ފައިސާއަށް އެސައިންމަންޓް ހަދައިދޭން ކުރާ އިޝްތިހާރުތައް ހުއްޓުވަން މަޝްވަރާކޮށްފި

ފައިސާއަށް އެސައިންމަންޓް ހަދައިދޭން ކުރާ އިޝްތިހާރުތައް ހުއްޓުވަން ބޭއްވި މަޝްވަރާތަކުގެ ތެރެއިން-- ފޮޓޯ: ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

ރާއްޖޭގެ ކޮލެޖުތަކާއި ޔުނިވާސިޓީގެ އެކި އެސައިންމަންޓްތައް ފައިސާއަށް ހަދައިދޭން ކުރާ އިޝްތިހާރުތައް ހުއްޓުވަން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ފުލުހުންގެ އިދާރާއާއެކު މަޝްވަރާކޮށްފިއެވެ.

މިއަދު މެންދުރު ހަޔާ އެޑިއުކޭޝަން މިިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އަދި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ބައިވެރިވެލެއްވިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއަދު ބޭއްވި ބައްދަލުވުމުގެ ހަގީގީ މަގްސަދަކީ މިހާރު ހެދިފައިވާ ގާނޫނާ ގަވައިދުގެ ތެރެއިން ތަހުގީގީ އިދާރާއެއްގެ އެހީތެރިކަމާއެކު ވިޔަފާރި އުސޫލުން އެސައިންޓްމަންޓް ހަދާ މައްސަލައަށް ހައްލު ހޯދައިދިނުން ކަަމަށެވެ. އެގޮތުން ސޯޝަލް މީޑިއާއާއި އެހެނިހެން ޕްލެޓްފޯމްތަކުގައި އެސައިންމަންޓް ހަދައިދޭން ކުރާ އިޝްތިހާރުތައް ހުއްޓުވަން ވަނީ މަޝްވަރާކޮށްފައެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ވިޔަފާރި އުސޫލުން އެސައިންމަންޓް ހަދައިދިނުމުގެ ސަބަބުން ދަރިވަރުން އެކިއެކި މާއްދާތަކުން ދަސްވެފައިވާ މިންވަރު ދެނެގަތުމުން މަތީ ތައުލީމު ފޯރުކޮށްދޭ ތަންތަނުންކުރާ މަސައްކަތަސް ގޮންޖެހުން ކުރިމަތިވެފަިއވާ ކަަމަށެވެެ.

މިއަދުގެ ބައްދަލުވުމުގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ މިހާރު އަމަލުކުރަމުންދާ ގާނޫނުގެ ތެރެއިންވެސް އެ މައްސަލަ ބެލުމުގެ ހުރަހެއް ނެތް ކަަމަށެވެެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިހާރު މަޖިލީހަށް ހުށަހަޅާފައިވާ މަތީ ތައުލީމުގެ ބިލް ފާސްވުމުން އެ މައްސަލައަށް ފުރިހަމަ ހައްލެއް ހޯދުމަށް ކުރާ މަސައްކަތަސް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަަމަށެވެ.

comment ކޮމެންޓް