ތުރާކުނު ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމަށް ބަޔަކާ ހަވާލުކޮށްފި

ހއ. ތުރާކުނު ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމަށް ބޭނުންވާ ތަކެތި ޑެލިވަރކޮށް އިންސްޓޯލްކުރުމަށް މައިނާ ސްޕޯޓްސް ފީލްޑް ޕްރައިވެޓް ލިމިޓެޑާއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ//ޔޫތް މިނިސްޓްރީ

ހއ. ތުރާކުނު ފުޓްބޯޅަ ދަނޑުގައި ޓާރފް އެޅުމަށް ބޭނުންވާ ތަކެތި ޑެލިވަރކޮށް އިންސްޓޯލްކުރުމަށް މައިނާ ސްޕޯޓްސް ފީލްޑް ޕްރައިވެޓް ލިމިޓެޑާއެކު ސޮއިކޮށްފި އެވެ.

ކުޅިވަރާ ބެހޭ ވުޒާރާގައި އިއްޔެ ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީއެވެ. އަދި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު މުހައްމަދު ޝައުޔާ އެވެ.

މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ 1،393،900.00 ރުފިޔާ އަށެވެ. އަދި މި މަސައްކަތް ހަވާލުކުރެވިފައި ވަނީ ފަށާތާ 18 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެންވަރު ރަނގަޅު 100 ބޮޑު ފުޓްބޯޅަ ދަނޑު އެޅުމުގެ ބޮޑު ވައުދު ފުރިހަމަ ކުރަން ބާކީ ތިން އަހަރެއްހާ ދުވަސް އޮތް އިރު، ކޮވިޑްގެ ސަބަބުން ދައުލަތައް ލިބުނު މާލީ ދަތިކަމާ އެކު ކުރިން ކުރަމުން ދިޔަ މަސައްކަތްތަކަށާއި ބަޖެޓުގައި ހިމަނާފައި ހުރި ބައެއް ކަންކަމަށް ވެސް ބޮޑު މަޑުޖެހުމެއް ވަނީ އައިސްފަ އެވެ. އެހެން ނަމަވެސް ބާކީ އޮތް ތިން އަހަރުގެ ތެރޭގައި ދެވަނަ ޕްލޭނަކަށް ގޮސްގެން ވިޔަސް މި ވައުދު ފުއްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގެ އިތުރު ނުވަ ރަށެއްގެ ދަނޑުގައި ޓާފް އެޅުމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް އިއްޔެ ކުޅިވަރާ ބެހޭ ވުޒާރާގައި ވާހަކަ ދައްކަވަމުން މަހްލޫފް ވިދާޅުވީ، މިހާތަނަށް އެއްކޮށް ނިންމާލެވިފައި ވަނީ ފަސް ރަށެއްގެ ފުޓުބޯޅަ ދަނޑުގެ މަސައްކަތް ކަމަށެވެ. ތ. ވިލުފުށީ ޓާފް ދަނޑާއި، ރ. އަލިފުށި ޓާފް ދަނޑާއި، ފ. ނިލަންދޫ ޓާފް ދަނޑާއި ނ. ކެނދިކުޅުދޫ އަދި ނ. ހޮޅުދޫގެ ދަނޑުގެ މަސައްކަތް މުޅިން ނިންމާލާފައިވާ އިރު، ކުރިއަށް އޮތް ތިން އަހަރަކީ ގިނަ ރަށްތަކެއްގައި ދަނޑުތަކުގެ މަސައްކަތް ފެށި ބާރު ސްޕީޑުގައި ކުރިއަށް ގެންދާނެ ތިން އަހަރުކަން މަހްލޫފް ވަނީ ފާހަގަ ކުރައްވައިފަ އެވެ.

މަހްލޫފް ވިދާޅުވީ، ކޮވިޑްގެ ސަބަބުން ދައުލަތަށް ދިމާވި މާލީ ދަތިކަމާ އެކު ފިނޭންސް މިނިސްޓްރީން މި އަހަރުގެ ބަޖެޓުގައި ހިމެނުނު ބައެއް ދަނޑުތަކުގެ މަސައްކަތް މަޑު ޖައްސާލުމަށް ލަފާ ދީފައިވާ ކަމަށެވެ. އެހެން ނަމަވެސް މިހާތަނަށް އައިރު ގާތްގަނޑަކަށް 40 ރަށެއްގެ ދަނޑުތަކުގެ މަސައްކަތް އެކި ފަރާތްތަކާ ހަވާލުކުރެވިފައިވާ ކަމަށެވެ.

އަދި މި އަހަރު ނިމުމުގެ ކުރިން ޖުމްލަ 15 ރަށެއްގެ ޓާފް ދަނޑުތަކުގެ މަސައްކަތް ނިންމުމަށް އަމާޒުހިފާފައިވާ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދުފުޅުގެ ތެރޭގައި ހިމެނޭ ފެންވަރު ރަނގަޅު 100 ޓާފް ދަނޑު އެޅުމުގެ މަސައްކަތް ކުރިއަށް އޮތް ތިން އަހަރު ތެރޭ އެއްކޮށް ނިންމާލެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް މަހްލޫފް ވިދާޅުވި އެވެ.

comment ކޮމެންޓް