އިނގިރޭސިވިލާތުން ފައިޒާގެ ވެކްސިން ބޭނުން ކުރަން ހުއްދަ ދީފި

ކޮރޯނާވައިރަހަށް އުފައްދާ ބައެއް ވެކްސިންތައް އިންސާނުންނަށް ދީގެން ޓެސްޓު ކުރުމުގެ މަސައްކަތް ދަނީ ކުރިއަށް -- ފޮޓޯ: އޭޕީ

ލަންޑަން (ޑިސެމްބަރު 2): އެމެރިކާގެ ފައިޒާ އާއި ޖަރުމަނުގެ ބަޔޯއެންޓެކްއިން އުފެއްދި ކޮރޯނާވައިރަސް ވެކްސިން ބޭނުން ކުރަން އިނގިރޭސިވިލާތުން ހުއްދަ ދީފި އެވެ.

އިނގިރޭސިވިލާތުގައި ވެކްސިންތަކަށް ހުއްދަދޭ އިދާރާ ކަމަށްވާ މެޑިސިންސް އެންޑް ހެލްތުކެޔާ ރެގިއުލޭޓަރީ އޭޖެންސީ (އެމްއެޗްއާރުއޭ) އިން ބުނި ގޮތުގައި ފައިޒާގެ ވެކްސިން ގިނަ އަދަދެއްގެ މީހުންނަށް ދޭން ފެށުން ރައްކާތެރި ކަމަށް އެ އިދާރާއިން ދެކެ އެވެ. އެހެންކަމުން ކޮވިޑް ޖެހި ހާލު ސީރިއަސްވުމުގެ ނުރައްކާ އޮތް މީހުންނަށް އެގައުމުން ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް އޮތް ދުވަސްތަކުގައި ފަށާނެ ކަމަށް ބީބީސީން ރިޕޯޓު ކުރި އެވެ.

އިނގިރޭސިވިލާތުން ވެކްސިން ދިނުމުގައި އިސްކަން ދޭން ހަމަޖެހިފައި ވަނީ އުމުރުން ދުވަސްވީ މީހުންނަށް އަޅާލާ ސެންޓަރުތަކުގައި ތިބޭ މީހުންނާއި 80 އަހަރުން މަތީގެ މީހުންނާއި ސިއްހީ އަދި އިޖުތިމާއީ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށެވެ. އެއަށް ފަހު ގިނަ ޑޯޒްތައް ލިބުމުން، 50 އަހަރުން މަތީގެ މީހުންނާއި ސިއްހީ މައްސަލަތައް ހުންނަ ޒުވާނުންނަށް ވެކްސިން ދިނުމުގެ މަސައްކަތް އަންނަ އަހަރު ފެށޭނެ އެވެ.

އިނގިރޭސިވިލާތުން ވަނީ ފައިޒާ ވެކްސިންގެ 40 މިލިއަން ޑޯޒްއަށް އޯޑަރު ދީފަ އެވެ. އަދި ކޮންމެ މީހަކަށްވެސް އެ ވެކްސިންގެ ދެ ޑޯޒް ދޭން ޖެހޭތީ އެއީ 20 މިލިއަން މީހުންނަށްވާ ވަރަށް ވެކްސިން އެވެ. އެ ވެކްސިންގެ ދެވަނަ ޑޯޒް ދެނީ ފުރަތަމަ ޑޯޒް ދޭތާ 21 ދުވަސް ފަހުންނެވެ.

ފައިޒާގެ ވެކްސިން ޓެސްޓު ކުރުމަށް އެތައް ހާސް މީހުން ބައިވެރިކޮށްގެން ކުރިއަށްގެންދާ ޓެސްޓުތަކުގެ އެންމެ ފަހުގެ ނަތީޖާއިން ދައްކާ ގޮތުގައި އެ ވެކްސިން ދިން 95 ޕަސެންޓު މީހުން ކޮވިޑުން ރައްކާތެރި ކުރެވޭ ކަމަށް ފައިޒާއިން ބުނެ އެވެ.

އިނގިރޭސިވިލާތަކީ ކޮވިޑް ވެކްސިންއެއް ބޭނުން ކުރަން ހުއްދަ ދިން ހުޅަނގުގެ ފުރަތަމަ ގައުމެވެ. އަދި އެގައުމުން ވަނީ ވެކްސިން ދޭން ފެށި ނަމަވެސް ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ގައިދުރު ކުރުމުގެ ފިޔަވަޅުތަކަށް އަމަލު ކުރަން އިލްތިމާސްކޮށްފަ އެވެ.

ފައިޒާއިން ދަނީ އެ ކުންފުނީގެ ވެކްސިން އެމެރިކާގައި ބޭނުން ކުރުމަށްވެސް ހުއްދަ ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް