ރެފްޓީގެ ލެންސް އެތައްހާސް ވާހަކައަކަށް!

މި ފަހުން ސޯޝަލް މީޑިއާގައި ވަރަށް ހިނގި ފޮޓޯއެއް ކިޔުންތެރިންގެ ސަމާލުކަމަށް އައިސްފައި އޮވެދާނެ އެވެ. މަގުމަތީގައި ފިރިހެނަކު ދިވެހިންގެ ފަހުރުވެރި ގައުމީ ދިދަ ހިފައިގެން ހިނގާފައި ދާއިރު، އޭނާގެ ފަހަތުން ވެސް ފެންނަން ހުރީ ދިވެހި ސަގާފަތް ދައްކުވައިދޭ ކުރެހުމެކެވެ. ކުރެހުމުގައި ދިވެހި ހެދުމުގައި ތިބި ދެމީހުންގެ ބޯމަތިން މިނިވަންކަމާއެކު ވިހުރެމުން ދިޔަ ދިދައިން ކިޔައިދެނީ ވަރަށް ބޮޑު ވާހަކައެކެވެ. އެ ފޮޓޯއިން އެންމެނަށް ކުރުވީ ގައުމީވަންތަކަމުގެ ވަރަށް ފުން އިހުސާސް އެކެވެ.

މިއީ ފިލްމު ކެމެރާއެއް ކޮނޑުގައި އަޅުވައިގެން މިފަދަ އިހްސާސްތައް ރައްކާކުރުމުގެ މަސައްކަތުގައި އުޅޭ މުހައްމަދު ރަފާހު އަހްމަދު، ރެފްޓީގެ މޮޅު ފޮޓޯ އެކެވެ.

ރެފްޓީގެ ސޯޝަލް މީޑިއާ ބަލައިފިނަމަ މިފަދަ މޮޅު އެތައް އެތައް ފޮޓޯއެއް ފެންނާނެ އެވެ. މީގެ ގާތްގަނޑަކަށް 12 ވަރަކަށް އަހަރު ކުރިން ފޮޓޯ ނެގުމުގެ ތެރެއަށް ރެފްޓީއަށް ވަދެވުނީ ފެންނަ މަންޒަރުތައް ރީތިވެގެން އެ މަންޒަރުތައް ފޮރުވުމުގެ ވިސްނުމުގައެއް ނޫނެވެ. އެ މަންޒަރަކުން އޭނާއަށް އެވަގުތެއްގައި ކުރެވުނު އިހުސާސް އަބަދަށް ހަނދާން ބަހައްޓަން ބޭނުންވެގެންނެވެ.

އާޓްގެ ދުނިޔެއެއްގައި އެނބުރެމުން ދިޔަ ރެފްޓީގެ ސިކުނޑީގައި ކޮށްޓާލަނީ ވަރަށް ކުދި ކުދި ކަންތައްތަކެވެ. ކޮޓަރީގެ ކުޑަދޮރުން ވަންނަ އަލި ފާރަށް އެޅިފައި ހުންނަ ގޮތެވެ. އެ އަލި ބަދަލުވަމުންދާ ގޮތެވެ. އެކި އަލީގައި އެއް މަންޒަރަކަށް އަންނަ ހައިރާންކުރުވަނިވި ބަދަލެވެ.

"ކުރީގަ ކުރަހާފަ ވެސް ހުންނާނެ ބައެއް އެއްޗެހި. އެ ގަޑިއެއްގަ ފީލްވި އެއްޗެއް އަންގައިދޭ ކަހަލަ ގޮތަކަށް. އޭރު ދެން ކޮންމެހެން ފޮޓޯ ނަގަން ބޭނުމޭ އެހެން ހިތަކަށް ނާރާ. އެކަމަކު އެ މަންޒަރަކާ އެކު އަހަރެންނަށް ކުރެވޭ އިހުސާސް ހަނދާން ބަހައްޓަން ބޭނުންވި އަބަދުވެސް،" ރެފްޓީ އޭނާގެ ވާހަކަ ފެށި އެވެ.

އެހެން އުޅެނިކޮށް ރެފްޓީގެ އަތަށް އެެރީ ކުޑަކުޑަ ފިލްމު ކެމެރާއެކެވެ. އެ ކެމެރާ ހިފައިގެން މަގުމަތީގައި ފޮޓޯ ނަގަން އުޅުމުގެ ތެރެއިން މިހާރު މިކަން ހަމަ ރަނގަޅަށް ވެސް ދަސްވެއްޖެ އެވެ.

ފޮޓޯ ނެގި މީހެއްގެ ނަން ނުބެލި ނަމަވެސް ބައެއް ފޮޓޯ ފެނުމުން އެއީ ރެފްޓީގެ ފޮޓޯއެއްކަން މިހާރު އޭނާގެ މަސައްކަތް ބަލާ މީހަކަށް އެނގޭނެ އެވެ. ރެފްޓީގެ ކްރާފްޓް އަކީ ސްޓްރީޓް ފޮޓޯގްރަފީ އެވެ. ކެންޑިޑް ޝޮޓްތަކެވެ. ކެމެރާގެ ފޯކަސް މީހަކަށް އަމާޒުވެފައި ހުންނަ އިރު، ފޮޓޯތަކުގެ ބެކްގްރައުންޑަކީ ފާރެކެވެ. އެއީ ރެފްޓީގެެ ސްޓައިލް އެވެ.

"އަސްލު ރައްޓެއްސެއް ފިލްމު ފޮޓޯގްރަފީއަށް އިންޓްރޮޑިއުސް ކޮށްދިނީ. އޭނަ ބުނީ ވަރަށް ސަޅި ވާނޭ ޓްރައިކޮށްލަ ބަލާށޭ. ދެން ފެށުނީ. ފޮޓޯ ނަގަން ފެށީމަ އަމިއްލައަށް ގަބޫލުކުރެވިއްޖެ މިއޭ އަސްލު ރެފްޓީގެ އެއްޗަކީ،" ރެފްޓީ ބުންޏެވެ.

ރެފްޓީގެ ފޮޓޯތަކުން ތޮއްޖެހިފައިވާ މާލޭގެ އެތައް ވާހަކައެއް ކިޔައިދެ އެވެ. މާލޭގެ ކުޑަ ކެފޭއެއްގެ ތެރޭގައި ރާޒުވާ ކުޅެންތިބި ދުވަސްވީ ބައެއްގެ މެދުގައި އުފެދިފައިވާ ޓެންޝަން ފޮޓޯއިން ފެންނަ ކަހަލަ އެވެ.

ރެފްޓީއަކީ ބޮޑެތި ހަފްލާތަކުގައި ފޮޓޯ ނަގަން އުޅޭ އާޓިސްޓެއް ނޫނެވެ. ރެފްޓީ ފެންނާނީ މަގުމަތިންނެވެ. ނަމަވެސް ޕާޓީއަކުން ރެފްޓީ ފެނުނަސް ކޮނޑުގައި ކެމެރާ އޮންނާނެ އެވެ. ގިނަ ފަހަރަށް ފިލްމު ކެމެރާއެކެވެ. ޑިޖިޓަލް ކެމެރާއަކަށް ވުރެ އެ ކެމެރާގެ އަގު ރެފްޓީއަށް މާ ބޮޑެވެ.

"މީގެން ލިބޭނީ 36 ޝޮޓް. އެހެންވެ ވަރަށް މަދުން ނަގަނީ. އެކަމަކު ނަގާ އެއްޗަކީ ވަރަށް މުހިންމު އެއްޗެއް،" ރެފްޓީ ބުންޏެވެ.

އެގޮތަށް ނެގުނު ވަރަށް ހިތްހަމަޖެހޭ އަދި މުހިންމު ދެތިން ފޮޓޯއެއްގެ ވާހަކަ ރެފްޓީ ކިޔައިދިނެވެ.

އެންމެ ފުރަތަމަ ފޮޓޯއަކީ ވިހުރޭ ދިދައިގެ ފޮޓޯ އެވެ. މީގެކުރިން ވެސް ރެފްޓީ ވަނީ ސްޓެލްކޯ އިމާރާތުގެ ބޭރު ފާރުގައިވާ ކުރެހުން ބެކްގްރައުންޑަކަށް ހަދައި މޮޅު ފޮޓޯއެއް ނަގައިފަ އެވެ. އެ ފޮޓޯއަށް ވެސް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނެވެ.

އެ ދުވަހު ބޭރު މަގުން ދުއްވާފައި ދަނިކޮށް ރެފްޓީގެ ލޮލުގައި އަޅައިގަތީ ގައުމީ ދިދައެއް ހިފައިގެން ހިނގާފައި ދިޔަ ފިރިހެނެކެވެ. ނަސީބު ދިމާކުރި ގޮތުން އެވަގުތު އޭނާގެ އަތުގައި ކެމެރާ ވެސް އޮތެވެ.

"ފުރަތަމަ ވެސް ވަރަށް ޝައުގުވެރިވި އެމީހާ ދިދަ ހިފައިގެން ދާތަން ފެނުނީމަ. ކީއްވެހޭ އޭނަ ދިދައެއް ހިފައިގެން މިދަނީ. ދެން ހަނދާންވީ ފާރުގަ އިން ކުރެހުން މަތިން. އޭނަ އެމަގުން ގޮއްސިއްޔާ ވަރަށް ސަޅި ފޮޓޯއެއް ލިބޭނޭ،" ރެފްޓީ ބުންޏެވެ.

އެމީހާގެ އިންތިޒާރުގައި، އެ ފޮޓޯގެ އިންތިޒާރުގައި މަގުމަތީގައި މަޑުކޮށްގެން 10 ވަރަކަށް މިނެޓު ރެފްޓީ އިނެވެ. އެންމެ ފަހުން އެއްކަލަ މީހާ ދިދަ ވިހުރަމުން އައިސް އެ ހުރަސްކޮށްލީ ފާރުގައި އިން ކުރެހުން ކުރިމަތިންނެވެ. ރެފްޓީ ބޭނުންވި "ޕާފެކްޓް ޝޮޓް" ލިބުނެވެ.

ފޮޓޯ ނެގުމަށްފަހު ދިދަ ހިފައިގެން ހުރި މީހާއާ ވެސް ކުޑަކޮށް ވާހަކަ ދައްކާލަން މަސައްކަތް ކުރި އެވެ. ހިތުގައި ހުރި ސުވާލުތަކަށް ޖަވާބު ހޯދާށެވެ. ނަމަވެސް އެ މީހާ ކުޑަކޮށް ލަދުރަކިވުމުން، ދިދަ ހިފައިގެން މަގުމަތީ އުޅުމުގެ ފަހަތުގައިވާ ސަބަބު އަދިވެސް އޮތީ ސިއްރެއްގެ ގޮތުގަ އެވެ.

ދެން އެންމެ ހިތްހަމަޖެހޭ ފޮޓޯއަކަށް ނެގުނީ ބޯކޮށް ވާރޭ ވެހުނު ދުވަހެއްގައި މާލޭ މަގުމަތިން، އިސްކަންދަރު ކޮށި ކައިރިން 2014 ވަނަ އަހަރު އަތުވި ފޮޓޯ އެކެވެ. ބޯ ވިއްސާރައިގައި ތެމި ފޯވެގެން ފިރިހެނަކު އޮފީހަށް ދަނިކޮށް ރެފްޓީ އެ ފޮޓޯ ނެގީ އޭނާގެ ފޯނުންނެވެ.

އެ ފޮޓޯ ރެފްޓީއަށް ހާއްސަވާ ސަބަބަކީ، އެ ފޮޓޯގެ ސަބަބުން އޭނާގެ މަސައްކަތަށް އިންޓަނޭޝަނަލް ރެކޮގްނިޝަން ލިބުމެވެ. ސްޓްރީޓް ފޮޓޯގްރަފީގެ "ދަ ގްރޭޓް މާސްޓާ"، ފޭން ހޯގެ ހަނދާނުގައި ހޮންގްކޮންގްގެ ބްލޫ ލޮޓަސް ގެލަރީ އިން ހޮވާލި 10 ފޮޓޯގެ ތެރޭގައި ރެފްޓީގެ "ޗޭސިން ސްޓޯމްސް"ގެ ނަން ދީފައިވާ އެ ފޮޓޯ ހިމެނުނެވެ. އެއީ ފޭން ހޯގެ ފޮޓޯއިން އިންސްޕަޔާ ވެގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން އެކި މީހުން ނަގާފައިވާ މޮޅު ފޮޓޯތަކުގެ ތެރެއިން ހޮވި 10 ފޮޓޯ އެވެ.

"ފޭން ހޯ އަކީ ރެފްޓީގެ އައިޑަލް. ފޭން ހޯގެ ފޮޓޯތަކުން އިންސްޕިރޭޝަން ހޯދަނީ. ދެން އެ ލިސްޓުގައި ހިމެނުނީމަ ވަރަށް ވަރަށް އުފާވި. އެއީ މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ. ވަރަށް ބޮޑު ފަހުރެއް،" ރެފްޓީ ބުންޏެވެ.

ރެފްޓީ ވަނީ 2015 ވަނަ އަހަރު އޭނާގެ ފޮޓޯތައް ދައްކާލަން އެގްޒިބިޝަނެއް ވެސް ބާއްވައިފަ އެވެ. އެއީ ރާއްޖޭގައި ބޭއްވި ފުރަތަމަ ސްޓްރީޓް ފޮޓޯގްރަފީ އެގްޒިބިޝަނެވެ.

ފޮޓޯގެ އިތުރުން ރެފްޓީ އަންނަނީ ވީޑިއޯގްރަފީގައި ވެސް ތަފާތު ދައްކަމުންނެވެ. ބޭންކް އޮފް މޯލްޑިވްސްގައި ވަޒީފާ އަދާކުރަމުން، އެތަނުގެ ގިނަ ވީޑިއޯތަކެއްގައި ވަނީ މަސައްކަތް ކޮށްފަ އެވެ. އެގޮތުން ރާއްޖޭގެ އެކި ރަށްރަށަށް ގޮސް ނަގާފައިވާ ވީޑިއޯތަކަކީ ތަފާތު އަދި ރަށު ދިރިއުޅުން ވަރަށް ރީތިކޮށް ދައްކުވައިދޭ ވީޑިއޯ ތަކެކެވެ.

ފޮޓޯ އާއި ވީޑިއޯގެ ކަންކަމުގައި ކިތަންމެ ކުޅަދާނަ ނަމަވެސް، އެއީ ދިރިއުޅުމަށް ކުރާ މަސައްކަތުގެ ގޮތުގައި ހަދާކަށް ރެފްޓީ ބޭނުމެއް ނޫނެވެ.

"މީ އަހަރެންގެ ޕެޝަން. ޕްރައިމަރީ މަސައްކަތް ގޮތަށް ނަގައިފިއްޔާ އެ ޕެޝަން ގެއްލޭހެން ހީވަނީ. ވަޒީފާއާ ދިރިއުޅުމަށް ކުރާ މަސައްކަތަކީ އެހެން ކަމެއް. އެކަން ނިންމާފަ ހުސް ވަގުތެއް ލިބުނީމަ ދެން ކެމެރާ ހިފައިގެން މިދަނީ،" ރެފްޓީ ބުންޏެވެ.

ރެފްޓީ އަކީ ސޯޝަލް މީޑިއާ މެނޭޖްމަންޓުގެ މަސައްކަތް ކުރާ ޒުވާނަކަށް ވާތީ، ކޮންމެ ގޮތެއް ވިޔަސް ފޮޓޯ އާއި ވީޑިއޯގެ މަސައްކަތުން ދުރުވުމެއް ވެސް ނެތެވެ.

އެހެންކަމުން ދެން އޮތީ މަގުމަތިން ފޮޓޯ ނަގައިގެންނާއި ފޮޓޯނެގުމުގައި އުޅޭ އެހެން މީހުންގެ ފަރާތުން ރެފްޓީއަށް ދަސްވި އެއްޗެއް އެހެން ބަޔަކަށް ބުނެދިނުމެވެ. ރާއްޖޭގައި ސްޓްރީޓް ފޮޓޮގްރަފީގައި އުޅޭ މީހުން މަދުވުމަކީ ރެފްޓީ ދެރަވާ ކަމެކެވެ. އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަކަށް ވުރެ ބޮޑަށް، ފޮޓޯ މެދުވެރިކޮށް ބައެއްގެ ހާލަތާއި ވާހަކަ ބުނެދިނުން ރެފްޓީއަށް މުހިންމެވެ.

"ފޮޓޯއެއް ރީތިވާނެ އެކި ގޮތްގޮތަށް. އެކަމަކު އަސްލު އަހަރެން ގަބޫލުކުރާ ގޮތުގަ އެންމެ މުހިންމީ އެ ފޮޓޯއަކަށް ބަލައިލުމުން މީހާއަށް ކުރުވާ އިހްސާސް. ތިމާއަށް ފޮޓޯއަކުން ކުރުވި އިހްސާސް އެއީ ތިމާގެ އަމިއްލަ، ވަރަށް ޕާސަނަލް އެއްޗެއް. އެހެންވީމަ ސީދާ ރީތި މަންޒަރަކަށް ވުރެ މޯމެންޓްސް ކެޕްޗާ ކުރާށޭ. ތިމާއަށް ކުރެވޭ އިހްސާސް ފޮޓޯއަކުން ކެޕްޗާ ކުރާށޭ،" ރެފްޓީ ބުންޏެވެ.

comment ކޮމެންޓް