ލަންކާގެ މުސްލިމުން ރާއްޖޭގައި ވަޅުލަން ގިނަ އިލްމުވެރިން ތާއީދު

ޝައިޚް އިލްޔާސް ކާނިވަލުގައި ދެއްވި ދަރުހެއްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19 ޖެހިގެން މަރުވާ ލަންކާގެ މުސްލިމުން، އިސްލާމީ އުސޫލުތަކާ އެއްގޮތަށް ރާއްޖޭގައި ވަޅުލަން އެ މީހުންގެ ހަށިގަނޑުތައް ރާއްޖެ ގެނައުމަކީ ރަނގަޅުކަމެއް ކަމަށް ވިދާޅުވެ، ގިނަ އިލްވެރިން އެކަމަށް ތާއީދުކުރަމުން އެބަދެއެވެ.

ކޮރޯނާވައިރަހަށް ޕޮޒިޓިވްވެގެން ސްރީލަންކާއިން މަރުވާ މީހުން ވަޅުލުމުގެ ބަދަލުގައި އަންދަން އެ ގައުމުގެ ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެގައުމުގެ މުސްލިމުންގެ ނުރުހުމުގައި ސަރުކާރުން އަންނަނީ މުސްލިމުންގެ ހަށިގަނޑުތައް އަންދަމުންނެވެ. އެހެންވެ، އެ ގައުމުގެ މުސްލިމުންގެ މެދުގައި ވަނީ ހިތްހަމަނުޖެހުން ބޮޑުވެފަ އެވެ.

އެހެންވެ، އިސްލާމީ އުސޫލުތަކާ އެއްގޮތަށް ލަންކާ މުސްލިމުންގެ ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް އެގައުމުގެ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވާތީ އެ ގައުމުން ވަނީ ރާއްޖޭގައި ލަންކާ މުސްލިމުން ވަޅުލަން ދިވެހި ސަރުކާރުގެ އެހީއަށް އެދިފަ އެވެ. އަދި ދިވެހި ސަރުކާރުން ދަނީ އެހީ ދެވޭނެތޯ ބަލަމުންނެވެ.

އެކަމާ ދެކޮޅު ކަމަށް ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެވެ. ރައީސް މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ މީހަކު ނިސްބަތްވާ ގައުމަށާއި ގަބޫލު ކުރާ ކަންކަމާ ހެދި ތަފާތު ކުރުމެއް ނެތި ރާއްޖެއިން ހުރިހާ ބިދޭސީންނަށްވެސް މަރުހަބާ ކިޔާނެ ކަމަށެވެ.

ނޮވެމްބަރ 23، 2019: ރައީސް މައުމޫން -- ސަން ފަޔާޒު މޫސާ

އެހެން ނަމަވެސް، އެހެން ގައުމުތަކުގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ ހަށިތައް ރާއްޖެ ގެނައުމަކީ ތާއީދު ކުރެވޭނެ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މި މައްސަލައިގައި އާންމުންގެ މެދުގައި ވެސް ވަނީ ހިޔާލުތަފާތުވުން އުފެދިފައެވެ. އެއް ބަޔަކު އެކަމަށް ދެކޮޅު ހަދަމުން އަންނަ އިރު އަނެއް ބަޔަކު ބުނަމުން އަންނަނީ މިއީ ރަނގަޅު ކަމެއް ކަމަށެވެ.

ލަންކާގެ މުސްލިމުން ރާއްޖޭގައި ވަޅުލަން ތާއީދުކުރައްވައި އެންމެ ދިގުކޮށް ވާހަކަދެއްކެވީ ޑރ. މުހައްމަދު އިޔާޒް އެވެ. ޑރ. އިޔާޒް ވިދާޅުވީ އަވައްޓެރި ސްރީލަންކާގައި ކޮވިޑް19 ބަލިމަޑުކަމުގައި މަރުވާ މުސްލިމުންނާއި މެދު ވަރަށް އިހާނެތި ގޮތަކަށް ކަންތައް ކުރެވެމުން ދަނިކޮށް، އެބައިމީހުންނަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދީ އެ އިހާނެތިކަމުން މުސްލިމުން ސަލާމަތްކުރަން ނިންމުމަކީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށެވެ.

"މުސްލިމުން އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވާހާ ހިނދަކު ﷲ ވޮޑިގެންވަނީ އެބައި މީހުންގެ އެހީތެރިކަމުގައި ކަމަށް ހަދީޘްގައި އައިސްފައިވޭ. މީ މުސްލިމް އަވައްޓެރިންނަށް ދެވުނު ވަރަށް ބޮޑު އެހީތެރިކަމެއް،" ޑރ. އިޔާޒް ވިދާޅުވިއެވެ.

އަދި އެއީ އިސްލާމީ އަޚްވަންތަކަން ދެމެހެއްޓުމަށް ވަރަށް މުހިންމު ނިންމުމެއް ކަމަށް ވެސް ޑރ. އިޔާޒް ވިދާޅުވިއެވެ.

ސަދަގާތް ކުރުން އެންމެ ރަނގަޅީ ތިމާވެސް އެ އެއްޗަކަށް ބޭނުންޖެހިފައިވާ ތަކެތިން ކަމަށާއި، ރާއްޖޭގެ ބިންކޮޅު ކިތަންމެ ކުޑަ ނަމަވެސް އަވައްޓެރިންނަށް ބޭނުން ޖެހުނު ހިނދު އެހީތެރިކަން ފޯރުކޮށްދިނުމަކީ މަކާރިމުލް އަޚްލާގުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

ޑރ. އިޔާޒް ވިދާޅުވީ ކިތަންމެ ނަފްރަތު ކުރާ މީހަކު ނަމަވެސް ރަނގަޅު ކަމެއް ކޮށްފިނަމަ އެކަން ބަލައިގަންނަން ދަސްކުރަން ޖެހޭ ކަމަށާއި ނޫން ނަމަ ނަތީޖާ ވަރަށް ހިތިވެދާނެ ކަމަށެވެ.

އަދި ހުރިހާ ގައުމެއްގެ މުސްލިމުންނަށް ވެސް އެހީވާންޖެހޭ ކަމަށާއި ދިވެހި ސަރުކާރުން ލަންކާގެ މުސްލިމުން މަރުވުމުން ރާއްޖޭގައި ވަޅުލަން އެއްބަސްވުމަކީ އިންސާނީ ވަރަށް ބޮޑު ޚިދުމަތެއް ކަމަށެވެ.

ފެބްރުއަރީ 14، 2020: ޑރ. އިޔާޒް އަދި ޝައިޚް ޒައިދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭގެ އިތުރުން މިއީ ލަންކާގައި ދިރިއުޅޭ ހާހުން ގުނޭ ދިވެހީންނަށް ލިބުނު އުފާވެރި ހިތްހަމަޖެހުމެއް ކަމަށް ވެސް ޑރ. އިޔާޒް ވިދާޅުވިއެވެ.

"އެގޮތަކީ މިކަން މިގޮތަށް ހަމަނުޖެހުނު ނަމަ ދިވެހި މީހާވެސް ލަންކާގެ ބުދިސްޓުންގެ ބާރުގައި ހަމަ އަންދާނީ. ލަންކާ އަކީ ބިންބޮޑު ގައުމެއް؟ މުޅި ދުނިޔޭގައި ވެސް މުސްލިމުން ކޮވިޑް ބަލީގައި މަރުވުމުން ވަޅުލަނީ. ލަންކާގައި އަންދަނީ މުސްލިމުންގެ މައްޗަށް ބުދިސްޓުންގެ ބާރު އޮތީމާ. ޝުކުރިއްޔާ ދިވެހި ސަރުކާރު،" ޑރ، އިޔާޒް ވިދާޅުވިއެވެ.

ޑރ. އިޔާޒް ވިދާޅުވީ މައްޔިތާ އަވަހަށް ވަޅުލުމާއި، އެއް ތަނުން އަނެއް ތަނަށް ބަދަލު ކުރުމާއި ފުށޫއެރުމަށް ވުރެ މަސްލަހަތު ބޮޑީ އަންދާލުމުން ސަލާމަތްކުރުން ކަމަށެވެ.

"އުޚްދޫދު ބާގައިގެ މީހުންނަށް ލައުނަތް ލެއްވީ މުސްލިމުން ދިރިތިއްބާ އެންދުމުގެ ސަބަބުން. އަދި އެކަން މަނާނުކުރުމުގެ ސަބަބުން. ލަންކާގެ މުސްލިމުން އަންދާ މައްސަލަ މަނާކުރުމުގެ ގޮތުން ކުރެވޭނެ އެންމެ ބޮޑު ކަމަކީ ރާއްޖެ ގެނެސް ޝަރީއަތާ އެއްގޮތަށް ޖަނާޒާގެ ކަންކަން ކުރިއަށް ގެންދިއުން،" ޑރ، އިޔާޒް ވިދާޅުވިއެވެ.

ޑރ. އިޔާޒްގެ ވާހަކައަށް ތާއިދުކުރައްވައި ޝެއިޚް އަލީ ޒައިދު ވިދާޅުވީ ދިވެހި ސަރުކާރުން ލަންކާގެ މުސްލިމް އަޚުންނަށް އެހީތެރިވާތަން ފެނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި މުސްލިމު އަޚުންނަކީ އެކަތިގަނޑެއް ކަމަށެވެ.

"އަޅުގަނޑު ދެކެނީ މިފަދަ ހާލަތެއްގައި ރާއްޖެ ފަދަ އިސްލާމީ ގައުމަކަށް ލަންކާގެ މުސްލިމުންނަށް އެހީވުން ވާޖިބުވާނެ ކަމަށް. އެހީވެވެން އޮއްވާ އެ މުސްލިމުން އަންދަން ދޫކޮށްލެވިގެން ނުވާނެ. މީ އެ އިސްލާމީ އުޚުވަތްތެރިކަމުގެ ގޮތުން ވާޖިބުވާނެ ކަމެއް. ޝައްކެއް ވެސް ނެތް،" ޒައިދު ވިދާޅުވިއެވެ.

އަދި ލަންކާގައި މުސްލިމުން ވަޅުލެވޭނެ ގޮތެއް ނެތުމުން، ރާއްޖެއިން ދީލަތިކަމުގެ އަތެއް ދިއްކޮށްލުމަކީ ބަޔަކު ކަންބޮޑުވާން ޖެހޭ ކަމެއް ނޫން ކަމަށާއި އެއީ އުފާކުރަންޖެހޭ ކަމެއް ކަމަށް ވެސް ޒައިދު ވިދާޅުވިއެވެ.

ޒައިދު ވިދާޅުވީ އެކަމާ ކަންބޮޑުވެ މިކަމުގައި ޝަރުއީ މަސްލަހަތެއް ނެތް ކަމަށް ބުނާތީ ހައިރާންވާ ކަމަށެވެ.

"އަޅުގަނޑަށް ހީވަނީ ދިވެހި ސަރުކާރުން ލަންކާގެ މުސްލުމުންނަށް އެހީ ނުވާ ގޮތަށް ނިންމި ނަމަ، ބައެއް އިދިކޮޅު ބޭފުޅުން ބިނާނީ ހުންނަ ނުބައިކަން ބަލާބަލާށޭ. އިސްލާމުންނަށް އެހީނުވިއޭ. މިހާރު އެހީވާތީވެސް ކަމަކު ނުދިޔަ. އަޖައިބު. އަޅުގަނޑު އަވަހަށް ގޮވާލަން އަވަހަށް ހެޔޮ ނުބައި ވަކި ކުރާށޭ،" ޒައިދު ވިދާޅުވިއެވެ.

ދީނީ އިލްމުވެރިޔާ ޝައިހު އިލްޔާސް ހުސައިން ވިދާޅުވީ ލަންކާގެ މުސްލިމުންގެ ތެރެއިން ކޮވިޑް19 ޖެހިގެން މަރުވާ މުސްލިމުން އެންދުމުގެ ބަދަލުގައި ވަޅުލުމަށް އެހީތެރިވުމުގެ ގޮތުން ދިވެހި ސަރުކާރުން ނިންމެވި ނިންމެވުމަކީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވީ ލަންކާގެ މުސްލިމުންގެ ތެރެއިން ކޮވިޑް19 ބަލީގައި މަރުވާ މީހުން ރާއްޖެ ގެނެސް ރާއްޖޭގައި ވަޅުލުމުގެ އިންތިޒާމް ހަމަޖެއްސުމަކީ މިވަގުތަށް ވަރަށް މުހިންމު އަދި އެހާމެ ދަރުމައާއި ސަވާބު ލިބޭނެ ކަމެއް ކަމަށެވެ.

މީގެ އިތުރުން ވެސް ލަންކާގެ މުސްލުމުންނަށް ވެދޭ އެހީތެރިކަމަކީ ތާރީހުގައި ޝުކުރުވެރިކަމާއެކު ލިޔެވޭނެ ރިވެތި ސަފްހާއެއް ކަމަށް ވިދާޅުވެ ގިނަ އިލްމުވެރިން އަންނަނީ އެކަމަށް ތާއީދުކުރަމުންނެވެ.

comment ކޮމެންޓް