ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެމްބަރުކަމަށް އައްޔަން ކުރަން ހަތަރު ނަމެއް ކޮމިޓީއަށް

ޓެކްސް އެޕީލް ޓްރައިބިއުނަލް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓެކްސް އެޕީލް ޓްރަބިއުނަލްގެ ހުސްވެފައިވާ މެމްބަރުކަމަށް އައްޔަން ކުރަން ހަތަރު ބޭފުޅެއްގެ ނަމެއް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލިހަށް ފޮނުވައިފި އެވެ.

ޓްރަބިއުނަލް އިން ހުސްވެފައި ވަނީ ގާނޫނީ ދާއިރާ އިން ހާއްސަކޮށްފައިވާ މެމްބަރުކަމުގެ ގޮޑި އެވެ. މެމްބަރުކަަމުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި، މިންހަތު އިއްޒަތު އެމަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ރައީސް ފޮނުވި ނަންތައް ތަރުތީބުން:

  1. ހައްވާ އަނޫސާ، މަލަކު، ފ. ނިލަންދޫ
  2. ހަދީޖާ ނައީމް، މ. ރަންވަރަ
  3. މަރިޔަމް ތޫލާ ރިލްވާން، މ. ފްލެމިންގޯ
  4. ހަދީޖާ ސައީދު، ޑިއަރެސްޓް، ސ. ފޭދޫ

މިއަދުގެ އޮތް މަޖިލީހުގެ ޖަލްސާގައި އެ ނަންތައް ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ވަނީ ފޮނުވައިފަ އެވެ. ނަންތައް ދިރާސާ ކުރާ އިރު، ރައީސްގެ ތަރުތީބަށް އިސްކަންދޭނެ އެވެ. އަދި މެމްބަރުކަމަށް އައްޔަން ކުރާނީ، ކޮމިޓިން ނަންތައް ދިރާސާކުރުމަށް ފަހު ތަޅުމަށް ފޮނުވުން، މަޖިލިސް ތަޅުމުން ރުހުން ދޭ މެމްބަރަކަށެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލަކީ ޓެކްސްއާ ގުޅޭ މައްސަލަތައް ބެލުމަށް، ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ދަށުން އުފައްދާފައިވާ މުއައްސަސާއެކެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލް އެކުލެވިގެން ވަނީ ފަސް މެމްބަރުންގެ މައްޗަށެވެ. އޭގެ ތެރެއިން މަދުވެގެން ދެ މެމްބަރުންނަކީ ރާއްޖޭގެ ގާނޫނީ ދާއިރާގައި މަސައްކަތްކޮށް، މަދުވެގެން ތިން އަހަރުގެ ތަޖުރިބާ ލިބިފައިވާ ނުވަތަ ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލްކޮށްފައިވާ މެމްބަރުން ކަމުގައިވާން ޖެހެ އެވެ.

comment ކޮމެންޓް