ޑިޒްނީއިން 32،000 މުވައްޒަފުން ވަކި ކުރަނީ

ޑިޒްނީއިން ވަކި ކުރަނީ އެކުންފުނީގެ ތީމް ޕާކްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން --- ފޮޓޯ : ވެރައިޓީ

ޑިޒްނީގެ ތަފާތު ތީމް ޕާކުތަކުގައި މަސައްކަތް ކުރާ 32،000 މުވައްޒަފުން އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ވަޒީފާއިން ވަކި ކުރުމަށް ނިންމައިފި އެވެ.

ޑިޒްނީއިން ދާދި ފަހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް-19 އާއި މަސައްކަތުގެ މާހައުލަށް އަންނަ ބަދަލުތަކާ ގުޅިގެން އަންނަ އަހަރުގެ ތެރޭގައި މުވައްޒަފުން ވަޒީފާއިން ވަކި ކުރުމަށް ވަނީ ނިންމާފައި ކަމަށެވެ.

ސެޕްޓެމްބަރު މަހުގައި ޑިޒްނީއިން ވަނީ އެކުންފުނީގެ 27،000 މުވައްޒަފުން ވަކި ކުރާނެ ކަމަށް ބުނެފައެވެ. އަލަށް އިއުލާނުކުރި 32،000 މުވައްޒަފުންގެ ތެރޭގައި އެ 27،000 މުވައްޒަފުންގެ ބައެއް ފަރާތްތައްވެސް ހިމެނޭނެ ކަމަށް ޑިޒްނީއިން ބުނެއެވެ.

އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ މުވައްޒަފުންގެ ވަޒީފާ ގެއްލޭނެ ކަމަށާއި އެއަށްފަހު ކުންފުނީގެ ވަޒީފާތަކުގެ އޮނިގަނޑަށް އިތުރު ބަދަލުތަކެއް ގެންނާނެ ކަމަށް ޑިޒްނީއިން ވަނީ ބުނެފައެވެ.

މުނިފޫހިފިލުވުމުގެ ދާއިރާގެ އެންމެ ވަރުގަދަ އެއް ކުންފުނި ކަމަށްވާ ޑިޒްނީގެ އާމްދަނީއަށް މިއަހަރު ވަނީ ބޮޑު އަސަރެއް ކޮށްފައެވެ. އެގޮތުން މިއަހަރު މިހާތަނަށް އައި އިރުވެސް ޑިޒްނީއަށް ވަނީ 710 މިލިއަން ޑޮލަރުގެ ގެއްލުމެއް ލިބިފައިވާ ކަމަށް ބައެއް ރިޕޯޓްތަކުން ބުނެއެވެ.

ކޮވިޑް-19 އާ ގުޅިގެން އެމެރިކާގައި ދަނީ ގިނަ ވަޒީފާތަކެއް ބަންދުކޮށްފައެވެ. އަދި ބައެއް ރިޕޯޓުތަކުން ބުނާގޮތުގައި ކޮވިޑް-19 ގުޅިގެން އެތައް މިލިއަން މީހުންގެ ވަޒީފާ ގެއްލިފައިވާއިރު އަނެއް ބަޔަކު ވަނީ މުސާރަ ކުޑަކޮށްފައެވެ.

comment ކޮމެންޓް