ސުޕްރީމް ކޯޓުގެ ހުކުމަކީ ވަޒީފާއިން މީހުން ވަކިކުރަން ދިން ލައިސެންސެއް: އަލީ ހުސައިން

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން -- ފޮޓޯ/ މަޖިލިސް

ކުރައުން ކޮމްޕެނީގެ ދަށުން ހިންގަމުން ދިޔަ ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑު ރިސޯޓުން މީގެ 10 އަހަރު ކުރިން ވަޒީފާއިން ވަކިކުރި 22 މުވައްޒަފުންގެ މައްސަލައިގައި ސުޕްރީމް ކޯޓުން ކުރި ހުކުމަށް، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ކުރައުން ކޮމްޕެނީގެ ދަށުން ހިންގަމުން އައި އެ ރިސޯޓުން 22 މުވައްޒަފުން ވަކިކުރީ 2011 ޖޫންގަ އެވެ. އެ މުވައްޒަފުން އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން 2012 ގައި އެތަނުން ނިންމީ އެ މީހުންގެ ވަޒީފާ އިޔާދަ ކުރުމަށެވެ. ނަމަވެސް 2015ގައި ހައިކޯޓުން އެ ނިންމުން ބާތިލްކޮށް ހުކުމް ކުރީ ވަޒީފާ އިޔާދަ ނުކޮށް މާލީ ބަދަލު ނަގައިދެވޭނެ ކަމަށެވެ. އެހެން ނަމަވެސް 2015 ގައި ސުޕްރީމް ކޯޓުން ހައިކޯޓުގެ އެ ނިންމުން ބާތިލްކޮށް އަލުން އެ މައްސަލަ ބެލުމަށް އެންގުމުން އެ ކޯޓުން މައްސަލަ ރިވިއުކޮށް ހުކުމް ކުރީ އެ މީހުން ވަކިކުރީ ގޯސްކޮށް ކަމަށާއި ވަޒީފާ އަނބުރާ އިޔާދަކުރަން ޖެހޭ ކަމަށެވެ.

ހައިކޯޓުގެ ހުކުމް ކުރައުން ކޮމްޕެނީން އިސްތިއުނާފު ކުރުމުން ސުޕްރީމް ކޯޓުން މިދިޔަ ހަފްތާގައި ކުރި ހުކުމުގައި ވަނީ ކޮންރެޑުން މުވައްޒަފުން ވަކިކުރީ އެތަނުގެ އަގުބޮޑު ވިލާތަކެއް ބަންދުކުރަން ޖެހުމުން ވިޔަފާރި ދަށްވުމުގެ ސަބަބުން ކަމަށް ބުނި ނަމަވެސް އެކަން ސާބިތުކޮށް ދެވިފައި ނުވާ ކަމަށެވެ. އަދި ވަގުތީ މުވައްޒަފުން ވެސް ތިއްބާ ދާއިމީ 22 މުވައްޒަފަކު ވަކިކުރުމާ މުވައްޒަފުން ވަކިކުރި ވަގުތުގައި އެކަން ކުރި ސަބަބު ބަޔާންކޮށްފައި ނުވާ ކަމަށް ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ.

އެހެންކަމުން މައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ބުރަވެވުނީ ކޮންރެޑުން މުވައްޒަފުން ވަކިކުރީ ރަނގަޅު ނިޔަތެއްގައި ނޫން ކަމެށެވެ. އަދި އެ މުވައްޒަފުން ވަކިކުރުމުގައި އިޖުރާއީ އަދި މައުޟޫއީ އަދުލުވެރިކަން ހޯދާދީފައި ނުވާ ކަމަށް ހުކުމުގައިވެ އެވެ.

އެހެން ނަމަވެސް ސުޕްރީމް ކޯޓުން ބުނީ މިހާރު އެ މީހުން ވަކިކުރި ފަހުން ނުވަ އަހަރަށް ވުރެ ގިނަ ދުވަސްވެފައިވުމާއި ވަކިކުރި މުވައްޒަފުންނާއި ރިސޯޓުގެ މެނޭޖްމަންޓާ ދެމެދު އިތުބާރުގެ މައްސަލަތަކެއް ހުރުމުން އެ މީހުންގެ ވަޒީފާ އަނބުރާ އިއާދަކުރަން ޖެހޭ ކަމަށް ހައިކޯޓުގެ ހުކުމުގައި ބުނާ ބައި ބާތިލް ކުރާ ކަމަށެެވެ.

އެ މުވައްޒަފުން ވަޒީފާއިން ވަކިކުރީ ވަޒީފާގެ ގާނޫނުގައި ބުނާ ނޯޓިސްގެ މުއްދަތު ނުދީ ނަމަވެސް ވަޒީފާގައި ދެމި ހުރި މުއްދަތަށް ބަލައިގެން ނޯޓިހުގެ މުއްދަތަށްވާ އުޖޫރަ ދީފައި ވުމާއި ރިޑަންޑެންސީ އެލަވެންސެއް ވެސް ދެ މަހުގެ މުއްދަތަށް ދީފައި ވުމުން ވަކިކުރި މުވައްޒަފުންނަށް މާލީ ގޮތުން ދޭން ޖެހޭ ބަދަލެއް ނެތް ކަމަށް ވެސް ސުޕްރީމް ކޯޓުގެ ހުކުމްގައިވެ އެވެ.

ނަމަވެސް ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ގެއްލުމެއް ލިބިފައިވާ ނަމަ، އެ ގެއްލުމުގެ ބަދަލު ހޯދުމަށް އެ މުވައްޒަފުންނަށް މައްސަލަ ހުށަހޅިދާނެ ކަމަށާއި އެ ކަންކަން ވަކިން ބަލައި ބަދަލެއް ނަގައިދޭން ހުރަހެއް ނެތް ކަމަށް ހުކުމުގައިވެ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން އަލީ ހުސައިން "ސަން" އަށް ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމަކީ ގާނޫނުއަސާސީ އާއި ވަޒީފާއާ ބެހޭ ގާނޫނާ ހިލާފު ހުކުމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

މެމްބަރު ވިދާޅުވީ މުވައްޒަފުންނަށް އަލުން ވަޒީފާ ދޭން ނުފެންނަ ކަމަށް ކޯޓުން ނިންމީ، ވަޒީފާއިން ވަކިކުރި ފަހުން ދިގު މުއްދަތެއް ފާއިތުވުމުން ކަމަށް ވާއިރު، އެހާ ދިގު މުއްދަތެއް ހޭދަވީ މުވައްޒަފުންގެ އިހުމާލުން ނޫން ކަމަށެވެ.

"މައްސަލަ އޮތީ ހުށަހަޅަންޖެހޭ މުއްދަތުގަ ހުށަހަޅާފަ. އެހެންވީމަ ނުވަ އަހަރު، ޖުޑީޝަރީން މައްސަލައެއް ނިންމަންވާ އަވަސްމިނުގަ މައްސަލައެއް ނުނިމުނީމަ އޭގެ ގެއްލުން ނޫނީ އޭގެ ޒިންމާ މައްސަލަ ހުށަހެޅި ފަރާތުން ނަގަންޖެހޭ ގޮތަށް ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއީ އިންސާފެއް ނޫން،" ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި އެވެ.

އޭގެ އިތުރުން އެ ނިންމުމަކީ ވަޒީފާއާ ބެހޭ ގާނޫނުން ކަށަވަރުކޮށްދީފައިވާ ވަޒީފާގެ ޔަގީންކަމާއި، ގޯސްކޮށް ވަޒީފާއިން ވަކިކޮށްފިނަމަ ވަޒީފާ އަލުން އަނބުރާ ލިބެންޖެހޭނެ ކަމަށް އޮންނަ މަހްފޫމާ ވެސް ހިލާފަށް ކޮށްފައި އޮތް ހުކުމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.

އަލީ ހުސައިން ވިދާޅުވީ ކްރައުން ކުންފުންޏާ މުވައްޒަފުންނާ ދެމެދު އޮތް އިތުބާރު ގެއްލިފައިވާ ކަމަށް ބުނެފައި ވަނީ ގާނޫނުއަސާސީން އެމީހުންނަށް ލިބިދީފައިވާ މުޒާހަރާކުރުމުގެ ހައްގާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު ބޭނުންކުރުމުން ކަމަށެވެ.

"މިއީ ސީދާ ގާނޫނުއަސާސީގެ ސައްހަ ނައްސުން ދިވެހިރާއްޖޭގައި ދިރިއުޅޭ ކޮންމެ މީހަކަށް ވެސް ލިބިދީފައިވާ އަސާސީ ހައްގު. އެހެންވީމަ އަސާސީ ހައްގެއް މުވައްޒަފަކު ބޭނުންކުރީމާ އެއީ މުވައްޒަފު ވަޒީފާ ދޭ މީހާގެ އިތުބާރު ގެއްލޭ ސަބަބެއް ކަމަށް ބަލާފައި އޭނައަށް އަލުން އަނބުރާ ވަޒީފާ ދޭން ނުޖެހޭނެ ކަމަށް ނިންމުން އެއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން،" އަލީ ހުސައިން ވިދާޅުވި އެވެ.

އެ މުވައްޒަފުން ވަކިކުރުމުގައި އިޖުރާއީ އަދި މައުޟޫއީ އަދުލުވެރިކަން ހޯދާދީފައި ނުވާ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވާ ބަޔަށް ވެސް އަލީ ހުސައިން އަލިއަޅުވާލެއްވި އެވެ.

"އެހެންވީމަ ސާފުކޮށް މި ބުނެވެނީ ކީކޭތޯ؟ ސާފުކޮށް މި ބުނެވެނީ މައުޟޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމުވެފައި ނެތަސް ވަޒީފާ އަލުން ދޭކަށް ނުޖެހޭ ކޮންމެހެން،" އަލީ ހުސައިން ވިދާޅުވި އެވެ.

ވަޒީފާއިން ވަކިކޮށް މުވައްޒަފުންނަށް ނޯޓިހުގެ މުއްދަތަށްވާ އުޖޫރަ ދީފައި ވުމާއި ރިޑަންޑެންސީ އެލަވެންސެއް ވެސް ދެ މަހުގެ މުއްދަތަށް ދީފައި ވުމުން އެއީ އެ މުވައްޒަފުންނަށް ވަޒީފާ އަލުން އަނބުރާ ދޭންނުޖެހޭ ސަބަބެއް ކަމަށް ނުބެލެވޭނެ ކަމަށް ވެސް މެމްބަރު އަލީ ހުސައިން ވިދާޅުވި އެވެ.

މެމްބަރު އަލީ ހުސައިން ވިދާޅުވީ އެގޮތަށް ގަބޫލުކުރާނަމަ، އެއްވެސް މުވައްޒަފަކަށް ވަޒީފާގެ ޔަގީންކަން ނޯންނާނެ ކަމަށެވެ. އެހެންކަމުން ސުޕްރީމް ކޯޓުގެ ނިންމުން ބަލައިގަންނަން ވަރަށް އުނދަގޫ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮންމެ ގޮތެއް ވިޔަސް އެމީހުން ވަޒީފާއިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފަ، އަލުން ވަޒީފާ ދޭން ނުޖެހޭ ގޮތަށް، އަދި ބަދަލުގެ ގޮތުގައި އެއްވެސް އެއްޗެއް ދޭން ނުޖެހޭ ގޮތަށް މި ނިންމި ނިންމުމަކީ ހަމަ ސީދާ ކަނޑައެޅިގެން ގާނޫނު އަސާސީއާ ހިލާފަށް އަދި ވަޒީފާއާ ބެހޭ ގާނޫނާ، ޑިމޮކްރެޓިކް ގައުމުތައް ގަބޫލުކުރާ ހަމަތަކާ މިންތަކާ އުސޫލުތަކާ ވެސް ހިލާފަށް ނިންމާފައިވާ ނިންމުމެއް،" އަލީ ހުސައިން ވިދާޅުވި އެވެ.

އަލީ ހުސައިން ވަނީ މޯލްޑިވިއަން އެއާޓެކްސީ ޕްރައިވެޓް ލިމިޓެޑްގެ ދިވެހި މުވައްޒަފުންނަށް އެކަމަޑޭޝަން އެލަވަންސް ނުދީ، އެފަދަ އެލަވަންސެއް ބިދޭސީ މުވައްޒަފުންނަށް ދިނުމަކީ ތަފާތުކުރުމެއް ނޫން ކަމަށް ސްޕްރީމް ކޯޓުން ނިންމި ނިންމުމަށް ވެސް ފާޑުވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވީ ބިދޭސީންނަށް އެކޮމޮޑޭޝަން ހަމަޖައްސައިދީ ދިވެހީންނަށް އެކަން އެގޮތަށް ހަމަނުޖެހުމަކީ ތަފާތުކުރުމަށް ނުވާނަމަ ތަފާތުކުރުމުގެ މާނަ އެނގިވަޑައިނުގަންނަވާ ކަމަށެވެ.

"މިހާރު ޖުމްލަކޮށް ދަންނަވަންޏާ ވަޒީފާއަދާކުރާ މީހުންނަށް އެއްވެސް ރައްކާތެރިކަމެއް ރާއްޖެއަކު ނެތް. ސުޕްރީމް ކޯޓުން މި ކުރި ދެ ހުކުމުގެ ސަބަބުން އަދި މިހާރު އަދި އަމުދުން ރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންގެ ހާލަތު ނުވަތަ އެމީހުން ވަޒީފާގައި ދެމިތިބުމުގެ ޔަގީންކަން، އަދި ތަފާތުކޮށްގެން ނުވާނެ ކަމަށް އޮންނަ އޮތުން ވެސް ނެތިގެން އެދިޔައީ،" އަލީ ހުސައިން ވިދާޅުވި އެވެ.

އަލީ ހުސައިން ވިދާޅުވީ ސުޕްރީމް ކޯޓުގެ ދެ ހުކުމުގެ ސަބަބުން، ގާނޫނު އަސާސީއާ ހިލާފަށް ހަދާފަ އޮންނަ ގަވާއިދެއްގެ މާއްދާއެއްގައި ލިޔެފައި އޮންނަ އެއްޗަކަށް ރިއާޔަތްކޮށްގެން ވަޒީފާ ދޭ މީހާ ބޭނުންގޮތަކަށް ތަފާތުކުރަމުން ގެންދިއުމުގެ މަގު ފަހިވެފައިވާކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"ވަޒީފާއިން ކަނޑާލުން ޖަސްޓިފައިކޮށްފަ ދިން ލައިސެންސެއް ގޮތަށް އަޅުގަނޑަށް ފެންނަނީ. ވަޒީފާ ދޭ މީހުން ބޭނުންވީމަ، ވަޒީފާ އަދާކުރާ މީހާއާމެދު ހިތްހަމަ ނުޖެހުނީމަ ވަޒީފާއިން ކަނޑާލުމަށް ދިން ލައިސެންސެއް ގޮތަށް އަޅުގަނޑު ސިފަކުރަނީ. ހަމަ ފްރީ ލައިސެންސެއް ދީފަ މި އޮތީ، ބޭނުންގޮތަކަށް ހިތްހަމަ ނުޖެހުނީމަ، ކުޑަ ކުޑަ ކޮމްޕެންސޭޝަނެއް ދީފަ ވަކިކޮށްލެވޭ ގޮތަށް ލައިސެންސް. އޭގަ މިހާރު އިޖުރާއީ އަދުލުވެރިކަން ވެސް މައުޟޫއީ އަދުލުވެރިކަން ވެސް ގާއިމުކުރާކަށް ނުޖެހޭ. ކުޑަކުޑަ ލާރިކޮޅެއް ދިނީމަ ރަނގަޅުވާނެ. އެގޮތަށް ދީފަ އޮތް ލައިސެންސެއް. ސުޕްރީމް ކޯޓުން ދިން ލައިސެންސެއް،" އަލީ ހުސައިން ވިދާޅުވި އެވެ.

އަލީ ހުސައިން ވިދާޅުވީ މި ދެ ހުކުމާއެކު މުސްތަގުބަލުގައި ވަޒީފާގައި އުޅޭ މީހުންގެ ހައްގުތައް ކަށަވަރުކޮށް ޔަގީންކުރެވޭނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

ސުޕްރީމް ކޯޓަކީ އެންމެ މަތީ ކޯޓު ކަމުން، ދެން މިކަން ރަނގަޅު ކުރެވޭނީ ރައްޔިތުންގެ މަޖިލީހުން ގާނޫނެއް ފާސްކޮށްގެން ކަމަށް މެމްބަރު ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލީހުން އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ނުވަތަ އެކަން ނަލިފައި ކޮށްފަ ނުވަތަ އެހެންގޮތަކަށް ޑައިރެކްޝަން ދީ ގާނޫނެއް ފާސްކޮށްގެން. އެނޫން ގޮތަކަށް ސުޕްރީމް ކޯޓުން ނުހައްގުން ނުވަތަ ގާނޫނީ އުސޫލުތަކާ ހިލާފަށް މީހުން ވަކިކުރެވޭނެ ކަމަށް ދީފަ އޮތް ލައިސެންސްގެ ބާރު ކެނޑޭނެ އެއްވެސް ގޮތެއް ނޯންނާނެ،" އަލީ ހުސައިން ވިދާޅުވި އެވެ.

ނަމަވެސް ވަޒީފާއިން ވަކިކުރީ ގޯސްކޮށް ނަމަވެސް ވަޒީފާ އަނބުރާ ދޭން ނުޖެހޭ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައި އޮތުމުން ގާނޫނެއްގައި ލިޔެގެން ވެސް ސާފު ހަލެއް ލިބިދާނެ ކަމާމެދު އަލީ ހުސައިން ސުވާލު އުފެއްދެވި އެވެ.

"ހަގީގަތުގައި އަޅުގަނޑު ސުޕްރީމް ކޯޓަށް ކުރި އިތުބާރާ ޔަގީންކަން ބޮޑުތަނުން ގެއްލިއްޖެ މި ދެ ހުކުމް މިގޮތަށް އައީމަ،" އަލީ ހުސައިން ވިދާޅުވި އެވެ.

އަލީ ހުސައިންގެ އިތުރުން ގާނޫނީ ބޭފުޅުން އަންނަނީ ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުންނެވެ.

comment ކޮމެންޓް