އިބްތިހާލް މަރާލި މައްސަލައިގެ ހުކުމް މާދަމާ

އިބްތިހާލް

ވ. ރަކީދޫގައި އުމުރުން ތިން އަހަރު މުހައްމަދު އިބްތިހާލް މަރާލި މައްސަލައިގައި އެ ކުއްޖާގެ މަންމަ ވ. ރަކީދޫ އާފިޔާ މުހައްމަދު މަނިކުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ހުކުުމް ކުރުން މާދަމާއަށް ތާވަލްކޮށްފިއެވެ.

ދެހާސް ފަނަރަވަނަ އަހަރުގެ ކުރީ ކޮޅު، ގަސްތުގައި އިބްތިހާލް ނޭވާހާސްކޮށް، ހަށިގަނޑަށް އަތުންނާއި ފައިން އަނިޔާދީ އެ ކުއްޖާ މަރާލި މައްސަލައިގައި އާފިޔާގެ މައްޗަށް ކުރަނީ ގަސްދުގައި ކުޑަކުއްޖަކު މަރެމުގެ ދައުވާއާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އެވެ.

އެ ދެ މައްސަލައިގައި އާފިޔާގެ މައްޗަށް ހުކުމް ކުރާ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފައި ވަނީ މާދަމާ މެންދުރު 14:00 އަށެވެ.

އިބްތިހާލް މަރާލި މައްސަލައިގައި ހުލާސާ ބަޔާން އިއްވައި އަޑުއެހުންތައް ނިންމާލީ މިދިޔަ ފެބުރުއަރީ މަހުގެ 26 ވަނަ ދުވަހު އެވެ. އެ ދުވަހު މައްސަލަ ބައްލަވާ ގާޒީ މުހައްމަދު ސަމީރު ނިންމެވީ މާޗު މަހުގެ 12 ވަނަ ދުވަހު އެ މައްސަލައިގެ ހުކުމް ކުރުން ތާވަލު ކުރާށެވެ. އެހެންނަމަވެސް، މާޗު މަހުގެ 12 ވަނަ ދުވަހު މައްސަލަ ތާވަލުކޮށްފައެއް ނުވެއެވެ.

އިބްތިހާލް މަރާލި މައްސަލައިގައި ތުހުމަތު ކުރެވިގެން ބަންދު މުއްދަތު ޖަހަން އާފިޔާ ވ. ތިނަދޫ މެޖިސްޓްރޭޓު ކޯޓަށް ގެންދިޔުމުން އެ ކޯޓުގައި އޭނާ ވަނީ އިބްތިހާލް މަރާލުމަށް އިއުތިރާފުވެފަ އެވެ. އަދި ފުލުހުންގެ ތަހުގީގުގައިއާއި ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައިވެސް އެކަމަށް އޭނާ އިއުތިރާފުވި އެވެ. އެކަމަކު، ފަހުން މުޅި ރާގު ބަދަލުކޮށް، ކްރިމިނަލް ކޯޓުގައި އާފިޔާ ބުނެފައި ވަނީ އިބްތިހާލްއަށް އަނިޔާ ނުކުރާ ކަމަށާއި އޭނާ މަރާނުލާ ކަމަށެވެ.

comment ކޮމެންޓް