ފުރަތަމަ ފަހަރަށް ސަޓާ އެވޯޑު ހަފްލާ ވާޗުއަލްކޮށް

މީގެ ކުރިން ބޭއްވި "ސަޓާ ގާލާ އެންޑް އެވޯޑްސް" ހަފްލާއެއް-- ފޮޓޯ/ ޑިޖިޓަލް ސްޓޫޑިއޯ

ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ)ގެ އެވޯޑު ހަފްލާ ފުރަތަމަ ފަހަރަށް ވާޗުއަލްކޮށް ބާއްވަން އެ ފެއާ އިންތިޒާމުކުރާ ހައިރައިޒްއިން ނިންމައިފި އެވެ.

ދެކުނު އޭޝިއާ ސަރަހައްދުގައި ފަތުރުވެރިކަމުގެ ދާއިރާއިން ދޭ އެންމެ ޝަރަފުވެރި އެވޯޑު، ސަޓާގެ މިއަހަރުގެ އެވޯޑުތަކަށް 52 ކެޓަގަރީއަކުން 1،000 އަށްވުރެ ގިނަ ފަރާތްތައް ވަނީ ނޮމިނޭޓްވެފަ އެވެ. އެވޯޑު ހަފްލާގައި ޖުމުލަ 85 އެވޯޑު ދޭނެ އެވެ.

ކޮންމެ އަހަރަކުވެސް ޖެނުއަރީ މަހު ސަޓާ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަ އެވެ. މިއަހަރު އެވޯޑަށް ކުރިމަތިލި ފަރާތްތަކުގެ އިވެލުއޭޝަން މަސައްކަތް މިދިޔަ ނޮވެމްބަރު މަހު ވަނީ ނިންމާފަ އެވެ. އިވެލުއޭޝަންގެ މަސައްކަތްކުރީ އެކި ގައުމުތަކަށް ނިސްބަތްވާ ބޭފުޅުން ހިމެނޭ ޖަޖުންގެ ޓީމަކުންނެވެ.

ކުރިން ރާވާފައި އޮތީ ޖަޖުންގެ ޓީމުން، އެވޯޑުތަކަށް ކުރިމަތިލި ފަރާތްތައް ނިސްބަތްވާ ގައުމުތަކަށް ގޮސް އިވެލުއޭޝަންގެ މަސައްކަތް ކުރުމަށެވެ. އެހެން ނަމަވެސް ކޮވިޑް19 ޕެންޑެމިކްގެ ސަބަބުން އެ މަސައްކަތް ވެސް ކުރިއަށް ގެންގޮސްފައިވަނީ ވާޗުއަލްކޮށެވެ.

ވާޗުއަލްކޮށް ބާއްވާ ސަޓާ އެވޯޑު ހަފްލާ އޮންނާނީ މިމަހުގެ 15ވަނަ ދުވަހު ރާއްޖެ ގަޑިން ހަވީރު 5:30ގައި އެވެ. މި ހަފްލާ ސަޓާ އެވޯޑްސްގެ ފޭސްބުކް ޕޭޖުން ވަގުތުން ބަލައިލެވޭނެ އެވެ.

މިއަހަރުގެ ސަޓާ އެވޯޑުގެ ޕާޓްނަރުންގެ ތެރޭގައި ހިމެނެނީ ގަލްފް ކްރާފްޓް މޯލްޑިވްސް (ޕްލެޓިނަމް ޕާޓްނަރު)، ދަ ހޯކްސް (ގޯލްޑް ޕާޓްނަރު)، އުރީދޫ މޯލްޑިވްސް (ޑިޖިޓަލް ޕާޓްނަރު) އަދި ކްރޯ މޯލްޑިވްސް (އޮޑިޓް ޕާޓްނަރު)ގެ އިތުރުން މާގިރި ހޮޓެލް (ހޮސްޕިޓަލިޓީ ޕާޓްނަރު) އެވެ.

މިއީ ސަޓާ އެވޯޑު ބާއްވާ ފަސްވަނަ އަހަރެވެ. އެންމެ ފުރަތަމަ މި އެވޯޑު ދީފައިވަނީ 2016ވަނަ އަހަރުގަ އެވެ.

comment ކޮމެންޓް