ދަގަނޑޭއާއި ސެންޓޭ ގެންގޮސް ވެލެންސިއާ ގަދަބާރަކަށް

އަލީ އަޝްފާގު ވެލެންސިއާއަށް ސޮއި ކުރުމަށް ބޭއްވި ބައްދަލުުމުގެ ތެރެއިން --- ފޮޓޯ//އަޝްފާގު

ރާއްޖެ މިހާތަނަށް ދުއް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އާ އެކު ތަޖުރިބާކާރު ފޯވާޑް އަލީ ފާސިރު (ސެންޓޭ) ކުލަބު ވެލެންސިއާއަށް ސޮއިކޮށްފިއެވެ.

ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމަށް ކުޅުންތެރިން ގަނެ ވިއްކުމުގެ ސުންގަޑި ހަމަވާން ކައިރިވެފައިވަނިކޮށް ވެލެންސިއާއިން އެކުލަބަށް މީގެ 15 އަހަރު ކުރިން ކުޅުނު އަޝްފާގު ސޮއި ހޯދުމަކީ ގިނަބަޔަކަށް ހައިރާންކަން ގެނުވާނެ ކަމެކެވެ. މިފަހަރު އަލަށް ކޮލިފައިވި ސަސްއަށް ދަގަނޑޭ ކުޅޭނެ ކަމަށް ގިނަބަޔަކަށް ހީވެފައި އޮތް އިރު، މިފަހުން ސަސްގެ ބައެއް ޕްރެކްޓިސްތަކުގައި ވެސް ދަގަނޑޭ ވަނީ ބައިވެރިވެފަ އެވެ.

ދަގަނޑޭގެ އިތުރުން މިދިޔަ ސީޒަނުގައި ކްލަބް އީގަލްސް އަށް ކުޅުނު އަލީ ފާސިރު (ސެންޓޭ) ވެސް ވަނީ ކްލަބް ވެލެންސިއާ އަށް ބަދަލުވަން އެއްބަސްވުމުން އޭނާގެ ނަން ވެސް ވަނީ އެ ޓީމުގައި ހިމަނައިފަ އެވެ. މިއީ ދަގަނޑޭ އާއި ސެންޓޭ އެކުގައި ނިއު ރޭޑިއަންޓް ނޫން ޓީމެއްގައި އެކުގައި ކުޅޭނެ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ދަގަނޑޭ އާއި ސެންޓޭ ވަނީ 2013، 2017، 2018 ވަނަ އަހަރު ނިއު އަށް ކުޅެފަ އެވެ.

ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަޝްފާގުގެ ފުޓުބޯޅައިގެ ބިންގާ ކަމަށްވާ ވެލެންސިއާއަށް އޭނާ ކުޅެން ނިންމާ، އެއްބަސްވުމުގައި މިރޭ ވަނީ ސޮއިކޮށްފަ އެވެ. މިދިޔަ ސީޒަނުގައި ޓީސީ ސްޕޯޓްސް ކުލަބަށް ކުޅުނު ދަގަނޑޭ ފުޓްބޯޅަ ކެރިއަރު ފެށީ އުމުރުން 16 އަހަރުގައި 2001 ވަނަ އަހަރުގެ ޕޮމިސް ކަޕުގައި ރަން ރީންދޫ ކުލައިގެ ވެލެންސީއިންނެވެ.

ކުޅުނު ފުރަތަމަ މުބާރާތުގައި ވެސް ތަފާތު ދެއްކި ދަގަނޑޭ ވަނީ 2005 ވަނަ އަހަރުގެ ނިޔަލަށް ވެލެންސިއާ އެކު ދިވެހި ލީގު ހަތަރު ފަހަރު، ކަޕްވިނާސް ކަޕް ދެ ފަހަރު އަދި އެފްއޭ ކަޕް އެއް ފަހަރު ހާސިލްކުރި އެވެ. ދަގަނޑޭ ވަނީ ވެލެންސިއާ އަށް ކުޅެދިން 109 މެޗުން 104 ގޯލު ޖަހައިފަ އެވެ.

މީގެ ތިން އަހަރު ކުރިން ދެވަނަ ޑިވިޝަނަށް ރެލިގޭޓްވި ވެލެންސިއާ އަލުން ކޮޅަށް ނަގައި މިދިޔަ ސީޒަނުގެ ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަމާ އެކު ފުރަތަމަ ޑިވިޝަނަށް ކޮލިފައިވި އިރު، ވެލެންސިއާ ވަނީ ކުރިއަށް އޮތް ސީޒަނާ ދިމާކޮށް ވަރުގަދަ ޓީމެއް އެކުލަވާލައިފަ އެވެ. މުހައްމަދު އާތިފް (އާތީ)ގެ ކޯޗުކަމުގައި މި ސީޒަނުގައި ކުޅޭ ވެލެންސިއާ އިން ވަނީ ފުރަތަމަ ޑިވިޝަނުގައި ކުޅެފައިވާ ފެންވަރު ރަނގަޅު ކުޅުންތެރިން އެ ޓީމަށް ގެނެސްފަ އެވެ.

އެގޮތުން ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) އާއި މިދިޔަ ސީޒަނުގައި ދެ ވަނަ ޑިވިޝަނުގައި ވެލެންސިއާ އަށް ކުޅުނު އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) އާއި ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ) އާއި ނަސޫހު ރަޝީދު (ޕިލާ) އާއި މިިދިޔަ ސީޒަނުގައި މާޒިޔާ އާއި ޓީސީން ފެނުނު މުހައްމަދު ސާމިރު ފަދަ ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް ވަނީ ވެލެންސިއަށް ސޮއިކޮށްފަ އެވެ.

comment ކޮމެންޓް