އަމަލެއްގެ ގޮތުގައި ޝިޔާމް ވިދާޅުވި އެވެ. އެގޮތުން ފުލުހުން މުޒާހަރާގެ ބައިވެރިނަށް އަނިޔާވާ ގޮތަށް އަމަލު ކުރާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

މިއަދުގެ މުޒާހަރާ ތެރެއިން ފުލުހުންނަށް ފިލަން ކެފޭއަށް ވަތް ބައެއްގެ ގައިގައި ޖެހި، އެ ކެފޭ ކުރި މަތީ ހުރި މުޒާހަރާގެ ބައިވެރިއެއްގެ ބޯ ވަނީ ފަޅައިގެން ގޮސްފައެވެ. އޭނާއަށް އައިޖީއެމްއެޗްގައި މިހާރު ދަނީ ފަރުވާ ދެމުންނެެވެ.

މުޒާހަރާގެ ކުރިން ހޯމްމިނިސްޓްރީންނާއި ފުލުހުން ވަނީ ބަޔާނެއް ނެރެ، އެޗްޕީއޭގެ ގައިޑްލައިނާ ހިލާފަށް އެއްވެސް ހަރަކާތެއް ހިންގުމަށް ސަރުކާރުން ޖާގަ ނުދޭނެ ކަމަށް ބުނެފައެވެ.

މިއަދުގެ މުޒާހަރާ ފެށުމުގެ ކުރިން ފުލުހުން ވަނީ ޕީޕީއެމް/ޕީއެންސީ އޮފީސް ބަަންދުކޮށް، ބައެއް އިސް ބޭފުޅުން ފުލުހުންގެ ބެލުމުގެ ދަށަށްވެސް ގޮންގޮސްފަ އެވެ. އެގޮތުން 28 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ. އޭގެ ތެރޭގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާ މެމްބަރު މުހައްމަދު ޣައްސާން މައުމޫނާއި ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޝާހިދާއި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ހިމެނިވަޑައިގަންނަވަ އެވެ.

ކޮވިޑް ކޭސްތައް ގިނަވެ، ބަލި ކޮންޓްރޯލް ކުުރުމަށް އެޗްޕީއޭއިން ބޮޑެތި ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން މާލޭގައި 10 މީހުންނަށްވުރެ ގިނަ މީހުން އެއްފަހަރާ އެއްވުން އޮތީ މަނާކޮށްފަ އެވެ.

comment ކޮމެންޓް