ރިޔަލު ދޯންޏެއްގައި އެކަނި މަހަށް ނުކުތް ހާއްސަ އެހީއަށް ބޭނުންވާ މީހަކު ހޯދަނީ

ކ. މާފުށިން އެކަނި މަހަށް ނުކުތް 81 އަހަރުގެ ދިވެހި ފިރިހެނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ގެއްލިގެން ހޯދަމުން އަންނަނީ އެރަށު، ޝޭޑީ ގްރޯވ، އަހްމަދު އާދަމް މަނިކު އެވެ. އެމްއެންޑީއެފް އިން ބުނީ އެމީހާ ގެއްލިގެން އެމްއެންޑީއެފް އަށް ރިޕޯޓުކުރީ މިއަދު މެންދުރު 2:08 ހާއިރު ކަމަށެވެ.

އެމީހާ މަހަށް ނުކުތީ 18 ފޫޓުގެ ރިޔަލު ދޯންޏެއްގައި ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. އެމީހާ ހޯދުމަށް އެމްއެންޑީއެފް އިން މިހާރު އަންނަނީ ހަރަކާތްތެރި ވަމުންނެވެ.

މާފުށީ ކައުންސިލްގެ ރައީސް އުސްމާން ރަޝީދު "ސަން" އަށް ވިދާޅުވީ، މިއަދު ހެނދުނު ނުވައެއް ޖަހާކައްހާއިރު ކައުންސިލަށް ހުށަހެޅީ އެ ރިޔަލު ދޯނި ގެއްލިގެން ކަމަށެވެ.

ހެނދުނު ހައެއް ޖަހާކަށްހާއިރު ދޯނީގެ ވެރިފަރާތުން ދިޔަ އިރު އެ ދޯނި ނެތް ކަމަށާއި، އަދި ނުވައެއް ޖެހި އިރުވެސް ދޯންޏަށް ވީގޮތެއް ނޭނގިގެން ކައުންސިލަށް އެންގީ ކަމަށެވެ.

ގެއްލިގެން ހޯދަމުން އަންނަ މީހާ އެ ދޯނީގައި ހުއްޓާ މިއަދު ފަތިހު ފެނުނު ކަމަށް މީހަކު ބުނުމުން، އެމީހާ ގޭގައި އުޅޭތޯ ބެލި އިރު ގޭގައި ނެތް ކަމަށް ވެސް އުސްމާން ރަޝީދު ވިދާޅުވި އެވެ.

ހެނދުނުން ފެށިގެން އެމީހާ ގެއަށް އައިސްފައި ނުވާކަމަށް އާއިލާއިން މައުލޫމާތުދޭ ކަމަށާއި، ގޭގެ ފްރިޖުން މަސް ނަގާފައި ހުރުމުން އޭނާ އެ ދޯނީގައި މަހަށް ނުކުތީ ކަމަށް ބެލެވޭ ކަމަށް ވެސް ބުންޏެވެ.

އުސްމާން ވިދާޅުވީ ގެއްލިގެން ހޯދަމުން އަންނަ މީހާއަކީ އަޑުއިވުމާއި ވާހަކަދެއްކުމުން މަހްރޫމްވެފައިވާ މީހެއް ކަމަށެވެ.

"ފޯނެއް ވެސް އެހެންވީމަ ނުގެންގުޅޭނެ. ދެން އޭނާއަށް ގުޅޭނެ ގޮތެއް ނެތް. މިއަދު ހެނދުނުން ފެށިގެން މިހާތަނަށް ވެސް ހަބަރެއް ނުވޭ. އަދި މޫސުން ވެސް ރަނގަޅު ދުވަހެއް، އެހެންވީމަ ރިޔަލު ދޯންޏެއްގައި މާ ދުރަށް ދެވިގެން ނުވާނެ. ނަމަވެސް ކައިރި ހިސާބެއްގައި ވެސް ފެންނާކަށް ނެތް،" ކައުންސިލް ރައީސް ވިދާޅުވި އެވެ.

އުސްމާން ވިދާޅުވީ އޭނާއަކީ އެއްވެސް ގޮތަކަށް މަހަށް ގޮސް އުޅޭ މީހެއް ނޫން ކަމަށެވެ.

comment ކޮމެންޓް