ފުރޮޅުލީ ގޮނޑީގައި ފުޑް ކޯޓުތަކަށް ނުވަދެވޭ ގޮތް ހެދުނީ އޮޅުމަކުން: ކައުންސިލް

ފުޑް ކޯޓަށް ވަންނަ ދޮރުމަތީގައި ޖަހާފައި ހުރި ހޮޅިތަކުގެ ސަބަބުން މިރުޒާއަށް އެތެރެއަށް ނުވަދެވިފައި — ފޮޓޯ/ މިރުޒާ ފޭސްބުކް

ފުރޮޅުލީ ގޮނޑީގައ ދާ ފަރާތްތަކަށް ނުވަދެވޭ ގޮތަށް ހާބަރު ފުޑް ކޯޓުތަކާ ދިމާލަށް ވަންނަ ދިމާލުގައި ދަގަނޑު ހޮޅި ޖެހުނީ އޮޅުމަކުން ކަމަށާއި އެކަން ރަނގަޅު ކުރާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

ފުރޮޅުލީ ގޮނޑީގައި ގޮސް އެތަނަށް ނުވަދެވުމުން އެކަމުގެ ޝަކުވާ މީހަކު ވަނީ ސޯޝަލް މީޑިއާގައި ތިލަކޮށްފަ އެވެ.

އެކަމާ މެދު ސޯޝަލް މީޑިއާގައި ބަހުސް ހިނގަން ފެށުމުން މާލޭ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފު ވިދާޅުވީ އެތަނުގައި ހޮޅި ޖެހުން އެއީ ހެދުނު ގޯހެއް ކަމަށެވެ. އަދި އެކަން ރަނގަޅު ކުރާނެ ކަމަށެވެ.

އެތަނަށް ނުވަދުވުމުން އެވާހަކަ "ސަން" އާ ހިއްސާ ކުރަމުން މިރުޒާ މުނީރު ބުނީ ސައިކަލު ޕާކު ކުރަން މީހުން އެތާ ދޮރުމަތީގައި ސައިކަލު ޖަހާތީ އެ ހޮޅިތައް ޖެހީ ކަމަށް ބައެއް މީހުން ބުނާ ކަމަށެވެ. އެހެން ނަމަވެސް އެއީ ހައްލު ކަމަށް އޭނާއަށް ގަބޫލު ނުކުރެވޭ ކަމަށް މިރުޒާ ބުނެފައިވެ އެވެ.

"ދެން ބައެއް މީހުން އެބަ ސުވާލުކުރޭ ވަށާލާފައި ގޮސް އަނެއް ފަރާތުން ގޮސް ވަދެވޭނެއެއް ނޫންހެއްޔޭ. އެހެން ވަދެވެން އެބައޮތް ތެދެއް ރަނގަޅު ވާހަކައެއް. އެކަމަކު އަޅުގަނޑުގެ ސުވާލަކީ. އާދައިގެ ހިނގޭ މީހާކާއި ނުކުޅެދޭ މީހަކާއި އެއްވަރު ވާނެތޯއޭ." މިރުޒާ ބުންޏެވެ.

މިރުޒާ ބުނިހެން ހިނގާލާފައި ދާ މީހަކަށް ވަށާލާފައި ގޮސް އަނެއްކޮޅުން ވަންނަން ފަސޭހަ ވިޔަސް ކާރޫ ބާރޫ ބޮޑު މަގުތަކުގައި ފުރޮޅުލީ ގޮނޑިއެއްގައި ގޮސް އަނެއްކޮޅުން ވަނުމަކީ އުފުލޭ ވަރަށްވުރެ ބޮޑު ތަކުލީފެކެވެ.

"އަޅުގަނޑަކީ ފުޑް ކޯޓަށް ހަމަ ހެނދުނު ސައިބޯން ހަމަ އާންމުކޮށް ދާ މީހެއް. ޑިއުޓީއަށް ދާއިރު ހެނދުނު ސައިބޯލަން ހަމަ އާންމުކޮށް ވަންނަން އެތަނަށް." މިރުޒާ ބުންޏެވެ.

މިރުޒާ ބުނީ އެ ހޮޅިތައް ފުރަތަމަ ފެނުނުއިރުވެސް އޭނާ ވަރަށް ދެރަވި ކަމަށެވެ. އެތަނަށް ވަދެ އުޅުން ހުއްްޓުނީއޭ ހިތައް އެރި ކަމަށް އޭނާ ބުންޏެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރި ކުރުމާއި މާލީ އެހޯތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނުގެ 18 ވަނަ މާއްދާގެ (ހ) ގައި ވާގޮތުން އާންމު އިމާރާތްތަކާއި މަގުތަކާއި ޕާކު ފަދަ ތަންތަންތަނާއި ވިޔަފާރިކުރާ ސުޕަމާކެޓް ނުވަތަ ކޮމްޕްލެކްސް ފަދަ ތަންތަނާއި ދަތުރު ފަތުރުގެ ވަސީލަތްތަކާއި ސުކޫލުތަކާއި ސިއްހީ ހިދުމަތްތައް ފޯރުކޮށްދޭ ތަންތަނާއި ވަޒީފާ އަދާކުރާ ތަންތަނަށް ފަސޭހަކަމާއެކު ވަނުމުގެ ފުރުސަތު އެހެން މީހުންނެކޭ އެއްފަަދައިން އެ މީހުންނަށް ވެސް ފަހިކޮށްދޭން ޖެހޭނެ ކަމަށެވެ.

comment ކޮމެންޓް