މާޔަން އޭއެފްސީއާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި ބޮޑު ކާމިޔާބެއް

މަރިޔަމް މުހައްމަދު (މާޔަން) -- ސަން ފޮޓޯ/ ޒަމަތު އާދަމް

އޭޝިއަން ފުޓްބޯޅަ ކޮންފެޑެރޭޝަން (އޭއެފްސީ)ގެ އެގްޒެކެޓިވް ކޮމިޓީގެ އިންތިހާބަށް ނުފޫޒުތައް ފޯރުވާ ތަފާތު ކުރުން ގެންގުޅުން ކަމަށް ބުނެ އެ އިންތިހާބުގައި ވާދަކުރެއްވި ރާއްޖޭގެ މަރިޔަމް މުހައްމަދު (މާޔަން) ކޯޓު އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) އަށް ހުށަހެޅި މައްސަލަ އޭނާއާ އެއްކޮޅަށް ނިންމައިފި އެވެ.

ރާއްޖޭގެ އަންހެން ފުޓްބޯޅައިގެ އިސްވެރިޔާކަން މީގެ ކުރިން ކުރެއްވި މާޔަންއަށް 2019 ވަނަ އަހަރު އިންތިހާބުގައި ނާކާމިޔާބާ ކުރިމަތިވުމާ އެކު ސީއޭއެސްއަށް އޭނާ މައްސަލަ ހުށަހެޅުއްވީ ވަކި ކެންޑިޑޭޓެއް ހޮވުމަށް ބާރުގަދަ ފަރާތްތަކަކުން އެ އިންތިހާބަށް ނުފޫޒު ފޯރުވައި ޖިންސީ ތަފާތު ކުރުން ގެންގުޅެ އަންހެނުންނަށް ކުރިމަތިލެވޭ މަގާމުތައް މަދުކުރި ކަމަށް ތުހުމަތުކޮށްފަ އެވެ. މީގެ އިތުރުން އޭނާގެ ނަން އިންތިހާބުން ނެގުމަށް ބަޔަކު ނުފޫޒު ފޯރުވަން މަސައްކަތް ކުރި ކަމަށް ވެސް މާޔަން ތުހުމަތު ކުރެ އެވެ.

އޭއެފްސީއާ ދެކޮޅަށް މާޔަން ސީއޭއެސްއަށް ހުށަހެޅި އެ މައްސަލަ މިދިޔަ ހޯމަ ދުވަހު ނިންމަމުން އެ ޓްރައިބިޔުނަލުން ބުނެފައި ވަނީ އިންތިހާބުގެ ތެރޭގައި އޭއެފްސީން ޖިންސީ ތަފާތު ކުރުން ގެންގުޅުނު ކަމަށާއި އަދި އެ އިންތިހާބަށް ނުރަނގަޅު ނުފޫޒުތައް ފޯރުވި ކަމަށް މާޔަން ކުރާ ތުހުމަތުތައް ޓްރައިބިޔުނަލަށް ސާބިތުވާ ކަމަށެވެ. މާޔަންގެ ތުހުމަތުތައް ޓްރައިބިއުނަލަށް ސާބތުވި ނަމަވެސް އިންތިހާބުގެ ނަތީޖާތައް ބާތިލް ކުރުމުގެ ބާރު ސީއޭއެސްއަށް ނެތް ކަމަށް ވެސް އެ ނިންމުމުގައިވެ އެވެ. އަދި އިންތިހާބެއް ބާތިލްކޮށް އަލުން އިންތިހާބު ބޭއްވުމަކީ އޭއެފްސީއަށް އޮތް ބާރެއް ކަމަށް ވެސް ޓްރައިބިއުނަލުން ވަނީ ފާހަގަކޮށްފަ އެވެ.

ސީއޭއެސްގެ ނިންމުމުގައި އަދި ބުނެފައި ވަނީ މާޔަންގެ ޝަކުވާތައް އޭއެފްސީއިން ބަލައި ވަކި ގޮތެއް ނިންމާފައި ނުވާތީ އިންސާފަށް ހުރަސް އެޅިފައިވާ ކަމަށެވެ. އަދި ނަން ނެގުމަށް މާޔަންއަށް ބަޔަކު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގައި ސީއޭއެސްއިން ވަނީ މާޔަން ދިން ހެކިބަހަކީ ގަބޫލުކުރެވޭ ހެކިބަހެއް ކަމަށާއި، އެ މައްސަލައިގައި އޭއެފްސީއިންވެސް މާޔަންގެ ވާހަކަތަކަށް ދެކޮޅު ހަދާފައިނުވާކަން ފާހަގަކޮށްފަ އެވެ.

މި މައްސަލައާއި ގުޅިގެން ސީއޭއެސްގައި މާޔަން ތަމްސީލުކުރެއްވި ލޯ ފާމް "ޑެޝާޓް އެލްއެލްޕީ" އިން ނެރުނު ބަޔާނެއްގައި ޓްރައިބިއުނަލްގެ އެ ނިންމުން އެ ފާމުން ސިފަކުރީ މިއީ ޖިންސީ ތަފާތުކުރުމާއި ކޮރަޕްޝަންގެ މައްސަލައެއްގައި ފާހަގަކޮށްލެވޭނެ ވަރުގެ މުހިންމު ނިންމުމެއް ކަމަށެވެ.

ސީއޭއެސްގެ ނިންމުމަށް މަރުހަބާ ވިދާޅުވެ މާޔަން ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ ސީއޭއެސްގެ ނިންމުމުން އެނގިގެން ދަނީ އޭއެފްސީއަށް އިންތިހާބުވެވަޑައިގެން ތިއްބެވި ފަރާތްތަކާ މެދު ސުވާލު އުފެދޭކަން ކަމަށެވެ. އަދި އޭނާ ގޮވާލެއްވީ އަލުން އިންތިހާބު ބޭއްވުމަށާއި އޭއެފްސީގެ ތެރޭގައި ހުރި ކޮރަޕްޝަނާއި ފަސާދައިގެ ކަންކަން އިސްލާހު ކުރަން އެ ޖަމާއަތުން އަމިއްލައަށް އިސްނަގައިގެން މަސައްކަތް ފެށުމަށެވެ.

"މިއީ ވަރަށް ރަނގަޅު ނަތީޖާއެއް. 2019 ވަނަ އަހަރުގެ އިންތިހާބަށް ކުރެވުނު ހުރިހާ ތުހުމަތެއްވެސް މިވަނީ ސާބިތުވެފައި. މައްސަލައިގައި ސީއޭއެސްގެ ޕެނަލްގެ ނިންމުމުން އެނގިގެން ދަނީ ބޮޑެތި ކޮރަޕްޝަންގެ އަމަލުތަކާއި ތަފާތުކުރުންތަކެއް އެ އިންތިހާބުގެ ތެރޭ ހިންގާފައިވާކަން." މާޔަން ޓްވިޓާގައި ލިޔުއްވި އެވެ.

މަރިޔަމް މުހައްމަދު ރެފްރީ ކޮލީނާއާއިއެކު. -- (ފޮޓޯ/ފޭސްބުކް)

މި ތުހުމަތުތަކާއި ގުޅިގެން މާޔަން ހުށަހެޅުއްވި މައްސަލަ ފީފާގެ އެތިކްސް ކޮމިޓީއިން ދަނީ އަދިވެސް ބަލަމުންނެވެ.

ސީއޭއެސްއީން އަދި ނިންމާފައި ވަނީ އެ ޓްރައިބިއުނަލުން މައްސަލަ ބެލުމަށް ހިނގި ހަރަދުތަކުގެ 75 ޕަސެންޓް އޭއެފްސީން އަދާކުރަން ޖެހޭނެ ކަމަށެވެ. އަދި މާޔަންގެ ވަކީލު ފީއަށް ވެސް އެދެވޭ މިންވަރެއް އޭއެފްސީއިން ދައްކަން ޖެހޭނެ ކަމަށެވެ.

ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓް. -- (ފޮޓޯ/އިންސައިޑް ދަ ގޭމްސް)

ސީއޭއެސް އަކީ ބައިނަލްއަގްވާމީ ގޮތުން ކުޅިވަރާއި ގުޅޭ މައްސަލަތަކުގައި ގޮތް ނިންމާ އެންމެ މަތީ މުއައްސަސާ އެވެ.

އިންތިހާބުގައި ވަކި ކެންޑިޑޭޓެއް ހޮވުމަށް ނުފޫޒު ފޯރުވާފައިވާކަމަށް ތުހުމަތުކޮށްފައިވަނީ އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާގެ ރައީސް ކުވޭތުގެ އަހުމަދު އަލް-ސަބާހް އަށެވެ.

މާޔަން ތުހުމަތުކުރައްވަނީ އޭއެފްސީގެ އެގްޒެކެޓިވް ކޮމިޓީގެ ސައުތު ޒޯންގެ ގޮނޑިއަށް އޭނާއާއެކު ވާދަކުރެއްވި ބަންގްލަދޭޝްގެ މަހްފޫޒާ އަހުތަރު ކިރަންއަށް އެ ގޮނޑި ކާމިޔާބުކޮށްދެއްވަން ޝެއިޚް އަހުމަދު ނުރަނގަޅު ނުފޫޒު ބޭނުންކުރައްވާފައިވާކަމަށެވެ. ޝެއިޚް އަހުމަދު ވަނީ މީގެ ކުރިން އެ ތުހުމަތުތަކަށް ދެކޮޅު ހައްދަވާ އެއްވެސް ނުފޫޒެއް ބޭނުންކޮށްގެން ވަކި މީހަކަށް ގޮނޑި ހޯދައިދިނުމަށް މަސައްކަތް ނުކުރައްވާކަމަށް ވިދާޅުވެފަ އެވެ.

ޝެއިޚް އަހުމަދު ވަނީ ރިޝްވަތުގެ ތުހުމަތުތަކާއިއެކު 2017 ވަނަ އަހަރު ފީފާ ކައުންސިލުންވެސް އިސްތިއުފާ ދެއްވައިފަ އެވެ. މީގެ އިތުރުންވެސް ކުވެއިތުގައި ޝެއިޚް އަހުމަދުއާ ދެކޮޅަށް ވަނީ ސަރުކާރުގެ ކޮންޓްރެކްޓްތަކުގައި ގޯސްކޮށް އަމަލުކުރެއްވިކަމުގެ ތުހުމަތު ތަކާއި، ފޭކު ބަޢާވާތެއްގެ މައުލޫމާތު ފެތުރިކަމުގެ މައްސަލައިގައިވެސް ތަހުގީގެއް ކުރިޔަށް ގެންގޮސްފަ އެވެ. އެ މައްްސަލައިގައި ޝެއިޙް އަހުމަދު ވަނީ ރަސްމީކޮށް ގައުމީ ޓީވީގައި އެކަމަށް މައާފަށް އެދި ވާހަކަދައްކަވާފަ އެވެ.

comment ކޮމެންޓް