ސާވިސް ޗާޖު ނަގަން މަޖުބޫރުކުރުމުން އިންޑަސްޓްރީގެ ކަންބޮޑުވުންތަކެއް

ވީއައިއޭ، ފަތުރުވެރިން، ޓޫރިސްޓުން

ގާާނޫނުން ވަކި ރޭޓެއް ކަނޑައަޅައި ސާވިސް ޗާޖު ނެގުން މަޖުބޫރި ކުރުމުން ފަތުރުވެރިކަމުގެ އިންޑަސްޓްރީއިން އެކަމަށް ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފި އެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި ހިންގާ ވިޔަފާރިތަކުން ފޯރުކޮށްދޭ ކޮންމެ ހިދުމަތަކުން 10 ޕަސެންޓަށްވުރެ މަދުނޫން އަދަދަކުން ސާވިސް ޗާޖު ނަގައި، ހުރިހާ މުވައްޒަފުންގެ މެދުގައި ހަމަހަމަކަމާއެކު ބަހަން ޖެހޭ އިސްލާހަށް އަމަލުކުރަން ފެށީ މި މަހުގެ އެކަކުން ފެށިގެންނެވެ.

ޓޫރިޒަމްގެ ދާއިރާގެ އެކި ވިޔަފާރިތައް ކަމަށްވާ ލިވަބޯޑުތައް، ގެސްޓްހައުސްތައް އަދި ޓްރެވަލް އޭޖެންޓުންގެ ކަންބޮޑުވުން މި އިސްލާހާ ގުޅިގެން ބޮޑެވެ.

ސާވިސް ޗާޖު ލިބޭ މިންވަރު ދެން މަދުވާނެ

ލިވަބޯޑް ދާއިރާގެ ވިޔަފާރިވެރިއަކު ނަން ހާމަ ނުކުރައްވާ ވިދާޅުވީ އެ އިސްލާހަށް ތައްޔާރުވާން ވަގުތު ދީފައިނުވާ ކަމަށާއި އެ ދާއިރާގެ ގިނަ ފަރާތްތަކުން އެދެނީ އަހަރެއް ނުވަތަ ދޮޅު އަހަރެއްހާ ދުވަހު މަޑު ކުރުމަށް ކަމަށެވެ.

ވަޒީފާ ދޭ ފަރާތުގެ ހުރިހާ މުވައްޒަފުންނަށް ހަމަހަމަކޮށް ސާވިސް ޗާޖު ބެހުމަކީވެސް ދެކޮޅު ނުޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ބައެއް މީހުންނަށް ހީވަނީ މިގޮތަށް ބަދަލުކުރީމަ ވަރަށް ބޮޑު އެއްޗެއް ލިބޭނޭ ސާވިސް ޗާޖުގެ ގޮތުގައި. އެކަމަކު މިސާލަކަށް ގިނަ ސަފާރީ ގެންގުޅޭ ކުންފުނިތަކުގެ ތެރެއިން މި ދުވަސްވަރު އެންމެ އުޅަނދެއް އޮޕަރޭޓުކުރާ ކުންފުނިތައް ވެސް އެބަހުރި. މަސައްކަތް ނުކުރާ މީހުންނަށްވެސް ސާވިސް ޗާޖު ބަހަންވެއްޖެނަމަ، މަސައްކަތް ކުރާ މީހުންނަށް ލިބޭ މިންވަރު އަސްލު މަދުވާނީ،" އެ ވިޔަފާރިވެރިޔާ ބުންޏެވެ.

އޭނާ ވިދާޅުވީ ގިނަ ސަފާރީތަކުގައި އަމަލުކުރަނީ ޓިޕްސް ދޭ ސިސްޓަމަކަށް ކަމަށެވެ. މި ސަބަބާހުރެ މި އިސްލާހަކީ ރިސޯޓުތަކަށް ރަނގަޅު އިސްލާހެއް ނަމަވެސް، ސަފާރީތަކަށް ރަނގަޅު އިސްލާހެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ސަފާރީ އުޅަނދުތަކެއް ދުއްވާފައިދަނީ-- ފައިލް ފޮޓޯ

ހަމައެއާއެކު މި ދާއިރާގައި ހަރަކާތްތެރިވާ ބިދޭސީންގެ އަދަދު މަދު ނުކޮށް، މިފަދަ އިސްލާހެއް ގެނައުމަކީ ރަނގަޅު ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ސާވިސް ޗާޖު ނަގަނީ ދިވެހިންނަށް އެއްޗެއް ދޭން. ހަގީގަތަކީ މި ދާއިރާގައި އުޅޭ ވަރަށް ގިނަ މީހުންނަކީ ބިދޭސީ. ޑޮލަރުގެ ތާށިކަމެއް އުޅޭ ދުވަސްވަރެއްގައި އެމީހުން ސާވިސް ޗާޖު ނަގައިގެން ރާއްޖެއިން ބޭރަށް ގެންދިއުމުގެ ފުރުސަތު އެބައޮތް،" ވިޔަފާރިވެރިޔާ ބުންޏެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ މި އިސްލާހާއެކު ލޭބާ ރިލޭޝަންަސް އޮތޯރިޓީއިން ހަދަން ޖެހޭ ގަވާއިދުވެސް އަދި އެކުލަވާލާފައި ނުވާ ކަމަށެވެ. އަދި އިސްލާހާ ގުޅޭގޮތުން ސާފުނުވާ ބައިވަރު ކަންކަން އެބަހުރި ކަމަށާއި އެއީ އެލްއާރުއޭއިން ހަދަން ޖެހޭ ގަވާއިދު ނުހަދާ އޮތުމުން އުފެދޭ ސުވާލުތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ދަތި ދުވަސްވަރެއްގައި އަގުތައް އުފުލޭނެ

ރާއްޖޭގެ އެންމެ ބޮޑު އެއް ގެސްޓްހައުސް ގުރޫޕު، ކާނި ކޮމްޕެނީސްގެ އެއް ހިއްސާދާރު، އާދިލް ސަލީމް ވިދާޅުވީ މިފަދަ ބަދަލެއް ގެންނައިރު، މުޅި އިންޑަސްޓްރީއަށް ވާނެ ގޮތަކާމެދު ވިސްނާލަން ޖެހޭ ކަމަށެވެ.

"ވަކި އަގަކަށް މެނޫތައް ސެޓް ކޮށްފައި މި ހުންނަނީ. އެހެންވެ ވިޔަފާރިތައް ހިނގަނީ. ވަކި ރޭޓަކުން ސާވިސް ޗާޖު ނަގަން ބުނީމަ ދަތިތަކެއް ކުރިމަތިވާނެ." އާދިލް ވިދާޅުވި އެވެ.

"މިހާރު ނަގަމުންދާ 12 ޕަސެންޓުގެ ޓީޖީއެސްޓީގެ މައްޗަށް 10 ޕަސެންޓުގެ ސާވިސް ޗާޖެއް ނަގަން މަޖުބޫރު ކުރީމަ، އެ ދަނީ 22 ޕަސެންޓް. ފަތުރުވެރިންނަށް ވަރަށް އަގުބޮޑުވާނެ"

މާފުށީގައި ހިންގާ ކާނި ހޮޓެލް -- ފޮޓޯ: ޓްރިޕް އެޑްވައިޒާ

އޭނާވެސް ވިދާޅުވީ ސާވިސް ޗާޖުން ބައި އެޅުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.

"ސާވިސް ޗާޖު މި ނަގަނީ ދޭ ހިދުމަތަކަށް. ބައިއަޅަން ވެއްޖެނަމަ، ކުންފުންޏަށް ގެއްލުންވާނީ. މުވައްޒަފުންގެ މޯޓިވޭޝަންވެސް ގެއްލޭނެ. މިސާލަކަށް އެކްސްކާޝަން، ވޯޓާ ސްޕޯޓްސް ކަހަލަ ބައިވަރު ހިދުމަތް ދޭ ތަނަކުން މިގޮތަށް ބައިއަޅަން ރަނގަޅު. އެއީ ހުރިހާ މުވައްޒަފުންވެސް ކޮންޓްރިބިއުޓް ކުރާނެ ތަނުގެ ސޭލްސް ރަނގަޅު ކުރަން." އޭނާ ވިދާޅުވި އެވެ.

އެންމެ މުހިންމު ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ ސާވިސް ޗާޖު ދޭތޯ ކަށަވަރު ކުރެވޭނެ ނިޒާމެއް ގާއިމު ކުރުމެވެ.

"ސާވިސް ޗާޖު ދޭކަން ކަށަވަރު ކުރާނެ ގޮތެއް ނެތް. އެކަން ބެލޭނެ ނިޒާމެއް ނެތިއްޔާ ބޭކާރު ކަމެއް މިއީ. ވާދަވެރި މާހައުލެއްގައި ވިޔަފާރިތައް ކުރިއަރައިގެންދާނީ ހަމަހަމަ އުސޫލުތަކެއް އޮވެގެން. އެއްބަޔަކު ގަވާއިދުން ސާވިސް ޗާޖު ދީފައި، އަނެއް ބަޔަކު ނުދޭނަމަ އިތުރު މައްސަލަތަކެއް ނުކުންނާނެ. އިންކަމް ޓެކްސްގެ ކަންކަންވެސް ނުބެލޭ." އާދިލް ވިދާޅުވި އެވެ.

ޓްރެވަލް އޭޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންގެ ވިޔަފާރި ނެތިދިއުމުގެ ބިރު

ރިސޯޓުތަކާއި ގެސްޓްހައުސްތައް އަދި ލިވަބޯޑުތަކުން ވިޔަފާރިކުރާ ގޮތާއި ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުން ކުރާ ގޮތް ވަރަށް ވެސް ތަފާތެވެ.

އިނާ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވީ އަލަށް ގެނައި ބަދަލުތަކުގެ ސަބަބުން ލޯކަލް އެޖެންޓުންނާއި އޮޕަރޭޓަރުންގެ އަގުތައް އުފުލި، މާކެޓު ގެއްލޭނެ ކަމަށެވެ.

"ޓްރެވަލް އެޖެންޓުން ރިސޯޓުން ދޭ ޓެރިފަށް މިހާރުވެސް ލާނެ 10 ޕަސެންޓް. ލޯކަލް އެޖެންޓުން އިތުރު އެއްޗެއް ނަގަން ޖެހުނީމަ އަގުބޮޑުވާނެ. ދިވެހި އެޖެންޓުންނަށްވުރެ ބޭރު އެޖެންޓުންގެ އަގުހެޔޮވީމަ ދިވެހިންގެ ވިޔަފާރި ހުއްޓޭނީ." ފިރާގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިކަމުގެ ސަބަބުން ގިނަ ރިސޯޓުތައް ބޭރުގެ އެޖެންޓުންނާއި އޮޕަރޭޓަރުން ހިޔާރުކުރަން ފަށާނެ ކަމަށެވެ.

އިނާ މޯލްޑިލްސްގެ މެނޭޖިންގް ޑިރެކްޓަރ މުހައްމަދު ފިރާގު-- ސަން ފޮޓޯ/ މާހިލް މުހައްމަދު

"އެއްވެސް ހަމަހަމަކަމެއް ނެތް މި އުސޫލުގައި. މިއީ ކަން އޮތްގޮތް ނުދަންނަ ބަޔަކު ކުރި ދެކޮޅު ނުޖެހޭ ކަމެއް. މިއީ ދިވެހި ޓްރެވަލް އެޖެންޓުން ނައްތާލުމަށްޓަކައި، ރާވައިގެން ކުރި ކަމެއް." ފިރާގު ވިދާޅުވި އެވެ.

އަލަށް ގެނައި އިސްލާހާ ހިލާފުވެއްޖެ ނަމަ ވަޒީފާ ދޭ ފަރާތް 50،000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމުގެ އިހުތިޔާރު ލޭބާ ރިލޭޝަންސް އޮތޯރިޓީއަށް ގާނޫނުގެ ދަށުން ލިބިދެ އެވެ.

ފަތުރުވެރިކަމުގެ ވިޔަފާރިތަކުން ސާވިސް ޗާޖު ނުނަގާ ނަމަ ނުވަތަ މުވައްޒަފުންގެ މެދުގައި ހަމަހަމަކަމާއެކު ސާވިސް ޗާޖު ނުބަހާނަމަ ވަޒީފާ ދޭ ފަރާތްތައް 100،000 ރުފިޔާއަށް ވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރުމާއެކު އެ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ ބާރު ވެސް ލޭބާ ރިލޭޝަންސް އޮތޯރިޓީއަށް ގާނޫނުން ލިބިދެ އެވެ.

comment ކޮމެންޓް