ވިޔަފާރި ބަނދަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ގޮވާލައި، ކުއްލި މައްސަލައެއް

މާލޭ ވިޔަފާރި ބަނދަރު -- ފޮޓޯ/ ކަސްޓަމްސް

އެމްޕީއެލް މާލޭގެ ވިޔަފާރި ބަނދަރުގައި މަސައްކަތް ކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

އެ މައްސަލަ ހުށަހެއްޅުއްވީ، މަޑުއްވަރީ ދާއިރާ މެމްބަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފެވެ.

އޭނާ އެ މައްސަލަ ހުށަހެއްޅުއްވީ ސަބަބަކީ، ވިޔަފާރި ބަނދަރުގައި މަސައްކަތް ކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ސަމާލުކަން ދޭންޖެހޭ ކަންކަމަށް ސަމާލުކަން ނުދެއްވުމާއި ފަރުވާކުޑަވުމާއި މަސައްކަތް ކުރާ މާހައުލުގެ ރައްކާތެރިކަމާއި ސަލާމަތީ ކަންކަމަށް އިހުމާވަމުގެ ސަބަބުން މީހުންގެ ފުރާނައަށް ނުރައްކާވަމުންދާ ކަމަށް ބުނެ އެވެ.

މިދިޔަ މަހު ފަހުކޮޅު އެމްޕީއެލްގައި ބިއްލޫރި ޕްލެޓެއްގައި ދަށުވެ އެކަކު މަރުވެ، އަނެކަކަށް ބޮޑެތި ޒަހަމްތަކެއްވި އެވެ. އޭގެ އިތުރުން މިދިޔަ ހަފްތާގައި އެތަނުން ކާޕެޓް ރޯލެއް ވެއްޓުމުގެ ސަބަބުން ޒުވާނަކަށްވެސް ވަނީ ބޮޑެތި އަނިޔާތަކެއް ވެފައެވެ.

އެހެންވެ، އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، އާދަމް ޝަރީފު ހުށަހެޅުއްވި ކުއްލި މައްސަލައިގައި އޭނާ ގޮވާލާފައިވަނީ، ވިޔަފާރި ބަނދަރުގައި މަސައްކަތްކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް މިހާރަށްވުރެ ބޮޑަށް ސަމާލުވުމަށާއި ސުޕަވިޝަނާއި މޮނީޓަރިން މިހާރަށް ވުރެ ވަރުގަދަ ކުރުމަށެވެ. އޭގެ އިތުރުން އެތަނުގެ ރައްކާތެރިކަމާ ބެހޭ އޮޑިޓެއް ހެދުމަށްވެސް އޭނާ ގޮވާލާފައިވެއެވެ.

"ބަނދަރުގެ ސަލާމަތާއި ރައްކާތެރިކަމާބެހޭ ފުރިހަމަ އޮޑިޓެއް ސަރުކާރުގެ ކަމާ ބެހޭ އިދާރާއިން ހެދުމަށާއި އޮޑިޓާ ގުޅިގެން ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ގޮވާލަން،" ޝަރީފުގެ ކުއްލި މައްސަލައިގައި ބުނެ އެވެ.

ރިސްކް މެނޭޖްމަންޓް ސިސްޓަމް ހަރުދަނާ ކުރުމަށާއި މަސައްކަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަމުގެގޮތުން އެނގެން ޖެހޭ ކަންކަމަށް އެމީހުން އަހުލުވެރި ކުރުމަށާއި އެކަމަށް ބޭނުންވާ ތަމްރީނުތައް ފަހިކޮށްދިނުމަށްވެސް ޝަރީފު ގޮވާލާފައިވެއެވެ.

ކުއްލި މައްސަލައިގައި އިތުރަށް ގޮވާލާފައިވަނީ، މަޖޫރީ ކުންފުނިތަކުން ލާޒިމްކުރާ ކަންކަމާއި ޒިންމާތައް އަދާކުރަމުންދޭތޯ ބެލުމަށާއި އެކްސިޑެންޓްތަކުގައި އަނިޔާ ލިބޭ މިހުންނަށާއި އާއިލާތަކަށް އިންސާފު ހޯދައިދުމަށެވެ. އަދި އިމަޖެންސީ ވަގުތުގައި އަނިޔާ ލިބޭ މީހުންނަށާއި އާއިލާތައްކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ހާއްސަ ސަމާލުމަކެއް ދިނުމަށްވެސް އޭނާ ގޮވާލާފައިވެވެ.

އެ ކުއްލި މައްސަލަ މަޖިލީހުން ބަލައިގަނެ، މިހާރު އެ މައްސަލައަށް ދަނީ ބަހުސް ކުރަމުންނެވެ.

comment ކޮމެންޓް