މައްސަލަ ނިމެންދެން ނިހާންގެ ޕާސްޕޯޓު ހިފަހައްޓައިފި

5 މާރިޗް، 2020: ޖުމްހޫރީ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އަހްމަދު ނިހާން ވާހަކަ ދައްކަވަނީ - ސަން ފޮޓޯ/ އަހްމަދު ސައީދު

ޝަރީއަތުން ވަކި ގޮތެއް އަންގަންދެން އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލާގައި ތުހުމަތު ކުރެވޭ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކުގެ ޕާސްޕޯޓު ހިފަހައްޓައިފި އެވެ.

މްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގެ ތަހުގީގަށް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި އެސެޓް ރިކަވަރީ ކޮމިޝަނަށް ނިހާން ވަނީ ހާޒިރުކޮށްފަ އެވެ. އަދި އޭނާ ރާއްޖެ އިން ފުރުން ވަނީ މަނާކޮށްފަ އެވެ.

މިއަދު ޕާސްޕޯޓު ހިފަހައްޓައި ކްރިމިނަލް ކޯޓުން އަމުރުކުރީ ކުރިން ނެރެފައިވާ އަމުރުގެ މުއްދަތު މިއަދު ހަމަވާތީ ދައުލަތުން އިތުރު އަމުރަކަށް އެދުމުންނެވެ.

ނިހާން ވަނީ ދައުލަތުން އެދުނު ގޮތަށް ޕާސްޕޯޓު ހިފަހައްޓައިދިނުމަށް އެދިފަ އެވެ. އަދި ރާއްޖެ އިން ފުރުމުގެ ވިސްނުމެއް ނެތްކަމަށް ވެސް ވިދާޅުވި އެވެ.

ބޮޑު ހިޔާނާތާ ގުޅިގެން ނިހާނުގެ މައްޗަށް ހަ ދައުވާއެއް ވަނީ އުފުލައިފަ އެވެ. އެއީ މަނީ ލޯންޑްރިންގެ އެއް ދައުވާ އާއި ރިޝްވަތުގެ ފަސް ދައުވާއެކެވެ.

ނިހާން ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރުކަމުގައި އަދި މާލިއްޔަތު ކޮމެޓީގެ މުގައްރިރުގެ މަގާމުގައި ހުރިއިރު، އޭނާގެ މަގާމުގެ ހައިސިއްޔަތުން އަދާ ކުރަން ޖެހޭ މަސްއޫލިއްޔަތުތައް ވަކިގޮތަކަށް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމުގެ މުގާބިލުގައި، ކުރީގެ ނައިބު ރައީސް، އަހްމަދު އަދީބު އަބްދުލްޣަފޫރުގެ ގާތު ރިޝްވަތަށް އެދި، އަދި އަދީބު ދިން ރިޝްވަތު ހިފައި، ކުށް ކޮށްގެން ހޯދާފައިވާ ފައިސާ އަތުގައި ބަހައްޓައި، އެ ފައިސާ ބޭނުންކޮށްފައިވާކަން ތަހުގީގަށް ވަނީ ހޯދިފަ އެވެ.

މަނީ ލޯންޑްރިންގްގެ ދައުވާ އުފުލީ ނިހާނަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މުގައްރިރު ހައިސިއްޔަތުން، އަދީބު ދޭ ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާއެއްކަން ޝައްކުކުރެވެންޖެހޭ ހާލަތުގައި، އަދީބު މެދުވެރިވެގެން 150،000 ޑޮލަރުގެ ޗެކެއް ލިބިގަނެ، އެ ފައިސާ އާއި އެހެން ފައިސާ އެއްކުރުމަށް ފަހު ޕްލެޓިނަމް ރެޒިޑަންސްއިން ފްލެޓެއް ގަނެފައިވާތީ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބަށް ނުފޫޒުފޯރުވުމުގެ ގޮތުން އޭރުގެ ޓޫރިޒަމް މިނިސްޓަރު، އަދީބު މެދުވެރިވެގެން އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުގެ 150،000 ޑޮލަރުގެ ޗެކެއް ލިބިގަނެފައިވާތީ އުފުލީ ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ އެވެ.

ދެހާސް ސާދަ ވަނަ އަހަރު ޕީޖީގެ މަގާމަށް މީހަކު އައްޔަން ކުރުމަށާއި، ހަމަ އެ އަހަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަނަށް އައްޔަންކުރާ މެންބަރު ހޮވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ނެގި ވޯޓާ ގުޅިގެން، ރިޝްވަތުގެ ގޮތުގައި ރޮލެކްސް (ސަބްމެރީނާ) ބްރޭންޑްގެ ގަޑިއެއް ދިނުމަށް އޭރު ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުރި އަދީބު ގާތު އެދިފައިވާތީ އުފުލާފައި ވަނީ ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދައުވާ އެވެ.

އަދި އެ ގަޑި ބަލައިގަނެފައި ވާތީ ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ ވެސް ވަނީ އުފުލައިފަ އެވެ.

ނިހާން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ހުރިއިރު، އޭނާގެ މެންބަރުކަމުގެ ހައިސިއްޔަތުން އަދާކުރި މަސްއޫލިއްޔަތުތައް އޭރުގެ ޓޫރިޒަމް މިނިސްޓަރު އަދީބު އަންގާ ގޮތަށް އަދާކުރުމުގެ މުގާބިލުގައި 650،000 ރުފިޔާ ދިނުމަށް އަދީބު ގާތު އެދި އަދި އަދީބު ދިން ފައިސާގައި ހިފާފައި ވާތީ، ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދައުވާ އާއި ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ ވަނީ އުފުލައިފަ އެވެ.

މިއަދު އެ މައްސަލައިގެ ޝަރީއަތް ފަށާފައިވާ އިރު، މައްސަލާގައި ކުރިއަށްދާން ބޭނުން ވަނީ ވަކީލަކާ އެކުގައި ކަމަށް ވިދާޅުވެ ވަކީލަކު އައްޔަންކުރަން ފުރުސަތު ދެއްވުމަށް ނިހާން އެދިވަޑައިގަތެވެ. އަދި ގާޒީ ވަނީ ވަކީލެއް އައްޔަންކުރަން ނިހާނަށް 10 ދުވަހުގެ މުއްދަތެއް ދީފަ އެވެ.

comment ކޮމެންޓް