ހުރިހާ ކުޅުންތެރިންނަށް ވެކްސިން ޖެހުމަށްފަހު ލީގު ފަށަނީ

ދިވެހި ޕްރިމިއާ ލީގުގައި ޓީސީއާއި މާޒިޔާ މިދިޔަ ސީޒަނުގައި ކުޅުނު މެޗުގެ ތެރެއިން: އެ މެޗު 3-0ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޓީސީ --- ފޮޓޯ/ އެފްއޭއެމް

ކޮވިޑްގެ ތިންވަނަ ރާޅާ އެކު މެދުކަނޑާލާފައިވާ ދިރާގު ދިވެހި ޕްރިމިއާ ލީގު ފެށުމަށްޓަކައި ފުރަތަމަ ޑިވިޝަނުގެ އަށް ކުލަބުގެ ކުޅުންތެރިންނާއި އޮފިޝަލުން މިއަދު ވެކްސިން ޖަހަން ފަށައިފި އެވެ.

ކޮވިޑްގެ ކޭސްތައް ރާއްޖޭގައި އަލުން އިތުރުވާން ފެށުމާ ގުޅިގެން އެޗްޕީއޭއިން އަލަށް ނެރުނު ގައިޑްލައިންތަކާއެކު ދިވެހި ޕްރިމިއާ ލީގު ކުރިއަށް ގެންދަން ހުއްދަ ނުލިބުމުން ލީގު މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައިވާ ކަން އެފްއޭއެމުން ހާމަކުރީ މި މަހުގެ ތިންވަނަ ދުވަހު އެވެ. ލީގުގެ ދެވަނަ ބުރުގެ ދެވަނަ މެޗު ވީކުގެ ކުޅުން ކުރިއަށް ދަނިކޮށް ލީގު މެދުކަނޑާލުމާ ގުޅިގެން ފުޓުބޯޅަ އާއިލާގެ ގިނަ ކަންބޮޑުވުންތަކެއް ވަނީ ސަރުކާރަށާއި، އެޗްޕީއޭއަށް ހުށައަޅައިފަ އެވެ.

އެފްއޭއެމުގެ ރައީސް ބައްސާމް އަދީލް ޖަލީލް މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވީ ލީގު ފެށުމަށްޓަކައި ކުލަބުތަކުގެ ކުޅުންތެރިންނާ އޮފިޝަލުން ވެކްސިން ޖެހުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ މަސައްކަތް މިއަދު ފަށާނެ ކަމަށާއި، މިކަން ކުރުމަށްޓަކައި ހެލްތް މިނިސްޓަރު އަހުމަދު ނަސީމް އަދި ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ކޮށްދެއްވަމުން އަންނަ މަސައްކަތަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

ކޮވިޑްގެ ސަބަބުން ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލުމުގެ ސަބަބުން މުޅި ފުޓުބޯޅައަށް ލިބިފައިވާ ގެއްލުންތަކަށް ހައްލު ހޯދައިދިނުމަށް ކުރި މަސައްކަތުން ވެސް ކަމުގެ އަލިމަގެއް ނުފެނުމުން، އެކަމަށް ހައްލެއް ހޯދައި ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް ދިއުމަށް ކުލަބުތަކުން ވަނީ އިއްޔެ ސިޓީއެއް ވެސް ރައީސް އޮފީހަށް ފޮނުވައިފަ އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ހުސައިން ޖަވާޒް (ޖަވާ) "ސަން" އަށް ވިދާޅުވީ ލީގު މެދުކެނޑުމާ ގުޅިގެން އަލުން ފެށޭނެ ގޮތެއް ވޭތޯ 24 ގަޑިއިރު އެ އިދާރާއިން ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާ ކުރަމުން ދިޔަ ކަމަށާއި، އަލުން ލީގު ފެށުމަށްޓަކައި ހުރިހާ ކުޅުންތެރިންނާ އޮފިޝަލުން ވެކްސިން ކުރަން ޖެހޭ ކަމަށެވެ.

އަދި މިއަދާއި މާދަމާގެ ނިޔަލަށް ހުރިހާ ކުޅުންތެރިންނާ އޮފިޝަލުންނަށް ވެކްސިން ދިނުމަށް ނިންމާފައިވާ ކަމަށާއި އަދި އިތުރު ގައިޑްލައިންތައް އެކަމާ ވިދިގެން އެޗްޕީއޭއިން ދޭނެ ކަމަށް ޖަވާ ވިދާޅުވި އެވެ.

ރާއްޖޭގެ އަށް ކުލަބުގެ ކުޅުންތެރިންނާއި އޮފިޝަލުން އެއްކޮށްލައިގެން 350 އަށް ވުރެން ގިނަ ބަޔަކު ވެކްސިން ޖަހަން ތައްޔާރުވެފައިވާ އިރު، އެންމެ ފުރަތަމަ ލީގު ފެށުމުގެ ކުރިން މި ހުރިހާ އެންމެން ވަނީ ކޮވިޑަށް ޓެސްޓް ކޮށްފަ އެވެ. އޭރު ކުރި ހުރިހާ ޓެސްޓެއްގެ ނަތީޖާ ވަނީ ނެގެޓިވް ވެފަ އެވެ.

comment ކޮމެންޓް