އައިޖީއެމްއެޗުގައި މެޑިކަލް އިންޓާންޝިޕް ހެދުމުގެ ފުރުސަތު ހުޅުވާލައިފި

އައިޖީއެމްއެޗް ހޮސްޕިޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައިޖީއެމްއެޗުގައި މެޑިކަލް އިންޓާންޝިޕް ހަދަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލައިފި އެވެ.

އެ ހޮސްޕިޓަލުގައި މެޑިކަލް އިންޓާންޝިޕް ހެދުމުގެ ފުރުސަތު ރަސްމީކޮށް ފެށީ ޖެނުއަރީ 2018ގަ އެވެ. މިއީ މެޑިކަލް އިންޓާންޝިޕް ހަދާ ފަސް ވަނަ ފަހަރެވެ.

ފަސް ވަނަ އިންޓޭކް ފަށާނީ އަންނަ މާޗު މަހުގެ 17 ވަނަ ދުވަހު އެވެ. އައިޖީއެމްއެޗުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ފަސްވަނަ އިންޓޭކްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން ފެބްރުއަރީ 28 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

އެ ހޮސްޕިޓަލުން މެޑިކަލް އިންޓާންޝިޕް ހެދުމުގެ ފުރުސަތު މިފަހަރު ލިބޭނީ 20 ފަރާތަކަށެވެ.

އިންޓާންޝިޕަށް ކުރިމަތިލެވޭނީ މެޑިކަލް ކޮލެޖް ނުވަތަ ޔުނިވާސިޓީ އިން ދޫކޮށްފައިވާ އެމްބީބީއެސް ފުރިހަމަ ކުރިކަމުގެ ސެޓްފިކެޓް އޮތުމާއެކު މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ "ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރެޖިސްޓްރޭޝަން" ސެޓްފިކެޓް އޮތް ފަރާތްތަކަށެވެ.

އައިޖީއެމްއެޗް އިން ބުނީ އިންޓާންޝިޕަށް ކުދިން ހޮވުމުގައި އިސްކަން ދޭނީ ފޯމު ހުށަހަޅާ ތަރުތީބުން ކަމަށެވެ.

މެޑިކަލް އިންޓާންޝިޕްއަށް އެދި ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއި އެހެނިހެން ލިޔެކިޔުންތަކާއެކު ހުށަހަޅާނީ އައިޖީއެމްއެޗް މެޑިކަލް އިންޓާންޝިޕް ސެކްރެޓޭރިއެޓް އޮފީހުގެ މެއިލް [email protected] އަށެވެ.

comment ކޮމެންޓް