ފުޓުބޯޅަ ރަމްޒުކޮށްދޭ މޫނަކީ ރޮނާލްޑޯ: މެސީ

ލިއޮނަލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ފީފާ ބެލަންޑޯ އެވޯޑް ހަފްލާގައި -- ފޮޓޯ: ޑެއިލީމެއިލް

ކޮންމެ ކުޅިވަރެއް ވެސް ރަމްޒުކޮށްދޭ ވިދުން ގަދަ މޫނުތަކެއްވާ ފަދައިން ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ ފުޓުބޯޅައިގެ އެފަދަ މޫނެއްކަމަށް ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ ބުނެފި އެވެ.

ފުޓުބޯޅައިގައި މިހާތަނަށް އުފެދުނު އެންމެ ބޮޑު ވާދަވެރިކަމެއް ކަމަށް ގިނަ ބަޔަކު އިއްތިފާގުވާ ރޮނާލްޑޯއާއި މެސީގެ ބަހުސް ފެށިތާ 15 ވަރަކަށް އަހަރުވެފައިވާ އިރު، އަދިވެސް އެންމެ ތަންފުކެއް ވެސް ދޫ ނުކޮށް އެ ދެ ކުޅުންތެރިން އަންނަނީ ރިކޯޑްތައް މުގުރައި، މޮޅަށް ކުޅެމުންނެވެ. ދެ ކުޅުންތެރިންގެ ދެމެދުގައި މިހާތަނަށް 11 މޮޅު ކުޅުންތެރިޔާގެ އިނާމް (ބެލެންޑިއޯ) ހިއްސާ ކޮށްފައިވާ އިރު، ހަގީގަތުގައި ދެ ކުޅުންތެރިން ވެސް ފުޓުބޯޅައިގައި ކުރިއަށްދާން ހިތްވަރު ހޯދަނީ އަނެކަކުގެ ކާމިޔާބީން ކަމަށް ވަނީ ބުނެފަ އެވެ.

އަދި ދެ ކުޅުންތެރިންނަކީ ވެސް އެކަކު އަނެކަކުގެ އަދާވާތްތެރިއެއް ނޫން ކަމަށާއި، މީޑިއާއިން ދައްކާ ވާދަވެރިކަމަކީ އަސްލު ދިރިއުޅުމުގައްޔާއި، ކުޅުމުގައި އޮންނަ ވާދަވެރިކަމެއް ނޫން ކަމަށް ވެސް ދެ ކުޅުންތެރިން ވަނީ ބުނެފަ އެވެ. އަދި ފަހަކަށް އައިސް ދެ ކުޅުންތެރިން ވެސް އަންނަނީ އިދިކޮޅު ކުޅުންތެރިއާއައަށް ތައުރީފީ ބަސްތައް އަމުނާ ވާހަކަ ދައްކަމުންނެވެ.

އެގޮތުން މެސީ އެންމެ ފަހުން ދިން އިންޓަވިއުއްގައި ވެސް ވަނީ ރޮނާލްޑޯ އަކީ ފުޓުބޯޅަ ރަމްޒުކޮށްދޭ މޫނު ކަމަށް ބުނެ ވާހަކަ ދައްކައިފަ އެވެ.

"ކޮންމެ ކުޅިވަރެެއްގައި ވެސް އެ ކުޅިވަރު ރަމްޒުކޮށްދޭ އެތުލީޓުން ތިބޭ. ރަފައެލް ނަދާލް، ފެޑެރާ އަދި ލެބްރޮން ޖޭމްސް އަކީ އޭގެ ކުޅުންތެރިން. ފުޓުބޯޅައިގެ އެ މޫނަކީ ރޮނާލްޑޯ." މެސީ ބުންޏެވެ.

މެސީ 33، ވަނީ އޭނާގެ ފުޓުބޯޅަ ހަޔާތުގައި ގިނަ ފަހަރުތަކެއްގެ މަތިން ރޮނާލްޑޯއާ ކުރިމަތި ލައިފަ އެވެ. އޭގެ ތެރެއިން އެންމެ ފަހުން ކުޅުނު މެޗުގައި ބާސެލޯނާ ވަނީ ޔުވެންޓަސް އަތުން 0-3 އިން ބަލިވެފަ އެވެ. އެ މެޗުގައި ރޮނާލްޑޯ ދެ ގޯލު ޖެހި އިރު، މިއީ އެ ދެކުޅުންތެރިންގެ އެންމެ ފަހު ކުރިމަތިލުމަށް ވެދާނެ ކަމަށް ވެސް ގިނަބަޔަކު ދެކެއެވެ.

comment ކޮމެންޓް