މެލޭޝިއާގައި ދިރިއުޅޭ ބޭރު މީހުންނަށް ހިލޭ ކޮވިޑް ވެކްސިން ޖަހައިދެނީ

މެލޭޝިއާއިން ވަނީ އެގައުމުގައި ދިރިއުޅޭ ބޭރު ގައުމުތަކުގެ ރައްޔިތުންނަށް ހިލޭ ކޮވިޑް ވެކްސިން ޖަހާ ދޭނެ ކަމަށް ބުނެފަ -- ފޮޓޯ: ރޮއިޓާސް

ކުއަލަލަމްޕޫރު (ފެބްރުއަރީ 11): މެލޭޝިއާގައި ދިރިއުޅޭ ބޭރު ގައުމުތަކުގެ މީހުންނަށް އެގައުމުން ހިލޭ ކޮވިޑް-19 ވެކްސިން ޖަހާދޭނެ ކަމަށް މެލޭޝިއާގެ ސަރުކާރުން މިއަދު ބުނެފި އެވެ.

މެލޭޝިއާގެ ކޮވިޑް ވެކްސިން ޕްރޮގްރާމުގައި އިސްކޮށް ހުންނަވާ ސައިންސް، ޓެކްނޮލޮޖީ އެންޑް އިނޮވޭޝަން މިނިސްޓަރު ޚައިރީ ޖަމާލުއްދީން ވިދާޅުވި ގޮތުގައި އެގައުމުން ވެކްސިން ޖަހައިދޭ މީހުންގެ ތެރޭގައި ޑިޕްލޮމެޓުންނާއި އެގައުމުގައި މަސައްކަތް ކުރާ ބޭރު މީހުންނާއި ދަރިވަރުންނާއި އެގައުމުގެ ރައްޔިތުންނާ އާއިލީ ގޮތުން ގުޅުން ހުރި ބޭރު މީހުން ހިމެނޭނެ އެވެ. މީގެ އިތުރުން އދ.ގެ ރެފުއިޖީ އޭޖެންސީގައި ރެޖިސްޓާކޮށް، ހިމާޔަތް ހޯދުމަށް މަސައްކަތް ކުރަމުންދާ މީހުންނާއި ލިޔެކިޔުމަކާ ނުލައި އެގައުމަށް ގޮސްފައިވާ މީހުންވެސް ހިމެނޭނެ އެވެ.

"މެލޭޝިއާގައި ދިރިއުޅޭ ބޭރު ގައުމުތަކުގެ ރައްޔިތުންނަށް ނެޝަނަލް އިމިއުނައިޒޭޝަން ޕްރޮގްރާމްގެ ދަށުން ހިލޭ ކޮވިޑް ވެކްސިން ލިބޭނެ ކަަމަށް ކެބިނެޓުން ވަނީ ނިންމާފަ،" ޖަމާލުއްދީން ވިދާޅުވި އެވެ.

މެލޭޝިއާގެ ވެކްސިން ޓާސްކްފޯސްއިން ނެރުނު ބަޔާނެއްގައިވާ ގޮތުން އެގައުމުން ވެކްސިން ދިނުމުގައި އިސްކަން ދޭނީ އެގައުމުގެ ރައްޔިތުންނަށެވެ. ނަމަވެސް ކޮވިޑް ފެތުރުން ހުއްޓުވުމަށްޓަކައި އެގައުމުގައި ދިރިއުޅޭ ވީހާވެސް ގިނަ މީހުންނަށް ވެކްސިން ޖަހަން ޖެހެ އެވެ.

މެލޭޝިއާއިން ވަނީ ފައިޒާ ވެކްސިންގެ 25 މިލިއަން ޑޯޒް އާއި އެސްޓްރާޒެނެކާ ވެކްސިންގެ 6.4 މިލިއަން ޑޯޒް އާއި ރަޝިއާގެ ސްޕަޓްނިކް ވެކްސިން އާއި ޗައިނާގެ ދެ ކޮވިޑް ވެކްސިނެއްވެސް ހޯދަން އެއްބަސްވުންތައް ހަދާފަ އެވެ. އަދި ކޯވެކްސް ފެސިލިޓީން ލިބޭ ވެކްސިން ޑޯޒްތަކާ އެކު އެގައުމުގެ އާބާދީގެ 60 ޕަސެންޓު މީހުންނަށް ކޮވިޑް ވެކްސިން ދެވޭ ވަރަށް ޑޯޒްތައް ހޯދަން މިހާރު އެއްބަސްވުންތައް ހަދާފައިވާ ކަމަށް މެލޭޝިއާގެ ހެލްތު މިނިސްޓްރީން ބުންޏެވެ.

އޭގެ ތެރެއިން ފައިޒާ ވެކްސިންގެ ފުރަތަމަ ޑޯޒްތައް މެލޭޝިއާއަށް ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ މި މަހުގެ 26ގަ އެވެ.

މެލޭޝިއާއިން މިހާތަނަށް 252،000އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހި، ބަލީގައި 923 މީހަކު ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް