ކުއްލި ނުރައްކަލުގެ ހާލަތު އޮތަސް ކައުންސިލް އިންތިހާބު ބޭއްވޭނެ އިސްލާހު ހުށަހަޅައި ޖަލްސާ ބާއްވަން އެދިއްޖެ

ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒު --- ފޮޓޯ މަޖިލިސް

ކޮވިޑް-19 އާ ގުޅިގެން އިއުލާނުކޮށްލައިވާ ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލި ނަމަވެސް ލޯކަލް ކައުންސިލް އިންތިހާބު ބޭއްވޭނެ ގޮތަށް ގާނޫނު އިސްލާހު ކުރުމަށް މަޖިލީހަށް ހުށަހަޅައި، ދައުރުން ބޭރުން ޖަލްސާއެއް ބާއްވައި ދިނުމަށް އެދިއްޖެ އެވެ.

އެ ގޮތަށް ހުށަހެޅުއްވީ ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒު އެވެ.

މެންބަރު އަލީ ނިޔާޒު "ސަން" އަށް މިއަދު ވިދާޅުވީ އިސްލާހުތަކެއް ގެންނަން ހުށަހެޅުއްވީ ލޯކަލް ކައުސިލުތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނު 2020 އަށް ކަމަށެވެ. އެ ގާނޫނަށް ގެންނަން ހުށަހަޅާ މައިގަނޑު އިސްލާހު ތަކުގެ ތެރޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި އޮތް ނަމަވެސް އިންތިހާބު ބޭއްވޭ ގޮތަށް އިސްލާހު ކުރުން ހިމެނެ އެވެ.

އޭގެ އިތުރުން އިންތިހާބެއް ބާއްވާނަމަ ތައްޔާރުވުމަށް ދޭން ޖެހޭ ތާރީހުގެ މުއްދަތުތައް ކުރު ކުރުމަށް އެ އިސްލާހުގައި ހުށަހަޅާފައިވާނެ ކަމަށް އަލީ ނިޔާޒު ވިދާޅުވި އެވެ. އެގޮތުން ވޯޓުލާން ރެޖިސްޓްރީ ކުރުމާއި ވޯޓާސް ލިސްޓު އިއުލާނު ކުރުން ފަދަ ކަންކަމަށް ދީފައިވާ މުއްދަތުތައް ކުރުވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން ކައުންސިލް އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑއެޅުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ދޭ ގޮތަށް އިސްލާހުކުރަންވެސް ވަނީ ހުށަހަޅާފަ އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސް ކުރައްވައި އަލީ ނިޔާޒު މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވީ ލޯކަލް ކައުންސިލުތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނު 2020 އަށް އިސްލާހު ގެނައުމުގެ ބިލަކީ ވީހާވެސް އަވަހަށް ނިންމުން މުހިންމު ބިލެއް ކަމުން އެ ބިލުގެ މަސައްކަތްތައް ނިމެން ދެން ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާތައް ބާއްވައި ދިނުމަށް އެދޭ ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން އެންމެ ފުރަތަމަ މަސައްކަތް ކުރަމުން ދިޔައީ ފެށޭ މާޗު މަހު އެވެ. ނަމަވެސް ސިއްހީ ކުލި ނުރައްކަލުގެ ހާލަތު ޖެނުއަރީ ފަހެއްގެ ނިޔަލަށް އުވާލާފައި ނުވާތީ އިންތިހާބު އެ ތާރީހުގައި ބޭއްވޭގޮތް ނުވީ އެވެ. ގާނޫނަށް ބަދަލު ގެންނަން ހުށަހެޅީ އެހެންވެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބު ނުބޭއްވި ލަސްވަމުން ދާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެއީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ގާނޫނުގެ ދަށުން ކައުންސިލުތަކަށް ދީފައިވާ ބާރުތައް އިންތިހާބު ބޭއްވެންދެން ހިފަހައްޓައި ގިނަދުވަސްތަކެއް ވަމުން ދާތީ އެވެ.

comment ކޮމެންޓް