ނަޖީބު ރައްޒާގުގެ އަނބިކަނބަލުންގެ ޝަރީއަތް ކުރިއަށްގެންދަން ކޯޓުން އަންގައިފި

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ އަނބިކަނބަލުން ރޮސްމާ މަންސޫރުގެ ޝަރީއަތް ކުރިއަށްގެންދަން އެގައުމުގެ ކޯޓަކުން ވަނީ އަންގާފަ --- ފޮޓޯ: އޭއެފްޕީ

ކުއާލަލަމްޕޫރު (ފެބްރުއަރީ 18): މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ އަނބިކަނބަލުން ރޮސްމާ މަންސޫރުގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަނުގެ ދައުވާތަކުގެ ޝަރީއަތް ކުރިއަށްގެންދަން އެގައުމުގެ ކޯޓަކުން މިއަދު އަމުރުކޮށްފި އެވެ.

ރޮސްމާގެ މައްޗަށް 2018 ވަނަ އަހަރު ކުރި ރިޝްވަތުގެ ދައުވާތަކާ ގުޅިގެން މިއަދު ކުއަލަލަމްޕޫރުގެ ހައި ކޯޓުން ނިންމީ އެ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދެވޭ ވަރަށް ޕްރޮސެކިއުޝަނުން މިހާރު ހެކި ހުށަހަޅާފައިވާ ކަމަށެވެ. އެހެންކަމުން ދައުވާ ލިބޭ ފަރާތުން ދިފާއީ ހެކި ހުށަހަޅަން ފެށުމަށެވެ.

"އަޅުގަނޑަށް ފެންނަ ގޮތުގައި ޕްރޮސެކިއުޝަނުން ވަނީ ކުށް ސާބިތު ކުރެވޭ ފަދަ އިތުބާރު ކުރެވޭ ހެކި ހުށަހަޅާފަ... ވީމާ ދައުވާ ލިބޭ ފަރާތުން ދިފާއީ ހެކި ހުށަހަޅަން އަޅުގަނޑު އަންގަން،" ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ޒައިނީ މަޒްލަން ވިދާޅުވި އެވެ.

އެ އަޑުއެހުމުގައި ރޮސްމާ ވަނީ ދިފާއީ ހެކި ހުށަހަޅާ އިރު އޭނާ ހެކިބަސް ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ރޮސްމާގެ މައްޗަށް ރިޝްވަތުގެ ތިން ދައުވާއެއް ކުރީ މެލޭޝިއާގެ ބޯނިއޯގެ ސްކޫލުތަކެއްގައި ކުރިއަށް ގެންދިޔަ 298 މިލިއަން ޑޮލަރުގެ ސޯލާ ޕްރޮޖެކްޓެއް އެނާ ވަކި ކުންފުންޏަކާ ހަވާލު ކޮށް، އެ ކުންފުނީގެ ފަރާތުން ރިޝްވަތު ގަބޫލު ކުރެއްވި ކަމުގެ ތުހުމަތުގަ އެވެ.

ޕްރޮސެކިއުޓަރުން ވިދާޅުވި ގޮތުގައި ރޮސްމާ ވަނީ އެޕްރޮޖެކްޓު ހިންގި ޖީޕަކް ހޯލްޑިންސްގެ ފަރާތުން 2016 ވަނަ އަހަރު 48 މިލިއަން ޑޮލަރުގެ ރިޝްވަތުގެ ހޯއްދަވާފަ އެވެ. ނަމަވެސް އޭނާ ވަނީ އެދައުވާތަކަށް އިންކާރު ކުރައްވާފަ އެވެ.

ރޮސްމާގެ މައްޗަށް އެދައުވާތައް ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއްކޮށް، ދައުވާތަކުގައި ބަޔާންކޮށްފައިވާ ރިޝްވަތުގެ އަދަދުގެ ފަސް ގުނަ ޖޫރިމަނާގެ ގޮތުގައި ދައްކަން އެންގުން އެކަށީގެންވެ އެވެ.

ރޮސްމާގެ އިތުރުން ނަޖީބުގެ މައްޗަށްވެސް ވަނީ ކޮރަޕްޝަނުގެ ދައުވާތައްކޮށްފަ އެވެ. އޭގެ ތެރެއިން މެލޭޝިއާގެ ދައުލަތުގެ އިންވެސްޓްމެންޓް ފަންޑު 1އެމްޑީބީގެ ކޮރަޕްޝަނާ ގުޅިގެން ބަލަމުންދާ އެއް މައްސަލައެއްގައި އޭނާގެ މައްޗަށް ވަނީ އަމާނާތަށް ހިޔާނާތްތެރިވުމާއި މަނީ ލޯންޑަރިން އާއި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ހަތް ދައުވާއެއް މިދިޔަ ޖުލައި މަހު ސާބިތުވެފަ އެވެ.

އެ މައްސަލައިގައި ނަޖީބު 12 އަހަރަށް ޖަލަށް ލާން ހުކުމް ކުރި ނަމަވެސް އެ ހުކުމް އިސްތިއުނާފު ކުރަން ހުށަހަޅާފައި ވާތީ އޭނާ އަދި ޖަލަށް ލާފައި ނުވެ އެވެ.

ދެހާސްނުވަ ވަނަ އަހަރު މެލޭޝިއާގެ ބޮޑުވަޒީރު ކަމަށް ނަޖީބު ވަޑައިގެންނެވިތާ މާގިނަ ދުވަސްތަކެއް ނުވަނީސް 1އެމްޑީބީ ފަންޑު ހުޅުވީ އެގައުމުގެ ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ އެއްކުރުމަށެވެ. ނަމަވެސް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓުން ތުހުމަތުކުރާ ގޮތުގައި 1އެމްޑީބީ ފަންޑުން ވަނީ 4.5 ބިލިއަން ޑޮލަރު ޑައިވާޓުކޮށް، ލޯންޑާކޮށްފަ އެވެ. އަދި އެ ފަންޑުން ނަޖީބުގެ އެކައުންޓަށް ފޮނުވި ޖުމްލަ ފައިސާގެ އަދަދު 681 މިލިއަން ޑޮލަރަށް އަރާނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް