ކްރިސްމަސް ފާހަގަކޮށް ތަހުނިޔާ ނުފޮނުވަން އިލްތިމާސްކޮށްފި

އިލްމުވެރިންގެ ގުޅުމުން ބޭއްވި ޕްރެސްއެއްގެ ތެރެއިން---- ސަން ފޮޓޯ: ފަޔާޒު މޫސާ

ކްރިސްމަސް އާއި ޣައިރު ދީންތަކުގެ އެނޫން ބާތިލު މުނާސަބަތުތައް ފާހަގަކުރާ އެއްވެސް ދުވަހެއްގެ އެއްވެސް ކަމެއްގައި ބައިވެރި ނުވުމަށް އިލްމުވެރިންގެ ގުޅުމުން އިލްތިމާސް ކޮށްފި އެވެ.

މި މަހުގެ 18 ވަނަ ދުވަހު ކ. މާފުށީގައި ބަހައްޓަން އުޅުނު ކްރިސްމަސް ގަހެއް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ. އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ވަނީ ހިޔާލުތަފާތުވުން އުފެދިފަ އެވެ.

އިލްމުވެރިންގެ ގުޅުމުން މިއަދު ނެރުނު ބަޔާނެއްފައި ބުނީ މާތް ﷲ އަށް ޝިރުކު ކުރުމުގެ ޖަރީމާ ހިންގޭ ކަންކަމުގައި ބައިވެރިވުމާއި އެކަންކަމަށް ހިތްވަރުދީ، އެކަންކަމުގެ ދިފާއުގައި ވާހަކަ ދެއްކުމާއި މަގު ގެއްލިފައިވާ ފަރާތްތަކުން ފާހަގަކުރާ، ޝިރުކުގެ އަމަލުތައް ހިމެނިގެންވާ މިފަދަ މުނާސަބަތުތަކަށް ހިތްވަރުދީ، އެއްބަޔަކު އަނެއް ބަޔަކަށް ތަހުނިޔާ ރައްދުކުރުން ފަދަ ކަންކަމަކީ، އެކަމުގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑު، އަދި ނޭނގި ނަމަވެސް ޝިރުކުގެ ނުބައި ފާފައިގެ ތެރެއަށް ވަދެގެންދާނެ އަމަލުތަކެއް ކަމަށެވެ.

އެހެންކަމުން އެފަދަ ކަންކަމުން ދިވެހިން ދުރުވެ ރައްކާތެރިވެ ތިބުމަށް އިލްތިމާސް ކުރާ ކަމަށެވެ.

އަދި ބަވަނަވެފައިވާ ދުނިޔެއެއްގައި، ދިވެހިން އުޅެމުން އަންނަނި އެހެން ދީންތަކާ ސަގާފަތްތައް ނުހަނު ކައިރިން އަބަދު ވެސް ފެންނަ ގޮތުގައި ކަމަށާއި އެހެންކަމުން މިއަދު ބޮޑުވާ ޒުވާނުން އެފަދަ އޮއެވަރެއްގައި ޖެހިގެން ހިނގައިދޭނެ ކަމަށް ސަމާލުވުމަށް ބެލެނިވެރިންނާއި މުދައްރިސުންނަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.

"އެހެންކަމުން ނަޞާރާއިންގެ ކްރިސްމަސް ފާހަގަ ކުރުމާއި ޣައިރު ދީންތަކުގެ އެނޫން ބާތިލު މުނާސަބަތުތައް ފާހަގަކުރާ އެއްވެސް ދުވަހެއްގެ އެއްވެސް ކަމެއްގައި ބައިވެރި ނުވުމަށާއި ﷲ ތަޢާލާއަށް ޝިރުކު ކުރުން ހިމެނޭ ކަންކަމާ ގުޅުވައިގެން އެއްވެސް ފަރާތަކަށް ތަހުނިޔާ ނުކިޔުމަށް ލޮބުވެތި ދިވެހި ރައްޔިތުންނަށް އިލްތިމާސް ކުރަމެވެ." ބަޔާނުގައިވެ އެވެ.

ހަމައެއާއެކު އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމަށް މާތްﷲ ގަންދީ ހުވާކޮށްގެން އެހުވާގެ މަތީގައި ދައުލަތް ހިންގެވުމާއި ދައުލަތުގެ އެކިއެކި މަގާމުތަކާ ހަވާލުވެގެން ތިއްބެވި އަދި އެ މަތިވެރި ޒިންމާ އެބަޔަކާ މަތިކުރެވިގެންވާ ފަރާތްތަކާއި ސަލާމަތީ ބާރުތަކާއި އެކަމުގެ ހައިސިއްޔަތު ލިބިގެންވާ މުއައްސަސާތަކުގެ ވެރިންނާއި މުވައްޒަފުންނަކީ އެކަންކަން އަމަލީގޮތުން ހުއްޓުވުމުގެ ބާރު ލިބިގެންވާ ފަރާތްތައް ކަމަށާއި އެހެންކަމުން އެކަންކަން އަމަލީގޮތުން ހުއްޓުވުމުގެ ޒިންމާ ފުރިހަމައަށް ނެންގެވުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

އަދި އެފަދަ ކަންކަން ދިވެހި މުޖުތަމައުގައި ހިންގިޔަ ނުދިނުމަށްޓަކައި ދުރާލާ ފިޔަވަޅުތައް އެޅުމަށާއި، އެފަދަ ކަމެއް ހިނގަމުން ދާނަމަ، ޝަރުއީ އަދި ގާނޫނީ އިމުގެ ތެރެއިން މަސްއޫލުވެރި ފަރާތްތަކަށް ލިބިދީފައިވާ ޝަރުއީ އަދި ގާނޫނީ ބާރުގެ ބޭނުންކޮށް، އެކަން މަނާކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

އަދި މީސްތަކުންނަށް އެކަމުގެ ނުބައިކަން އަންގައިދީ މައުލޫމާތު ހިއްސާކުރަމުން ގެންދިއުމަށް އެންމެހާ ފަރުދުންނަށާއި މުއައްސަސާތަކަށް ވެސް ވަނީ ގޮވާލައިފަ އެވެ.

"އަދި އެފަދަ މުންކަރާތްތައް ހިންގާއިރު، އެކަން އެނގިތިބެ އެކަންކަން ވަންހަނާ ކުރުމަކީ އާންމު ފަރުދުންގެ ހައިސިއްޔަތުން ވިސްނާލަން ޖެހޭ ކަމެކެވެ. އެހެނީ، އެއީ އެފަދަ ކަންކަން އާންމުވެ މި ބިމުގައި އެކަންކަން މޫލުމަށް ދެވޭ ފުރުސަތަކަށް ވުމުގެ ސަބަބުން ﷲ ތަޢަލާގެ ހަޟްރަތުގައި ޖަވާބުދާރީވާންޖެހޭނެކަން ހަނދުމަބަހައްޓަން ޖެހެއެވެ." ބަޔާނުގައިވެ އެވެ.

އާއަހަރާއި ކްރިސްމަސް ޗުއްޓީ އަށް ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އަންނަމުންދާއިރު މީހުން ދިރިއުޅޭ ރަށްރަށުގައި ކްރިސްމަސް ފަދަ މުސްލިމުންގެ އަގީދާ އާއި ނުގުޅޭ ދުވަސްތައް ފާހަގަކަކުރުން ގާނޫނުން މަނާކުރެ އެވެ. ނަމަވެސް ޓޫރިސްޓު ރިސޯޓުތަކުގައި އެފަދަ ހަރަކާތްތައް ހިންގަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް