ކަރަންކާ ރަޝީދު އަަވަހާރަވުމުން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރަނީ

ރައީސް ސޯލިހު އިބްރާހިމް ރަޝީދު އަރިހުގައި --- ފޮޓޯ: ރައީސް އޮފީސް

ދިވެހި ދައުލަތަށް ދިގު މުއްދަތަތަކަށް ހިދުމަތް ކުރައްވާފައިވާ، ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ ހ.ޒޮނޭރިއާ އިބްރާހިމް ރަޝީދު (ކަރަންކާ ރަޝީދު) އަވަހާރަވުމާ ގުޅިގެން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރަން ނިންމައިފި އެވެ.

ގިނަ ދުވަސްތަކެއްވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު ކަރަންކާ ރަޝީދު އަވަހާރަވީ މިއަދު މެންދުރުފަހު ހ.ކަރަންކާގޭގަ އެވެ.

އަވަހާރަވިއިރު އުމުރުފުޅަކީ 92 އަހަރެވެ.

އޭނާ ސަރުކާރަށް ހިދުމަތްކުރައްވަން ފެއްޓެވީ 1942 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އެއީ ރައްޔިތުންގެ ބޮޑު އިސްޓޯރިގެ ކާތިބުކަމުގެ ވަޒީފާއިންނެވެ. އޭގެ ފަހުން އޭނާ ވަނީ ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީން ދޮށިމޭނާކިލެގެފާނުގެ ކާތިބުކަންވެސް ކުރައްވާފަ އެވެ.

ކަރަންކާ ރަޝީދު ދައުލަތަށް ހިދުމަތްކުރެއްވި ބައެއް އެހެނިހެން މަގާމުތަކުގެ ތެރޭގައި މާބަނޑޭރި އޮފީހުގައި ރަދުންގެ ކާތިބުއްސިރުކަމާއި، ވުޒާރަތުއްދާޚިލިއްޔާގެ ވަޒީރުގެ ނައިބުކަމާއި، ވުޒާރަތުލް މައާރިފުގެ ނައިބުކަމާއި، ވަޒީރުލްއައުޒަމްގެ ހާއްސަ ސެކްރެޓަރީކަމާއި ވަޒީރުލްއައުޒަމްގެ ނައިބުކަމާއި، މިނިސްޓަރ އޮފް ހެލްތުކަމާއި ހޯމް މިނިސްޓަރުކަން، އަދި ދައުލަތަށް ގިނަދުވަހު ހިދުމަތްކުރެއްވި އިއްޒަތްތެރިޔާގެ މަގާމުވެސް ހިމެނެއެވެ.

މީގެ އިތުރުން ރަޝީދު ވަނީ ރައޔްިތުންގެ މަޖިލީހުގެ ޒައީމުކަމާއި، ރައީސުލްޖުމްހޫރިއްޔާގެ މަޝްވަރާ މަޖިލީހުގެ މެމްބަރުކަންވެސް ކުރައްވާފަ އެވެ.

އިނގިރޭސީންގެ ހިމާޔަތުގެ ދަށުން ރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ހޯއްދެވުމަށް ކުރި މަސައްކަތުގައި ބޮޑުވަޒީރު އިބްރާހިމް ނާސިރުގެ އަރިހުގައި ރަޝީދު އިސް ދައުރެއް އަދާކުރެއްވި އެވެ. އަދި 1962 ގައި ވޯރާ ވިޔަފާރިވެރިންގެ ކިބައިން ރާއްޖޭގެ އިގްތިސާދު މިނިވަންކުރުމުގެ މަސައްކަތުގައި ބޮޑުވަޒީރު ނާސިރު އަރިހުން އޭނާ މަސައްކަތްކުރެއްވި އެވެ.

މީގެ އިތުރުން ރާއްޖޭައި އިނގިރޭސި މީޑިއަމަށް ތައުލީމުދޭން ފެށުމާއި، ސަރުކާރުގެ ހޮސްޕިޓަލް ހުޅުވުމާއި އަތޮޅުތަކުގައި ސިއްހީ މަރުކަޒު ހުޅުވުމާއި، އެއާޕޯޓު ބިނާކުރުމާއި ދަތުރުފަތުރާއި މުވާސަލާތުގެ ރޮނގުތަކުން އެދުވަސްވަރު ރާއްޖޭގައި ހިންގި ތަރައްގީގެ މަޝްރޫއުތަކުގައި އަމަލީ ގޮތުން ހިކުމަތްތެރި އަދި ހީވާގި ދައުރެއް އޭނާ އަދާކުރެއްވި އެވެ.

ކަރަންކާ ރަޝީދުގެ ގައުމީ ހިދުމަތްތައް ފާހަގަކުރައްވައި، އޭނާއަށް ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަން (ނޢޢވ) ދައުލަތުން ދެއްވީ 2011 ވަނަ އަހަރު އެވެ.

comment ކޮމެންޓް