ބަލިމަޑުކަމާ ހުރެ މީރާއަށް ލިބުނު އާމްދަނީ 37 ޕަސެންޓު ދަށަށް

އޮކްޓޯބަރ 1، 2019: މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

މިދިޔަ އަހަރު މީރާއަށް ލިބުނު ޖުމްލަ އާމްދަނީ، އޭގެ ކުރީ އަހަރާ އަޅާބަލާއިރު 37 ޕަސެންޓު ދަށްވެއްޖެ އެވެ.

މީރާއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު މީރާއަށް ޖުމުލަކޮށް ލިބިފައިވަނީ 10.4 ބިލިއަން ރުފިޔާގެ އާމްދަނީއެކެވެ. އެހެން ނަމަވެސް އޭގެ ކުރީ އަހަރު 16.8 ބިލިއަން ރުފިޔާގެ އާމްދަނީއެއް މީރާއަށް ލިބިފައިވެ އެވެ.

ޑޮލަރުގެ އާމްދަނީއަށް ބަލާއިރު މިދިޔަ އަހަރު މީރާއަށް 296.8 މިލިއަން ޑޮލަރު ބަލައިގެންފައިވެ އެވެ. މިއީ 2019ވަނަ އަހަރު ބަލައިގަތް 653.3 މިލިއަން ޑޮލަރާ އަޅާބަލާއިރު 54 ޕަސެންޓު ދަށް އަދަދެކެވެ.

އިންކަމް ޓެކުހުގެ އެކި ބައިތަކާއި ފޮރިން އިންވެސްޓްމަންޓް އެޑްމިނިސްޓްރޭޝަން ފީ އަދި ޓޫރިޒަމް ރެޖިސްޓްރޭޝަން އެންޑް ލައިސެންސް ފީ ފިޔަވައި އެހެން ހުރިހާ ބައިތަކުން މީރާއަށް މިދިޔަ އަހަރު ލިބުނު އާމްދަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު ވަނީ ދަށްވެފަ އެވެ.

މިދިޔަ އަހަރުގެ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކޮށްފައިވަނީ ޖީއެސްޓީއިންނެވެ. މިދިޔަ އަހަރު ޖީއެސްޓީގެ ގޮތުގައި 4.3 ބިލިއަން ރުފިޔާ ލިބުނުއިރު، އޭގެ ކުރީ އަހަރު 7.7 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.

އިންކަމް ޓެކްސްގެ ގޮތުގައި މިއަހަރު 1.8 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ބިޒްނަސް ޕްރޮފިޓް ޓެކުހުގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ މިދިޔަ އަހަރު ލިބިފައިވެ އެވެ. އަދި ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި މިދިޔަ އަހަރު ލިބިފައިވަނީ 702.7 މިލިއަން ރުފިޔާ އެވެ.

ޑިސެމްބަރު މަހުގެ އާމްދަނީއަށް ވަކިން ބަލާއިރު ހުސްވި ޑިސެމްބަރު މަހު 1.04 ބިލިއަން ރުފިޔާގެ އާމްދަނީއެއް މީރާއަށް ލިބިފައިވެ އެވެ. އެއީ 2019ގެ ޑިސެމްބަރާ އަޅާބަލާއިރު 34.1 ޕަސެންޓް ދަށް އަދަދެކެވެ. އަދި 39.1 މިލިއަން ޑޮލަރުވެސް މިދިޔަ މަހު ލިބިފައިވެ އެވެ.

މިދިޔަ މަހު މީރާގެ އާމްދަނީގެ ދަށްވި މައިގަނޑު ސަބަބަކީ ކޮވިޑް19 ޕެންޑެމިކް ކަމަށް މީރާއިން ބުނެ އެވެ. އެގޮތުން ފަތުރުވެރިން އަންނަ އަދަދު މަދުވުމުގެ ސަބަބުން އެ ސިނާއަތުގެ އިގްތިސާދީ ހަރަކާތްތައް މަދުވެ، ޓެކްސް ލިބުން މަދުވި ކަމަށް މީރާއިން ބުނެ އެވެ.

comment ކޮމެންޓް