ކޮވިޑް ވެކްސިން އާ ދެކޮޅު މަސައްކަތް ހުއްޓުވަން ތައްޔާރުވާން އިންޓަޕޯލް އިން އަންގައިފި

ކޮވިޑް ވެކްސިން--

ކޮވިޑް19 ވެކްސިން އާ ގުޅިގެން އެކި ކަހަލަ ކުށްތައް ރާވަމުން އަންނާތީ، އެ ހަރަކާތްތައް ހުއްޓުވަން ތައްޔާރުވުމަށް އިންޓަޕޯލްގެ 194 މެމްބަރު ގައުމުގެ ތަންފީޒީ އިދާރާތަކަށް އަންގައިފިއެވެ.

އިންޓަޕޯލް އިން ވަނީ ކޮވިޑް ވެކްސިން އާ ގުޅުވައިގެން ހިންގާފާނެ ކަމަށް ބެލެވޭ އެކި ކުށްތަކާ ގުޅިގެން، އޮރެންޖް ނޯޓިސް އެއް ނެރެފައެވެ.

އެގޮތުން ކޮވިޑް ވެކްސިންގެ ދޮގު މައުލޫމާތު ފެތުރުމާއި، ވެކްސިން ވަގަށް ނެގުމާއި، ގަވާއިދާ ހިލާފަށް ކޮވިޑް އަދި އެހެނިހެން ފްލޫ ވެކްސިންތައް އިޝްތިހާރުކުރުން ފަދަ ކަންކަމަށް ސަމާލުވުމަށް އިންޓަޕޯލް އިން ވަނީ އަންގައިފައެވެ.

ހަމައެއާއެކު ކޮވިޑް19 ގެ ފޭކް ވެކްސިން އިޝްތިހާރުކޮށް ވިއްކުމުގެ ފުރުސަތު އޮތުމުން، އެކަމަށް ސަމާލުވުމަށް ވެސް ވަނީ އަންގައިފައެވެ.

ކޮވިޑްގެ ބައެއް ވެކްސިން އަށް ހުއްދަ ލިބުމުގެ މަގުމަތީގައި ވާއިރު، ވެކްސިން ރައްކާތެރިކަމާއެކު ސަޕްލައިކޮށްދިނުމާއި، ފޭކް ވެކްސިން ވިއްކާ ވެބްސައިޓްތައް ދެނެގަތުމުގެ މުހިންމުކަން އިންޓަޕޯލް އިން ވަނީ ފާހަގަކޮށްފައެވެ.

ހަމައެއާއެކު، ރައްޔިތުންނާއި މުޖުތަމައުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ހެލްތު ރެގިއުލޭޓަރީ ބޮޑީތަކާއި ގާނޫނު ތަންފީޒުކުރާ ފަރާތްތައް ގުޅިގެން މަސައްކަތް ކުރުން މުހިންކުކަމަށް ވެސް އިންޓަޕޯލް އިން ވަނީ ބުނެފައެވެ.

އިންޓަޕޯލްގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ، ގައުމުތަކުން ވެކްސިން ރޯލް އައުޓް ކުރަން ތައްޔާރުވާއިރު، ރާވައިގެން ބޮޑެތި ކުށްތައް ހިންގާ ނެޓްވޯކުތަކުން ވެކްސިން ސަޕްލައި އަށް ހުރަސްއެޅުމަށް ރާވަމުން އަންނަ ކަމަށެވެ.

ހަމައެއާއެކު އެފަދަ ނެޓްވޯކްތަކުން އާންމުންނަށް އޮޅުވާލައި، ފޭކް ވެބްސައިޓުތައް މެދުވެރިކޮށް ފޭކް ބޭހާއި ވެކްސިން ވިއްކުމުގެ ފުރުސަތު ބޮޑުކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

"އެހެންކަމުން ކޮވިޑް19 ވެކްސިން އާ ގުޅިގެން ހިންގާނެ ކަމަށް ބެލެވޭ ހުރިހާ ކުށްތަކަށް ގާނޫނު ތަންފީޒުކުރާ ފަރާތްތަކުން ހޭލުންތެރިވެ ސަމާލުވެގެން ތިބުމަކީ ކޮންމެހެން ބޭނުންތެރި ކަމަކަށް ވާތީ އިންޓަޕޯލް އިން ގްލޯބަލް އެލާޓެއް މި ނެރުނީ،" އޭނާ ވިދާޅުވިއެވެ.

ވެކްސިންގެ އިތުރުން، ބައިނަލްއަގުވާމީ ދަތުރުތައް މަޑުމަޑުން ހަމައަކަށް އެޅެން ފެށުމާއެކު، ފޭކް ޓެސްޓު ކިޓުތައް އުފައްދައި ވިއްކުން އިތުރުވުމުގެ ފުރުސަތު އޮތް ކަންވެސް އިންޓަޕޯލް އިން ފާހަގަކުރިއެވެ.

ހަމައެއާއެކު ކޮވިޑް އާ ގުޅިގެން އެކިކަހަލަ ފްރޯޑްތައް އިތުރުވެފައި ވާތީ، އޮންލައިންކޮށް މެޑިކަލް ސަޕްލައި ގަތުމުގައި ސަމާލުވުމަށް ވެސް ވަނީ އަންގައިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް