ކަޅު ނަސްލުގެ މީހަކަށް އަނިޔާކުރި މައްސަލާގައި ފްރާންސުގެ 4 ފުލުހަކަށް ދައުވާކޮށްފި

ފްރާންސުގެ ފުލުހުން ކަޅު ނަސްލުގެ މީހަކަށް އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް މިދިޔަ ހަފްތާގައި ވަނީ އާއްމުވެފަ -- ފޮޓޯ: އޭއެފްޕީ

ޕެރިސް (ޑިސެމްބަރު 1): މިދިޔަ މަހުގެ 21ގައި ފްރާންސުގެ ވެރިރަށް ޕެރިހުގައި ދޮން ނަސްލުގެ ފުލުހުންތަކެއް ކަޅު ނަސްލުގެ މީހަކަށް އަނިޔާ ކުރި މައްސަލާގައި އެގައުމުން ހަތަރު ފުލުހެއްގެ މައްޗަށް ދައުވާކޮށްފި އެވެ.

ފްރާންސުން އެ ދައުވާތައް ކުރީ މިއުޒިކް ޕްރޮޑިއުސަރެއް ކަމަށްވާ މިޝެލް ޒެކްލާގެ ސްޓޫޑިއޯގައި ފުލުހުންތަކެއް އޭނާ އަށް އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް މިދިޔަ ހަފްތާ ތެރޭ އާއްމުވި ފަހުންނެވެ. އެ ހާދިސާގައި ފުލުހުން އެ ސްޓޫޑިއޯ ތެރެއަށް ކަރުނަ ގޭސް ޖަހާތަން ވެސް ވީޑިއޯއިން ފެނެ އެވެ.

ފުލުހުން ބުނި ގޮތުގައި އެ މައްސަލަ ފެށުނީ ޒެކްލާ މާސްކެއް ނާޅާތީ އާއި އޭނާގެ ދަބަހުގައި މަސްތުވާތަކެތި ހުރި ކަމަށް ބެލެވިގެންނެވެ. އެ ވީޑިއޯ ފެންމަތިވުމުގެ ކުރިން ފުލުހުން ވަނީ ޒެކްލާ ހައްޔަރު ކުރަން އުޅުމުން އޭނާ ގަދަ ދައްކާ، މާރާމާރީ ހިންގި ކަމަށް ބުނެފަ އެވެ.

ޒެކްލާ ބުނި ގޮތުގައި އެ ފުލުހުން އޭނާއާ ނަސްލީ ގޮތުން ދިމާ ކުރި އެވެ. އަދި އެ އަނިޔާއަށް ފަހު އޭނާއަށް ހޮސްޕިޓަލުން ފަރުވާ ހޯދަން ޖެހުނެވެ.

އެ މައްސަލާގައި ދެ ފުލުހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އިތުރު ދެ ފުލުހަކު ހައްޔަރު ކުރުމަށް ފަހު، ޝަރުތުތަކަކާ އެކު ވަނީ ދޫކޮށްލާފަ އެވެ.

މީގެ އިތުރުން އެ ހަތަރު ފުލުހުންގެ މައްޗަށް ވަނީ ގަސްތުގައި މީހަކަށް އަނިޔާ ކުރުމުގެ ދައުވާ އާއި ރަސްމީ ލިޔެކިޔުންތަކެއް ގަވާއިދާ ހިލާފަށް ނަކަލު ކުރުމުގެ ދައުވާކޮށްފަ އެވެ.

އެ ހާދިސާ ހިނގާފައި ވަނީ، ފުލުހުންގެ ފޮޓޯ އާއި ވީޑިއޯ އާއްމު ކުރަން ހުރަސް އަޅާ މާއްދާއެއް ހިމެނޭ އަމަނާ ބެހޭ ގާނޫނެއް ފްރާންސުގެ ޕާލިމެންޓުގެ ތިރީގެއިން މިދިޔަ ހަފްތާގައި ފާސް ކުރި ފަހުންނެވެ.

އެ މާއްދާއަށް ފާޑު ކިޔާ މީހުން ވަނީ އޭގެ ސަބަބުން ފުލުހުން ކުރާ އަނިޔާ ހާމަ ކުރަން އުނދަގޫ ވާނެ ކަމަށް ބުނެފަ އެވެ. އަދި އެ މާއްދާއަށް ތާއިދު ކުރާ މީހުން ވަނީ އެއީ ފުލުހުންނަށް ފުރައްސާރަ ކުރުން ހުއްޓުވަން މުހިއްމު މާއްދާއެއް ކަމަށް ބުނެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް