ދެ މިލާންގެ ކުރިމަތިލުން އިންޓައަށް، އިބްރާއަށް ރަތެެއް

މިލާން ޑާބީގެ ކުރިމަތިލުމުގައި އިބްރަހިމޯވިޗްއާއި ލުކާކޫގެ އަރާރުން --- ފޮޓޯ//ގެޓީ

އިޓާލިއަން ލީގު ކަޕް، ކޮޕާ އިޓަލިއާގައި ރޭ ކުޅުނު ވާދަވެރި މިލާން ޑާބީގެ ކުރިމަތިލުން އިންޓަ މިލާނުން ކާމިޔާބު ކުރި އިރު، އޭސީ މިލާންގެ ސްޓްރައިކަރު ޒްލަޓަން އިބްރަހިމޯވިޗްއަށް ރަތް ކާޑު ދައްކައިފި އެވެ.

ޒަމާނުއްސުރެން އިޓަލީގައި އެންމެ ވާދަވެރި ދެ ޓީމުގެ ކުރިމަތިލުމުގައި ރޭ އިންޓައިން ކުރި ހޯދީ ފަހަތުން އަރައި 1-2 އިން މޮޅުވެގެންނެވެ. އެ މޮޅާ އެކު އިންޓައިން ލީގު ކަޕުގެ ދެން އޮތް ރައުންޑަށް ކޮލިފައިވި އިރު، މިވަގުތު ލީގު ތާވަލުގެ އެއްވަނާގައި އޮތް މިލާން ވަނީ ކަޕުން އަލްވަދާއު ކިޔައިފަ އެވެ.

ރޭގެ މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ވެސް ވަރުގަދަ ކުޅުމެއް ފެނިގެން ދިޔައިރު، މެޗުގެ 31 ވަނަ މިނަޓުގައި އުމުރުން 39 އަހަރުގެ ސްވިޑަން ސްޓަރައިކަރު އިބްރަހިމޯވިޗް ވަނީ މިލާންއަށް ލީޑު ނަގައިދީފަ އެވެ. އެއާ އެކު މެޗުގެ އޮއެވަރު އިތުރަށް ގަދަވެ، ދެ ޓީމުގެ ވާދަވެރިކަން އިތުރަށް ބޮޑުވި އެވެ. އަދި ފުރަތަމަ ހާފު ނިމެން ދަނިކޮށް އިބްރަހިމޯވިޗްއާއި އިންޓަގެ ސްޓްރައިކަރު ރޮމެލޫ ލުކާކޫއާ ޖެހުނު މައްސަލައެއްގައި ދެ ކުޅުންތެރިން ވަނީ ތަޅާފޮޅުމަކަށް ގޮސްފަ އެވެ. އެކަމާ ވިދިގެން ރެފްރީ ވަނީ ދެ ކުޅުންތެރިންނަށް އިންޒާރު ދީ، ރީންދޫ ކާޑެއް ދައްކައިފަ އެވެ.

ނަމަވެސް ދެވަނަ ހާފު ފެށިގެން މާ ގިނަ އިރުތަކެއް ނުވަނީސް އިބްރަހިމޯވިޗް ވަނީ އިންޓަގެ އެލެކްސެންޑްރާ ކޮލަރޯވްއަށް ފައުލެއްކޮށްގެން އިތުރު ރީންދޫކާޑަކާ އެކު ދަނޑުން ފައިބަން ޖެހިފަ އެވެ. ކުރިން ވެސް އޭސީ މިލާނަށް ކުޅުނު އިބްރަހިމޯވިޗްއަށް ލިބުނު ރަތް ކާޑާ އެކު 500 މެޗު އެ ޓީމަށް ހަމަކުރަން އޭނާއަށް އަނެއްކާ ވެސް އިންތިޒާރު ދިގުވާނެ އެވެ. ރޭގެ މެޗަކީ އޭނާ އެ ޓީމަށް ކުޅެދިން 498 ވަނަ މެޗެވެ.

މި ދަނޑިވަޅުގެ ފައިދާ ނަގައި އިންޓައިން ވަނީ ޓީމު ކުރިއަށް ޖައްސައިގެން ކުޅެ ގިނަ ހަމަލާތަކެއް އުފައްދައިފަ އެވެ.

ނަތީޖާއެއްގެ ގޮތުން 71 ވަނަ މިނަޓުގައި ލިބުނު ޕެނަލްޓީއަކުން ލުކާކޫ ވަނީ އިންޓައަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. އެ ޓީމަށް މެޗުގެ ފަހު ވަގުތު މޮޅު ޔަގީންކޮށްދިނީ ކްރިސްޓިއަން އެރިކްސަން އެވެ. އެ ގޯލު އޭނާ ކާމިޔާބު ކުރީ ހިލޭ ޖެހުމަކުންނެވެ.

ކޮޕާ އިޓަލިއާގައި ބާކީ ހުރި މެޗުތައް މިރޭ ކުޅޭ އިރު، ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ އެޓްލަންޓާއާއި ލާޒިއޯ އެވެ. އެއަށް ފަހު ސްޕަލްއާއި ޔުވެންޓަސް ބައްދަލު ކުރާ އިރު އެންމެ ފަހު މެޗަކަށް އޮތީ ނަޕޯލީއާއި ސްޕެޒިއާ ބައްްދަލު ކުރާ މެޗެވެ.

comment ކޮމެންޓް