ލޭޓެކްސް އަންގި އުފައްދާ އެންމެ ބޮޑު ކުންފުނީގެ ގިނަ ފެކްޓަރީތައް ބަންދުކޮށްފި

ޓޮޕް ގްލަވްގެ 28 ފެކްޓަރީ ބަންދު ކުރަން މެލޭޝިއާގެ ސަރުކާރުން ވަނީ އަންގާފަ -- ފޮޓޯ: އޭއެފްޕީ

ކުއަލަލަމްޕޫރު (ނޮވެމްބަރު 24): ލޭޓެކްސް އަންގި އުފައްދާ ދުނިޔޭގެ އެންމެ ބޮޑު ކުންފުނި ކަމަށްވާ މެލޭޝިއާގެ ޓޮޕް ގްލަވްގެ ގިނަ އަދަދެއްގެ މުވައްޒަފުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވުމާ ގުޅިގެން އެ ކުންފުނީގެ ގިނަ ފެކްޓަރީތައް ވަގުތީ ގޮތުން ބަންދުކޮށްފި އެވެ.

ޓޮޕް ގްލަވްއާ ގުޅުން ހުރި ކޮރޯނާވައިރަހުގެ ކޭސްތައް ކޮންޓްރޯލް ކުރުމަށްޓަކައި މެލޭޝިއާގެ ސަރުކާރުން ވަނީ އެ ކުންފުނީގެ 41 ފެކްޓަރީގެ ތެރެއިން 28 ފެކްޓަރީއެއް އެކި ފިޔަވަހިތަކަށް ބަހާލައިގެން ބަންދު ކުރަން އަންގާފަ އެވެ. އަދި އޭގެ ތެރެއިން 16 ފެކްޓަރީއެއްގެ މަސައްކަތްތައް މިހާރު ވަނީ މެދުކަނޑާލާފަ އެވެ.

މެލޭޝިއާގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި ޓޮޕް ގްލަވްގެ ފެކްޓަރީތަކާއި ހޮސްޓެލްތައް ހުރި ސަރަހައްދުތަކުގައި ކޮރޯނާވައިރަހުގެ ކޭސްތައް ވަނީ ގިނަވެފަ އެވެ. އެގޮތުން އިއްޔެ އެގައުމުން 1،884 މީހަކު ވައިރަހަށް ޕޮޒިޓިވްވި އިރު އޭގެ ތެރެއިން 1،067 މީހުންނަކީ ޓޮޕް ގްލަވްއާ ގުޅުން ހުރި މީހުންނެވެ.

މީގެ އިތުރުން ޓޮޕް ގްލަވް ކްލަސްޓާއާ ގުޅުން ހުރި 5،767 މީހަކު މިހާތަނަށް ޓެސްޓުކޮށްފައިވާ އިރު އޭގެ ތެރެއިން 2،524 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި 1،330 މީހަކު ނެގެޓިވްވެ، 1،913 ސާމްޕަލްގެ ނަތީޖާ އަދި ނުލިބޭ ކަމަށް މެލޭޝިއާގެ ހެލްތު މިނިސްޓްރީން ބުންޏެވެ.

މެލޭޝިއާގެ ޑިރެކްޓާ ޖެނެރަލް އޮފް ހެލްތު ނޫރު ހިޝާމް އަބްދުﷲ ވިދާޅުވި ގޮތުގައި އެ ފެކްޓަރީތަކުން ބަލި ޖެހުނު އެންމެން ވަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްފަ އެވެ. އަދި އެ މީހުންނާ ގާތްކޮށް އުޅުނު މީހުން ވަނީ ކަރަންޓީނުކޮށްފަ އެވެ.

މީގެެ އިތުރުން އެ ކްލަސްޓާއާ ގުޅިގެން ޓޮޕް ގްލަވްގެ ބައެއް ހޮސްޓެލްތަކާއި ވަށައިގެންވާ ސަރަހައްދު ވަނީ ފުރަބަންދުކޮށްފަ އެވެ. އަދި މެލޭޝިއާގެ ހެލްތު މިނިސްޓްރީން އުއްމީދު ކުރަނީ އެ ކްލަސްޓާއާ ގުޅުން ހުރި 13،000 މީހުން ޓެސްޓު ކުރާނެ ކަމަށެވެ.

ކޮރޯނާވައިރަސް ބަލިމަޑުކަމުގެ ތެރޭގައި ޓޮޕް ގްލަވްގެ އުފެއްދުންތަކުގެ ޑިމާންޑު ބޮޑުވެ، މި އަހަރު އެ ކުންފުނީގެ ހިއްސާގެ އަގު ވަނީ ހަތަރު ގުނައަށް އިތުރުވެފަ އެވެ. ނަމަވެސް ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތް ކުރާ އެގައުމުގެ ފެކްޓަރީތަކުގައި މުވައްޒަފުންނާ މެދު އަމަލު ކުރާ ގޮތަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ.

ޓޮޕް ގްލަވްގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންތަކެއް އެމެރިކާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި އެ މީހުން ވަނީ ގިނަ މުވައްޒަފުން ތޮއްޖެހިފައިވާ ހޮސްޓެލްތަކުގައި ދިރިއުޅެން ޖެހޭ ކަމަށާއި ކުޑަ މުސާރައަކަށް ހަފްތާއަކު 72 ގަޑި އިރު މަސައްކަތް ކުރަން ޖެހޭ ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް