އެމެރިކާއާއި ރަޝިއާއިން ސްޓްރެޓީޖިކް ހަތިޔާރު މަދުކުރުމާބެހޭ މުއާހަދާގެ މުއްދަތު އިތުރުކޮށްފި

އެމެރިކާއާއި ރަޝިއާގެ މިހާރުގެ ރައީސުން

މޮސްކޯ (ފެބްރުއަރީ 4) : ރަޝިޔާއާއި އެމެރިކާއިން ސޮއިކޮށްފައިވާ ސްޓްރެޓީޖިކް ހަތިޔާރު މަދުކުރުމާ ބެހޭ މުއާހަދާގެ މުއްދަތު އިތުރު ފަސް އަހަރަށް އިތުރުކުރުމަށް އެދެގައުމުން ނިންމައިފި އެވެ.

ރަޝިޔާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއް ބުނާ ގޮތުން މި މުއާހަދާގެ މުއްދަތު އިތުރު ފަސް އަހަރަށް އިތުރުކުރުމަށް ދެގައުމުން އިއްޔެ ވަނީ އެއްބަސްވެފަ އެވެ. އެއްބަސްވީ އެ މުއާހަދާގެ އެއްވެސް މާއްދާއަކަށް ބަދަލުނުގެނަސް އެވެ. މިކަން އެމެރިކާގެ ޚާރިޖީ ވުޒާރާއިންވެސްވަނީ ކަށަވަރުކޮށްދީފަ އެވެ.

ސްޓްރެޓީޖިކް އާމްސް ރިޑަކްޝަން ޓްރިޓީ (ސްޓާޓް) އަކީ ކުރީގެ ސޮވިއެޓް ޔުނިއަން (ރޫސީވިލާތް) އާއި އެމެރިކާއާ ދެމެދު 1991 ވަނަ އަހަރު ސޮއިކުރި މުއާހަދާއެކެވެ. މަގްސަދަކީ އެދެގައުމުގައިވާ ބާރުގަދަ ނިއުކްލިޔާ ހަތިޔާރުގެ ފުނިވަރު މަދުކުރުމެވެ. ކުރީގެ ސޮވިއެޓް ޔުނިޔަން ރޫޅިގެން ދިޔުމަށް ފަހު ސޮވިއެޓް ޔުނިޔަންގައި ހިމެނުނު އެންމެ ބޮޑު ގައުމު ކަަމަށްވާ ރަޝިއާ އިން ގެންދިޔައީ މިމުއާހަދާއަށް އަމަލުކުރަމުންނެވެ. އެއީ ސޮވިއެޓް ޔުނިޔަންގެ ނިއުކްލިޔާ ހަތިޔާރުތައް ވާރުތަވީ ރަޝިއާއަށް ކަމަށްވާތީ އެވެ.

ސްޓާޓް މުއާހަދާގައި އެމެރިކާގެ ކުރީގެ ރައީސް ބުޝް އާއި ސޮވިއެޓް ޔުނިޔަންގެ ޒައީމް މިޚައިލް ގޯބަޗޯވް ސޮއިކުރައްވަނީ

މި މިމުއާހަދާގެ މުއްދަތު 2009 ވަނަ އަހަރުގެ ޑިސެމްބަރު މަހު ހަމަވުމުން އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާއާއި އޭރުގެ ރަޝިޔާގެ ރައީސް ޑިމިޓްރީ މެޑްވަޑޭވް ވަނީ އެމުއާހަދާ އަލުން ދިރުވުމުގެ އެއްބަސްވުމެއްގައި 8 އެޕްރީލް 2010ގައި ޗެކް ރިޕަބްލިކްގެ ވެރިރަށް ޕްރާގްގައި ސޮއިކުރައްވައިފަ އެވެ.

ސްޓްރެޓީޖިކް އާމްސް ރިޑަކްޝަން ޓްރިޓީ (ސްޓާޓް) އަކީ ފަނާކުރަނިވި ހަތިޔާރު މަދުކުރުމަށް ކުރީގެ ސޮވިއެޓް ޔުނިޔަންއާއި އެމެރިކާއާ ދެމެދު ވެފައިވާ މުއާހަދާތަކުގެ ތެރެއިން މިހާރު އަމަލުކުރާ ހަމައެކަނި މުއާހަދާއެވެ. ކުރީގެ ސޮވިއެޓް ޔުނިޔަންއާއި އެމެރިކާއަކީ ފިނި ހަނގުރާމައިގެ ދުވަސްވަރު ހަތިޔާރު އުފެއްދުމާއި ހަތިޔާރު ތަޖްރިބާކުރުމުގެ ވަރުގަދަ ރޭހެއްގައި ކުރިޔަށްދިޔަ ދުނިޔޭގެ ބޮޑު ދެބާރެވެ.

ނިއުކްލިޔާ ހަތިޔާރާއި އެނޫން ވެސް ފަނާކުރަނިވި ހަތިޔާރުތައް ކޮންޓްރޯލް ކުރުމަށާއި ހަތިޔާރުގެ ރޭސް މައިތިރި ކުރުމަށް ކުރީގެ ސޮވިއެޓް ޔުނިޔަންއާއި އެމެރިކާ އިން 1970ގެ އަހަރުތަކުގައާއި 1980ގެ އަހަރުތަކުގައި އެތައް މުއާހަދާތަކެއްގައި ސޮއިކޮށްފައިވެ އެވެ. މީގެ ތެރެއިން މިހާރު އެދެގައުމުން އަމަލުކުރާ ހަމައެކަނި މުއާހަދާއަކީ ސްޓްރެޓީޖިކް އާމްސް ރިޑަކްޝަން ޓްރިޓީ (ސްޓާޓް) މުއާހަދާއެވެ.

އޮބާމާއާއި މިޑްވެޑޭވް ސްޓާޓް މުއާހަދާގެ އައު ވާޝަންގައި ސޮއިކުރައްވަނީ

ދުނިޔޭގައި އަދިވެސް ނިއުކްލިޔާ ހަތިޔާރު އެންމެ ގިނަގައުމަކީ ރަޝިއާއެވެ. ރަޝިއާގައި މިހާރު ވެސް 8،000 އަށް ވުރެ ގިނަ ނިއުކްލިޔާ ހަތިޔާރުގެ ސްޓޮކެއް ހުރިއިރު އެމެރިކާގައި 7،000 އަށް ވުރެ ގިނަ ނިއުކްލިޔާ ހަތިޔާރުގެ ސްޓޮކެއް ހުރިކަމަށް ރިޕޯޓްތައް ބުނެ އެވެ. ތިންވަނައަށް ދުނިޔޭގައި ނިއުކްލިޔާ ހަތިޔާރު އެންމެ ގިނަ ގައުމަކީ ޗައިނާއެވެ. ޗައިނާގައި 600 އަށް ވުރެ ގިނަ ނިއުކްލިޔާ ހަތިޔާރު ހުރިކަމަށް ރިޕޯޓްތައް ބުނާއިރު ޗައިނާގެ ނިއުކްލިޔާ ސްޓޮކްގެ ހަގިގީ އަދަދު ސާފެއްނޫނެވެ. އެމެރިކާ މިހާރު ގެންދަނީ ސްޓްރެޓީޖިކް އާމްސް ރިޑަކްޝަން ޓްރިޓީގައި ޗައިނާ ބައިވެރިކުރުމަށް ބާރުއަޅަމުންނެވެ. ނަމަވެސް ޗައިނާ މިކަމާ ކަނޑައެޅިގެން ދެކޮޅު ހަދާތީ މިމުއާހަދާގައި ޗައިނާ ބައިވެރި ކުރުމުގައި އެމެެރިކާވަނީ ނާކާމިޔާބުވެފަ އެވެ.

ނިއުކްލިޔާ ހަތިޔާރު އުފެއްދުމަކީ އެމެރިކާ ފަދަ ދުނިޔޭގެ ބޮޑެތި ބާރުތަކަށް ވެސް ބައިނަލްއަގްވާމީ ގާނޫނުތަކުގައި މަނާކަމެކެވެ. ނަމަވެސް އެމެރިކާ ފަދަ ބޮޑެތި ބާރުތަކުން މަސައްކަތް ކުރަނީ އެގައުމުތަކުން ނިއުކްލިޔާ ހަތިޔާރު ބޭނުންވަރަކަށް އުފައްދައި ގިނައަދަދަކަށް ސްޓޮކް ކުރުމަށް ފަހު އެހެން ގައުމުތަކުން ނިއުކްލިޔާ ހަތިޔާރު އުފެއްދުން މަނާކުރުމަށެވެ. ނިއުކްލިޔާ ހަތިޔާރު ގާނޫނާ ޚިލާފަށް އުފައްދައި މޮނޮޕޮލީ ކުރުމުގައި އެމެރިކާފަދަ ދުނިޔޭގެ ބޮޑެތި ބާރުތަކުގެ އަސްކަރީ ސްޓްރެޓެޖީއަކީ އެގައުމުތަކުގެ ބާރާއި ނުފޫޒު ދުނިޔޭގެ އެހެން ގައުމުތަކަށް ހިންގުމާއި އެގައުމުތަކާ އަސްކަރީ ގޮތުން ފައިހަމަކުރުމުގެ ފުރުސަތު އެހެންގައުމުތަކަށް ނުދީ އެހެން ގައުމުތައް އަސްކަރީ ގޮތުން ބިރު ދެއްކޭފަދަ ހާލަތެއްގައި ބޭތިއްބުމެވެ.

comment ކޮމެންޓް