ރާއްޖޭގައި އެޗްއައިވީ ފެތުރުމަށް މަގުފަހިވާ އާދަތައް އެބަހުރި: މިިނިސްޓަރު

ހެލްތު މިނިސްޓަރު ނަސީމް--

ރާއްޖޭގައި އެޗްއައިވީ ވައިރަސް ނުވަތަ އެއިޑްސް ބަލި ފެތުރުމަށް މަގުފަހިވާ އާދަތައް އެބަހުރިކަމަށް ހެލްތު މިިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ދުނިޔޭގެ އެއިޑްސް ދުވަހާ ގުޅިގެން ނަސީމް ދެއްވި ޚިތާބުގައި ވިދާޅުވީ މިދުވަސް ފާހަގަ ކުރުމުގެ މަގްސަދުތަކުގެ ތެރޭގައި އޭޑްސްއާ ދެކޮޅަށް ކުރެވެމުންދާ މަސައްކަތްތަކުގެ އަގުވަޒަންކުރުން ހިމެނޭ ކަމަށެވެ.

އެގޮތުން ރާއްޖެއަކީ އެޗްއައިވީ ޖެހޭ މީހުންގެ އަދަދު މަދު ގައުމެއްގެ ގޮތުގައި ދެމެހެއްޓުމަށް ކުރެވޭ މަސައްކަތްތައް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

" އަޅުގަނޑަށް އަޑުއިވިފައިވާ ގޮތުގައި އެޗްއައިވީ އާ ދެކޮޅަށް އަދި ބައްޔަށް ފަރުވާދިނުމަށް މަސައްކަތް ކުރާ ފަރާތްތައް މަސައްކަތް ކުރަނީ މި ބަލީގެ ސަބަބުން ލިބޭ ވޭނާއި ކެކުޅުން އަދި އާއިލާތަކަށް ލިބޭ ގެއްލުމަށާއި ހިތްދަތިކަމަށްވެސް ވަރަށް ބޮޑަށް ރިއާޔަތްކުރެވި ބަލިމީހާ އާއި އާއިލާއަށް ލިބޭ ނުތަނަވަސްކަން ކުޑަކުރުމަށް ވިސްނުމާއި ފިކުރުދީގެން. ބަލިން ރައްކާތެރިވުމަށާއި ބަލީގައި އުޅުމުގައި އެގެންޖެހޭ ރަނގަޅު މައުލޫމާތާއި އެހީތެރިކަން ފޯރުކޮށްދީގެން." މިނިސްޓަރު ވިދާޅުވި އެވެ.

މިއަހަރުގެ އޭޑްސް ދުވަހުގެ ޝިއާރުގެ ގޮތުގައި ކަނޑައަޅާފައިވަނީ "ގްލޯބަލް ސޮލިޑަޓަރީ، ޝެއާޑް ރެސްޕޮންސިބިލިޓީ" ނުވަތަ ދުނިޔޭގެ އެންމެން އެކުގައި، މިއީ އެންމެންގެ ޒިންމާ" އެވެ.

މިއީ މިހާރު މުޅިދުނިޔެއަށް ދިމާވެފައިވާ ކޮވިޑް 19 ގެ ބަލިމަޑުކަމުގެ ހާލަތާ ގުޅުވައިގެން ކަނޑައަޅާފައިވާ ޝިއާރެކެވެ.

މިނިސްޓަރު ވިދާޅުވީ 1990ގެ އޭޑްސް އާދެކޮޅަށް ކުރެވުނު މަސައްކަތުން ފަހާގަ ކޮށްލެވޭ ކުރިއެރުންތަކެއް ލިބިފައިވީ ނަމަވެސް އަދިވެސް އޭޑްސް އަކީ ދުނިޔޭގެ އާއްމު ސިއްހަތަށް ހުރި ނުރައްކަލެއް ކަމަށެވެ. އެހެންކަމުން، މިހާރުގެ ހާލަތާއި ގުޅިގެން އާއްމު ސިއްހަތާ ގުޅޭ އެހެނިހެން ކަންތައްތަކަށް ދަތިތައް ދިމާވަމުންދާއިރު އޭޑްސް އާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކަށްވެސް އެކި ކަހަލަ ގޮންޖެހުންތައް ކުރިމަތިވަމުންދާ ކަަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"ރާއްޖޭގައި ކުރެވިފައިވާ އެސެސްމަންޓްތަކާއި ދިރާސާތަކުން ދައްކާ ގޮތުގައި ރާއްޖޭގައި މި ބަލި ފެތުރިގެން ދިޔުމަށް މަގުފަހިވާ ފަދަ އާދަތައް ފެންނަންއެބަހުރި. ވީމާ، އެޗް.އައި.ވީ އޭޑްސް އަކީ އިސްކަންދޭ ކަމެއްގެ ގޮތުގައި ބާއްވާ، އޭޑްސްއާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމާއި ރާއްޖޭގައި މިބަލި ފެތުރުން ހުއްޓުވުމަށްޓަކައި ކަމާ ގުޅުންހުރި އިދާރާތަކުން ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ވިސްނަންޖެހޭ. އަދިމިހާރުވެސް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުން." މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތުން އެ ބައްޔަށް ދެވޭ ފަރުވާ އަދި ފަރުވާއަށް ބޭނުންވާ އެހެނިހެން ވަސީލައްތައް ހަމަޖައްސާފައިވަނީ ސަރުކާރުގެ ފަރާތުން ހިލޭ ފޯރުކޮށްދެވޭ ހިދުމަތެއްގެ ގޮތުގައިކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ރާއްޖޭގައި އެޗްއައިވީ އޭޑްސް ފެތުރުން ހުއްޓުވުމަށްޓަކައި ކަމާ ގުޅުންހުރި އިދާރާތަކުން ކުރަމުންދާ މަސައްކަތް މިހާރަށްވުރެ ހަރުދަނާކޮށް، އަދި އޭޑްސް ބަލި މީހުންނަށް ބޭނުންވާ ފަރުވާގެ ކަންތައް މިފަދަ ދަނޑިވަޅެއްގައި ބަލީމީހުންނަށް ލުއި ފަސޭހަގޮތެއްގައި ލިބޭނެގޮތް ހަމަޖެއްސުމަށްވެސް މިނިސްޓަރު ގޮވާލެއްވި އެވެ.

އޭގެ އިތުރުން އޭޑްސްގެ ބަލިމީހުންނާ ދޭތެރޭ ދެކޭގޮތާއި ތަފާތުކުރުން މުޖުތަމައުން ނައްތާލާ އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށާއި ރާއްޖެއަށް ލިބިފައިވާ 'މައިމީހާގެ ފަރާތުން ދަރިފުޅަށް އެޗްއައިވީ ޖެހުން ނައްތާލެވިފައިވާ ޤައުމެއް'ގެ ނަން އެ ގޮތުގައި ދެމެހެއްޓުމަށް މިނިސްޓަރު އިލްތިމާސްކުރެއްވި އެވެ.

comment ކޮމެންޓް