ރާއްޖޭގެ މަޝްހޫރު ފިލްމު ޕްރޮޑަކްޝަން ހައުސް، ޑާކްރެއިން އެންޓަޓެއިންމަންޓުން ގެނެސްދޭ “ރޫމީ އާ ޖަންނަތު”ގެ ޝޫޓިން ބާރު ސްޕީޑު ގައި ކުރިއަށްދާއިރު މި ވެބް ސީރީޒް ބަލަން އާންމުން ތިބީ މިހާރު ކެތްމަދުވެފަ އެވެ.
ސީރީޒްގެ ޕޯސްޓަރުތަކެއް މިހާރު ވެެސް އާންމުވެފައިވާ އިރު އެ ޕޯސްޓަރުތަކުން ވެސް ސީރީޒް ވާނީ ތަފާތު ސީރީޒަކަށްކަން އެނގިގެންދެ އެވެ. ވަރުގަދަ ކާސްޓަކާއެކު ގެނެސްދޭ އެ ސީރީޒުން އާ މޫނުތަކެއް ވެސް ފެންނާނެ އެވެ.
ސީރީޒްގެ ޝޫޓިން ބާރު ސްޕީޑުގައި މިހާރު ކުރިއަށްދާއިރު "ރޫމީ އާ ޖަންނަތު" އާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ދެމުން މުހައްމަދު އަލީ (މޮގާ) ބުނީ މި ސީރީޒްއަކީ ސިޓްކޮމެއް ކަމަށާއި މީގެ ސްކްރީންޕްލޭ ތައްޔާރުކުރީ އައިޝަތު ފުއާދު ތައުފީގު އާއި އަހުމަދު ތަލާލް ކަމަށެވެ. އަދި މިއީ އަލީ ޝިފާއު (ޗިއްޕެ) އާއި މުހައްމަދު ފައިސަލް ޑައިރެކްޓްކޮށް ގެނެސްދޭ ސީރީޒްއެކެވެ.
ސީރީޒްގެ ޕޯސްޓަރުތަކުން އީކުއަޓިކް ވައިބްގެ ޝައްމު އާއި މޮޅި ފެހުންތެރިޔާ ރަޒީ ވެސް ވަނީ ފެނިގެން ގޮސްފަ އެވެ. އެންމެން ގުޅިގެން ސީރީޒްގެ ޝޫޓިން ކުރިއަށް ގެންދާއިރު ޝޫޓިންގައި ލައްކަ ސަކަރާތްޖަހާނެ ކަން ޔަގީނެވެ. އެ ސަކަރާތްގަނޑު ސީރީޒުން ވެސް ފެނިގެންދާނެ އެވެ.
މީޑިއާނެޓްގެ "މައިޓީވީ" އިން ދެއްކުމަށް ހަމަޖެހިފައިވާ ސީރީޒް އަދި ދައްކާނެ ދުވަހެއް ހާމަކޮށްފައެއް ނުވެ އެވެ.
ރޫމީ އާ ޖަންނަތުގެ ތަރިންނަކީ އަބްދުﷲ ޝާފިއު (ފުބޫ)، މަރިޔަމް މަޖުދާ (މަޖޫ)، ޝީލާ ނަޖީބް، ރޯނު ހަސަން މަނިކު، މުހައްމަަދު ފައިސަލް، އަހުމަދު ސައީދުގެ އިތުރުން އާދަމް ރިޒްވީ (ރެކްސް)ގެ އިތުރުން ތެރީސާ މޭ ވެސް މި ވެބްސީރީޒުން ފެނިގެންދާނެ އެވެ.
ހަމަ ގައިމުވެސް ރޫމީ އާ ޖަންނަތު ވެގެންދާނީ ބެލުންތެރިން އެންމެ އިންތިޒާރުކުރާ ވެބް ސީރީޒަށެވެ.