މާދަމާއިން ފެށިގެން ކުނި ނެރެން ޖެހޭނީ ރޭގަނޑު!

މާލޭގެ އިމާރާތެއްގެ ބޭރުގައި ކުނި ބަހައްޓާފައި. މާދަމާއިން ފެށިގެން ގޭބިސީތަކުން ކުނި ނެރެން ޖެހޭނީ ރޭގަނޑު ވަކި ގަޑިތަކެއްގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭ ސިޓީގެ ގޭގެއިން އުކާލާ ކުނި ވެމްކޯއިން ރޭގަނޑު ނަގަން ފަށާ ގޮތަށް ގެންނަ ބަދަލު މާދަމާ ތަންފީޒުކުރަން ފަށާނެ އެވެ.

ކޮވިޑް19 ގެ ހާލަތާ ގުޅިގެން ވެމްކޯއިން ކުނި އުކާލުމުގެ މަސައްކަތް ކުރާ ގޮތަށް ބަދަލުތަކެއް ގެނައެވެ. އެގޮތުން އެ ކޯޕަރޭޝަނުން އޮތީ ގޭގެއިން އުކާލާ ކުނި ރަނގަޅަށް ބަންދުކުރުމަށްފަހު ކޮންމެ ދުވަހެއްގެ މެންދުރު 12:00-2:00 އާ ދެމެދު ގޭގޭގެ ތިރީގައި ބަހައްޓަން އަންގާފައެވެ.

ނަމަވެސް ކުނި ނުނެގި ގިނަ އިރުތަކެއް ވަންދެން މަގުތަކުގައި ހުންނަ މައްސަލަ ވަނީ ބޮޑުވެފަ އެވެ. މަގުތަކުގައި ގިނަ އިރު ވަންދެން ކުނިތައް ހުރުމުގެ ސަބަބުން މަގުތަކުގައި ވަސް ދުވައި، ބުޅާތައް ކޮތަޅު ހާވައި މަގުތަކަށް ކުނި އެޅޭ ކަމުގެ ޝަކުވާތައް ވަނީ އިތުރުވެފަ އެވެ.

ހަމައެއާއެކު މާލެ ސަރަހައްދުގައި އިއުލާނުކޮށްފައި އޮތް ކާފިއު އުވާލުމާ ގުޅިގެން މާލެ ސިޓީގެ ގޭބިސީތަކަށް ފޯރުކޮށްދޭ ކުނި ނެގުމުގެ ހިދުމަތަށް ބަދަލު ގެނައުމަށް، މާލޭ ސިޓީ ކައުންސިލާއި ވެމްކޯއިން ވަނީ މަޝްވަރާތައް ފަށައިފަ އެވެ.

އަދި މެންދުރުގެ ވަގުތަކީ މަގުތަކަށް ބާރުބޮޑު ވަގުތަކަށް ވުމުގެ އިތުރުން، މަގުތަކުގައި ކުނި ގިނަވުމާއި، ގިނަ ދުވަސްތަކަކަށް ފަހު މާދަމާ ސްކޫލުތައް ހުޅުވޭތީ، މާދަމާ އިން ފެށިގެން ކުނި ނަގާ ވަގުތަށް ބަދަލު ގެނައުމަށް ނިންމީ އެވެ.

އެގޮތުން މާދަމާއިން ފެށިގެން ވެމްކޯގެ ހައުސްހޯލްޑް ޔުނިޓުުން މާލެ ސިޓީގެ ގޭބިސީތަކުން ކުނި ނެރެން ޖެހޭނީ ކޮންމެ ރެއެއްގ ވެސް 22:00 - 00:00 އާ ދެމެދު އެވެ. އެނޫން ގަޑިތަކުގައި ކުނި ނެރުން މަނާވާނެ އެވެ.

ވެމްކޯއިން ބުނީ އާ އުސޫލަށް އަމަލުކުރަން ޖެހޭނީ ފުރަމާލެ ސަރަހައްދުގެ ތެރެއިން މާލެ ސިޓީގެ ގޭބިސީތައް އެކަނި ކަމަށެވެ.

އަދި މިހާރެކޭ އެއްގޮތަށް ދެން ވެސް ވެމްކޯއިން ހިދުމަތް ފޯރުކޮށްދޭނީ އިމާރާތުގެ ބޭރުން، ދޮރުމަތިން ކަމަށާއި ވެމްކޯގެ މުވައްޒަފުން ވަކިވަކި ފަންގިފިލާތަކަށް ނާރާނެކަމަށް ވެސް ވެމްކޯ އިން ބުންޏެވެ.

ވެމްކޯއިން ކުނި ކަލެކްޓުކުރަން ފަށާނީ މެންދަމު 12:00ގެ ފަހުންނެވެ. ވެމްކޯއިން ބުނީ ދަންވަރު ކުނި ނެގުމާއި މަގުތައް ކުނި ކެހުމުގެ ސަބަބުން ފަތިސް ނަމާދަށް ހޭލަން ވާއިރަށް މަގުތައް ސާފުކުރެވޭނެ ކަމަށެވެ. މި ބަދަލާއެކު ވެމްކޯގެ ސްޓާފުންނަށް ވަރަށް ބޮޑަށް ބުރަ ވާނެކަން ފާހަގަކޮށް ވެމްކޯއިން ވަނީ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމަށް އެދިފައެވެ.

comment ކޮމެންޓް