ރައްޔިތުންނަށް ނަފާކުރަނިވި ހޯރަފުށި އެއާޕޯޓް: އިހަވަންދިއްޕޮޅަށް އައު މާދަމައެއްގެ ފޮނި އުންމީދު!

ހޯރަފުށީ އެއާޕޯޓު-- ފޮޓޯ/އެމްޓީސީސީ

ތިންހާހެއްހާ ރައްޔިތުން ދިރިއުޅޭ ހޯރަފުއްޓަކީ ހއ. އަތޮޅުގެ އެންމެ ތަރައްގީވަމުން އަންނަ އެއް ރަށެވެ. މިރަށުގެ ތަރައްގީއަށް އެކި މަޝްރޫއުތައް އެކި ސަރުކާރުތަކުގެ ދަށުން ހިންގާފައިވާއިރު، ރަށުގައި އެއާޕޯޓު އެޅުމަށް ހިންގި މަޝްރޫއަކީ މިހާތަނަށް ހޯރަފުށީގައި ހިންގި އުމްރާނީ ތަރައްގީގެ އެންމެ ބޮޑު އެއް މަޝްރޫއުއެވެ. މިއީ ޒަމާންތަކެއް ވަންދެން ހޯރަފުށްޓާއި، މުޅި އިހަވަންދިއްޕޮޅުގެ ރައްޔިތުންވެސް އެ މަޝްރޫއުއަކަށް އެދި އެދި ތިބި މަޝްރޫއުއެކެވެ.

މުޅި މަޝްރޫއުއަށް 211.8 މިލިއަން ރުފިޔާ ހޭދަކޮށް، ހޯރަފުށި އެއާޕޯޓު ތަރައްގީކޮށް ނިންމައި ރައްޔިތުން ދެކެމުން އައި ހުވަފެނުގައި އެމްޓީސީސީއިން މިވަނީ ކުލަޖައްސައިދީފަ އެވެ. ހޯރަފުށި އެއާޕޯޓުގައި މިދިޔަ ހޯމަ ދުވަހު ޓެސްޓް ފްލައިޓް ޖައްސާފައިވާއިރު، މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވަނީ މި އެއާޕޯޓު ރަސްމީކޮށް ހުޅުއްވައިދެއްވާފަ އެވެ. އެއާޕޯޓު ހުޅުވުމަށް މުޅި ރަށް އީދަކަށް ތައްޔާރުވާ ފަދައިން ތައްޔާރުވެ، ގިނަ ހަރަކާތްތަކެއް ވަނީ ކުރިޔަށް ގެންގޮސްފަ އެވެ.

ހޯރަފުށީ އެއާޕޯޓު ހުޅުވަން ތައްޔާރުވަމުންދިޔައިރު އެރަށުގައި ބޭއްވި ހަރަކާތްތަކުގެ ތެރެއިން-- ފޮޓޯ/އެމްޓީސީސީ

އުތުރުގެ ރައްޔިތުން ތަހަންމަލު ކުރަމުންދިޔަ އެންމެ ބޮޑު ދަތިކަމަކީ ވައިގެ ދަތުރުފަތުރުގެ ރަނގަޅު ނިޒާމެއް ނެތުމެވެ. ހއ. ހދ. އަތޮޅުގެ ހުރިހާ ރަށަކުންވެސް ވައިގެ ދަތުރުގެ ހިދުމަތް ހޯދަނީ ހދ. ހަނިމަދޫ އެއާޕޯޓު އަދި ކުޅުދުއްފުށި އެއާޕޯޓުންނެވެ. ނަމަވެސް ހއ. އަތޮޅުގެ އެންމެ އުތުރުގެ ރަށްރަށުން މިއިން ކޮންމެ ރަށެއްގެ އެއާޕޯޓަކަށް ދަތުރު ކުރިޔަސް، ބޮޑު ހަރަދަކާއި ވަގުތުތަކެއް ހޭދަވެ އެވެ. ހޯރަފުށީ ރައްޔިތުން ވައިގެ ދަތުރުފަތުރުގެ ހިދުމަތް ހޯދުމަށް ހަނިމާދުއަށް ދިއުމަށްޓަކައި ލޯންޗުގައި ކުރާ 45 މިނެޓުގެ ދަތުރަކީ 2500 ރުފިޔާގެ ދަތުރެކެވެ.

ރާއްޖޭގެ އަތޮޅުތެރޭ ރައްޔިތުންނަށް މަހެއްގެ މައްޗަށް އާންމުކޮށް ލިބޭ އާމްދަނީއަކީ އެވަރޭޖްކޮށް 3000-5000 ރުފިޔާއާއި ދެމެދު ކަމަށްވާއިރު، ޒަރޫރީ ބޭނުމެއްގައި ދަތުރުފަތުރު ކުރުމަށް ވައިގެ ޓިކެޓު ނަގައި، އަނެއްކޮޅުން ކަނޑުމަގުން ލޯންޗް ދަތުރުކުރަން މިހާ ބޮޑު ހަރަދެއް ކުރަން ޖެހުމަކީ ރައްޔިތުންނަށް ލިބޭ ދެރައެކެވެ. ހޯރަފުށީ ސަރަޙައްދުގައި މީހުން ދިރިއުޅޭ ގިނަ ރަށްތައް ހުރިއިރު މި ހުރިހާ ރަށްރަށުގެ ރައްޔިތުންވެސް ދިޔައީ މި އުނދަގޫ ތަހައްމަލު ކުރަމުންނެވެ.

ހޯރަފުށި އަދި މިއަތޮޅުގެ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކަށް ވެފައި އޮތީ ތައުލީމާއި ސިއްހީ ކަންކަމާއި ވަޒީފާއާއި ވިޔަފާރި އަދި އެހެނިހެން ޒަރޫރީ ބޭނުންތަކަށް ވައިގެ މަގުން ދަތުރުކުރުމުގައި ދިމާވެފައި އޮތް ދަތިތަކެވެ. އެހެންކަމުން ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭނެ، ފެންވަރު ރަނގަޅު އެއާޕޯޓެއް ހޯރަފުށީގައި އެޅުމަށް މި ސަރުކާރާއި އެމްޓީސީސީއިން އަހަމިއްޔަތުކަން ދިނެވެ.

ކޮވިޑް19ގެ ސަބަބުން މުޅި ދުނިޔެއަށް އައި ހުއްޓުމާއެކުވެސް އެމްޓީސީސީއިން މުޅި ރާއްޖޭގައި ކުރިއަށްގެންދާ 70 އެއްހާ މަޝްރޫއު ހުއްޓުމަކަށް ނުގެނެ އެވެ. ކުންފުނީގެ 39 އަހަރުގެ ދިގު ތާރީހުގައި އަހަރެއްގެ ތިންވަނަ ކުއާޓަރާއި ހަމައަށް ހޯދި އެންމެ ރަނގަޅު މާލީ ނަތީޖާ ނެރުނީވެސް މިއަހަރުގަ އެވެ. މިއީ ކޮވިޑް19ގެ ހައްސާސީ ދަނޑިވަޅުގައިވެސް މަސައްކަތްތައް ހުއްޓުނަނުދީ ކުންފުނިން ގެންގުޅޭ ވައްޓަވާޅި ރަނގަޅުކަން ހާމަކޮށްދޭ އެއް ކަމެވެ.

މިއަހަރުގެ ތިންވަނަ ކުއާޓާރުގައި ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 60.21 މިލިއަން ރުފިޔާ އެމްޓީސީސީއަށް ވަނީ ލިބިފައެވެ. މިއީ 2019 ވަނަ އަހަރުގެ ތިންވަނަ ކުއާޓާރުގެ ނަތީޖާއާ އަޅާބަލާއިރު 62.76 ޕަސެންޓު އިތުރު އަދަދެކެވެ. އަދި މިއަހަރުގެ ތިންވަނަ ކުއާޓަރާ ހަމައަށް ވިޔަފާރިކޮށްގެން ޖުމުލަ 951.79 މިލިއަން ރުފިޔާ (2019 ވަނަ އަހަރު މި މުއްދަތުގައި 759.82 މިލިއަން ރުފިޔާ) ވަނީ ލިބިފައިވާއިރު، ޓެކުހަށް ކެނޑުމުގެ ކުރިން 140.26 މިލިއަން ރުފިޔާ (2019 ވަނަ އަހަރުގެ މި މުއްދަތުގައި 21.77 މިލިއަން ރުފިޔާ) ވަނީ ލިބިފަ އެވެ. މި ނަތީޖާއަކީ ކުންފުނީގެ 39 އަހަރުގެ ދިގު ތާރީޚްގައި މާލީ އަހަރެއްގެ ތިންވަނަ ކުއާޓަރާ ހަމައަށް އެންމެ ރަނގަޅު ނަތީޖާ ހާސިލްކުރެވުނު މާލީ އަހަރެވެ. މިއީ ދިމާވި ދަތި ހާލުގައިވެސް ކުންފުނީގެ ވިޔަފާރި ކުރިއަރުވުމަށް ހިކްމަތްތެރިކަމާއިއެކު އެޅުނު ފިޔަވަޅުތަކުން ހާސިލްކުރެވިފައިވާ ފޮނި ނަތީޖާ އެވެ.

ކޮވިޑް19ގެ ހާލަތާއެކުވެސް އެމްޓީސީސީއިން ހޯރަފުށީ އެއާޕޯޓުގެ މަސައްކަތްވެސް ބާރުމިނުގައި ކުރިއަށް ގެންގޮސް، މިއަދު މި ވަނީ ނިންމާލާފަ އެވެ. އެމްޓީސީސީއިން މި މިމޭރުމުން ހޯރަފުށި އެއާޕޯޓު މަޝްރޫއު ބައްޓަންކުރީ މިއީ ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ މަޝްރޫއުއެއް ކަމުންނެވެ. މި މަޝްރޫއު ހިންގުމުގައި އެމްޓީސީސީއިން މަސައްކަތް ކުރީ ރައްޔިތުންނާއި ވަރަށް ގާތުން، ރައްޔިތުންގެ ހިޔާލާ މަޝްވަރާގެ މަތިންނެވެ. އެހެންކަމުން މިއީ ރައްޔިތުންގެ އެއާޕޯޓެއްގެ ގޮތުގައި އިހުސާސްކުރެވިފައިވާކަން ރަށުގެ ރައްޔިތުންގެ ފަރާތުން ފެނިގެންދެ އެވެ.

މިކަން އެންމެ ބޮޑަށް ފެނިގެންދިޔައީ އެއާޕޯޓު ތަރައްގީކުރަމުން ދިޔައިރު މަސައްކަތް ކުރިއަށްދާގޮތް ބެލުމަށް އެމްޓީސީސީގެ ޓީމްތައް ރަށަށް ދިއުމުން ރައްޔިތުން އަދާކުރި މެހްމާންދާރީއާއި ހޫނު މަރްހަބާއިންނެވެ. ކޮންމެ ފަހަރަކުވެސް ރަށުގެ ރައްޔިތުންގެ ފަރާޔުން ފެނުނީ އެމްޓީސީސީއަށް އޮތް ލޯތްބާއި ގަދަރެވެ. ސައިފޮދާއި ކެއުން އަރުވައި، އެމްޓީސީސީގެ ޓީމަށް ރައްޔިތުން ހުއްޓުމެއް ނެތި ޝުކުރު އަދާކުރި މަންޒަރު ފެނިގެންދިޔަ އެވެ.

ފޮޓޯ/އެމްޓީސީސީ

މި މަޝްރޫއުއާ ބެހޭގޮތުން ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ކުރިން 18 މަސްދުވަހުން ފަޅު ހިއްކައިގެން އެއާޕޯޓު އެޅި ނަމަވެސް ހޯރަފުށި އެއާޕޯޓު އެޅުމަށް އެމްޓީސީސީއިން ފަޅު ހިއްކުމަށްފަހު މަސައްކަތް ފެށީ އެންމެ އަށް މަސް ދުވަހުގެ ތެރޭގައި ކަމަށެވެ. އަދި ހޯރަފުށީ އެއާޕޯޓުގެ ޕްރޮޖެކްޓާއެކު އެމްޓީސީސީގެ މަސައްކަތްތައް އެހެން ހަރުފަތަކަށް ގެންދެވިދާނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ. އޭނާ ވިދަޅުވީ ހޯރަފުށީ އެއާޕޯޓު މަޝްރޫއުއަކީ އެއްބައިވަންތަކަން ދައްކުވައިދިން ލާމަސީލު މަޝްރޫއުއެއް ކަމަށެވެ. އަދި އެމްޓީސީސީއިން ހުރިހާ މަޝްރޫއުއެއް ހިންގުމުގައިވެސް ޒަމާނީ އަދި ފެންވަރު މަތި ހިދުމަތްތަކެއް ރައްޔިތުން ފޯރުކޮށްދިނުމަށް އިސްކަންދޭ ކަމަށް ވިދާޅުވި އެވެ.

"ކޮވިޑް19ގެ ސަބަބުން ކުންފުނީގެ އެކި ވިޔަފާރިތަކަށް އަސަރުކުރި ކަމުގައި ވިޔަސް ކުންފުނިން އަޒުމު ކަނޑައެޅީ އެ އަސަރުތައް ކުޑަކުރުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅައި، އިސްތިރާޖީ ޕްލޭނެއް އެކުލަވާލައި އެއްވެސް މަޝްރޫއުއެއްގެ މަސައްކަތް ހުއްޓުމަކަށް ނުގެނައުމަށް ކުންފުނީގެ މަސައްކަތް ބައްޓަން ކުރަން. ހޯރަފުށި މަޝްރޫއުވެސް މިގޮތުން ކުރިޔަށް ގެންދިޔައީ. މިއީ އެއްބައިވަންތަކަން ދައްކުވައިދިން ދައްކުވައިދިން ލާމަސީލު މަޝްރޫއުއެއް ވެސްމެ. މި މަޝްރޫއު ފުރިހަމަ ކުރުމަށް އެމްޓީސީސީއަށް ރަށުގެ ރައްޔިތުންނާއި، ހޯރަފުށީ ދާއިރާ މެންބަރު އަހުމަދު ސަލީމާއި، ފެނަކަ ކޯޕަރޭޝަން އަދި އެހެން އިދާރާތަކުގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބުނު. މަޝްރޫޢު ހުރިހާ ބައިތަކެއްވެސް ކުރިޔަށް ގެންދިޔައީ ރައްޔިތުންގެ ލަފަޔާއި މަޝްވަރާގެ މަތިން. މިޝްރޫއު މިހާ ފުރިހަމަކޮށް ނިންމުނީ އެމްޓީސީސީގެ ހީވާގި މުވައްޒަފުންނާއި، ހޯރަފުށި ރައްޔިތުން އަދި ރަށުގެ އެހެން އިދާރާތައް އެކުގައި ގުޅިގެން ކުރި މަސައްކަތުން،" އާޒިމް ވިދާޅުވި އެވެ.

މި މަޝްރޫއުއަކީ އެމްޓީސީސީއިން މިފަހުގެ ޒަމާނެއްގައި ކުރިއަށްގެންދިޔަ އެންމެ ބޮޑު އެއް އުމްރާނީ ތަރައްގީގެ މަޝްރޫއު ކަމަށް ބުނެވިދާނެ އެވެ. މިކަމުގައި އެމްޓީސީސީގެ 143 މުވައްޒަފުން އަމަލީ ގޮތުން ބައިވެރިވިއިރު، ހޯރަފުށި ރައްޔިތުންގެ އެއްބާރުލުންވެސް ވަރަށް ބޮޑަށް ލިބުނެވެ. އަމަލީގޮތުން ރަށުގެ 60 މީހުން އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގައި ހަރަކާތްތެރިވެފައިވެ އެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ 23 މުވައްޒަފުންވެސް މި މަޝްރޫގައި އެމްޓީސީސީއަށް އެއްބާރުލުން ދީފައިވެ އެވެ. މީގެ އިތުރުންވެސް އެއާޕޯޓު މަޝްރޫއުގެ އެކިއެކި ކަންކަމުގައި ރައްޔިތުން ވަނީ އެކި ގޮތް ގޮތުން ބައިވެރިވެފަ އެވެ.

އެމްޓީސީސީގެ ސީޢީއޯ އާދަމް އާޒިމް، ހޯރަފުށީ އެއާޕޯޓުގެ މަސައްކަތުގައި ބައިވެރިވި އެކުންފުނީގެ މުވައްޒަފުންނާ ބައްދަލުކުރެއްވުން-- ފޮޓޯ/އެމްޓީސީސީ

އެމްޓީސީސީއިން މިމަޝްރޫއު ކުރިޔަށް ގެންދިއުމުގެ ތިމާވެއްޓަށް އެންމެ ރައްކާތެރި ގޮތެއްގައި މަޝްރޫގެ ކަންކަން ބައްޓަންކުރަން އިސްކަންދިނެވެ. ހާއްސަކޮށް ރަށުގެ އެކި އިދާރާތަކުން އެއާޕޯޓު ފެހިކުރުމަށް ކުރިއަށްގެންދިޔަ އެކި ހަރަކާތްތަކުގައި އެމްޓީސީސީއިން ބައިވެރިވެފައިވެ އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅާފައިވާ އެއާޕޯޓުތައް ތަރައްގީ ކުރުމުގައި އެމްޓީސީސީގެ ހިއްސާ ބޮޑެވެ. މިގޮތުން ހދ. ކުޅުދުއްފުށި، ށ. ފުނަދޫ އަދި ގދ. މާވަރުލު އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުތަކުގައި އެމްޓީސީސީއިން ވަނީ ރަންވޭ، ޓެކްސީވޭ އަދި އޭޕްރަން އެޅުމުގެ މަސައްކަތް ކޮށްފަ އެވެ. އަދި 2016 ވަނަ އަހަރު ރާއްޖޭގެ މައި ދޮރޯށި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް މަރާމާތުކުރުމުގެ މަސައްކަތްވެސް އެމްޓީސީސީއިން ވަނީ ކޮށްފަ އެވެ.

މިއަދު ރާއްޖޭގެ އެންމެ އުތުރުގެ ވައިގެ ދަތުރުފަތުރުގެ ވިއުގާ އެމްޓީސީސީއިން މި ވަނީ ބިނާކޮށްދީފަ އެވެ. މި މަޝްރޫއުގެ ދަށުން ރަންވޭ، ޓެކްސީވޭ އަދި އޭޕްރަން ތަރައްގީކުރުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން އެމްޓީސީސީއާއި ހަވާލުކުރީ 25 މާޗް 2019ގަ އެވެ.

ފޮޓޯ/އެމްޓީސީސީ

އެމްޓީސީސީއިން މި މަޝްރޫއުގެ ދަށުން އެންމެ ފުރަތަމަ ކުރީ ބިންހިއްކުމާއި ރިވެޓްމަންޓު ޖެހުމުގެ މަސައްކަތެވެ. މި މަސައްކަތުގެ ދަށުން ހޯރަފުށީގައި އެމްޓީސީސީއިން ވަނީ 842,200 ކިއުބިކް މީޓަރުގެ ބިން ހިއްކާފަ އެވެ. މީގެ އިތުރުން ހޯރަފުށި އެއާޕޯޓު ތަރައްގީކުރުމަށް 1200 މީޓަރުގެ ރަންވޭއެއް އަޅައި، 8635 މީޓަރުގެ އޭޕްރަން އަދި ޓެކްސީވޭއެއް އަޅާ، ޓާމިނަލާ ގުޅޭ މަގު ހެދުމުގެ އިތުރުން 9473 މީޓަރުގެ ޕާކިން ސަރަހައްދެއް ވެސް ވަނީ ތަރައްގީކޮށްފަ އެވެ.

އެއާޕޯޓް ޓާމިނަލް އާއި ފަޔަރ ބިލްޑިން ތަރައްގީ ކުރުމުގެ މަޝްރޫއު މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން އެމްޓީސީސީއާ ހަވާލުކުރީ 27 އޯގަސްޓް 2020ގަ އެވެ. މި މަޝްރޫއުގެ ދަށުން 1718 މީޓަރުގެ ފަޔާ އެކްސެސް ރޯޑް ތަރައްގީކޮށް، ފަޔާ ބިލްޑިންއާއި ޕެސަންޖާ ޓާމިނަލް އެޅުމުގެ އިތުރުން 720 މީޓަރުގެ އެއާޕޯޓު ސެކިއުރިޓީ އަދި ބީޗް ފެންސް އޭރިއާ އެމްޓީސީސީއިން ތަރައްގީކުރި އެވެ.

ފޮޓޯ/އެމްޓީސީސީ

ހޯރަފުށީ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުއަކީ ރައްޔިތުންގެ އުންމީދުތަކާއި ގުޅިފައިވާ، ރައްޔިތުންގެ ލަފަޔާއި މަޝްވަރާގެ ދަށުން ކުރިޔަށް ގެންދިޔަ މަޝްރޫއެކެވެ. މި މަޝްރޫއުގެ ސަބަބުން އަތޮޅުގެ ރައްޔިތުންނަށް ލިބޭ މަންފާ އެތައް ޖީލަކަށް ދެމިގެންދާނެ އެވެ. ހޯރަފުށީ އެއާޕޯޓު އެޅުމުގެ ކުރިން ކުރިމަތިވި ދަތިތައް މިއަދު ހައްލުވެފައިވާ ކަމަށް ރަށުގެ ރައްޔިތުން ފާހަގަކުރެއެވެ. ހޯރަފުށި ރަށު ކައުންސިލް ރައީސް މުހައްމަދު ވަހީދު ވިދާޅުވީ މި ތާރީޙީ މަޝްރޫއު އެމްޓީސީސީއިން ކުރިޔަށްގެންދިޔައީ ވަރަށްވެސް ފުރިހަމަކޮށް ކަމަށެވެ.

"އެމްޓީސީސީއިން މި މަސައްކަތް ކުރީ ވަރަށް ތަފާތުކޮށް، ވިސްނުންތެރިކަމާއެކު. އެހެންވެ ރަށުގެ ހުރިހާ އިދާރާއަކާއި އާންމުންގެ ފުރިހަމަ އެއްބާރުލުން މި މަޝްރޫއަށް ލިބުނު. މި މަޝްރޫއު ރަށުގެ ރައްޔިތުންނާއި މިހާ ގާތުން ކުރިޔަށް ގެންދިޔައީތީ އަޅުގަނޑުމެން ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ބޭނުން އެމްޓީސީސީއަށް. އަދި ހާއްސަކޮށް ރަށު ކައުންސިލާއި އެހެން އިދާރާތަކުން ކުރިއަށްގެންދާ ރަށް ފެހި ކުރުމުގެ މަޝްރޫއަށް އެމްޓީސީސީއިން ދިން އެއްބާރުލުން ފާހަގަކުރަން." ވަހީދު ވިދާޅުވި އެވެ.

މި މަޝްރޫއުއާ ބެހޭގޮތުން ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ މިއީ ގިނަ ޒަމާންތަކަކަށްފަހު ހޯރަފުށި، އަދި މުޅި އަތޮޅަށްވެސް އުންމީދުތަކެއް އައު ކުރުވި މުހިންމު މަޝްރޫއެއް ކަމަށެވެ.

"މި މަޝްރޫއާއުއާއެކު ގިނަ ޒަމާންތަކެއް ވަންދެން އަޅާނުލެވި އޮތް ސަރަހައްދެއްގައި އެއާޕޯޓެއް އެޅިގެން ދިއުމަކީ ރައްޔިތުން ކުރަމުންދިޔަ ދިގު އިންތިޒާރަކަށް އައި ނިމުމެއް. މިއީ ހޯރަފުށީގެ އިތުރުން މި ސަރަހައްދަށް އިޖްތިމާއީ، އިގްތިސާދީ އަދި އިންސާނީ ތަރައްގީ ގެނުވާނެ ދޮރާއްޓެއް ހުޅުވިގެން ދިއުން. މިކަމުގެ ފައިދާ މުޅި ހއ. އަތޮޅަށް ކުރާނެ." ސަލީމް ވިދާޅުވި އެވެ.

ހޯރަފުއްޓާއި ހއ. އަތޮޅުގެ ރައްޔިތުންވެސް ދެކެނީ ހޯރަފުށީގައި އެއާޕޯޓު އެޅިގެންދިއުމަކީ ރައްޔިތުންގެ ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކޮށް، އުޖާލާކުރުވާނެ ކަމެއްގެ ގޮތުގަ އެވެ.

"މިއީ ރަށާއި އަތޮޅަށް ލިބުނު ބޮޑު ހިތްހަމަޖެހުމެއް. ވިޔަފާރި ކުރާ މީހުންނަށްވެސް ލިބޭ ފަސޭހައެއް. ބޭސް ފަރުވާއަށް ދަތުރުކުރާ މީހުންނަށްވެސް ލިބޭ ލުޔެއް." ހޯރަފުށިން ވާހަކަދެއްކި އާންމުންގެ މީހަކު ފާހަގަކުރި އެވެ.

އެމްޓީސީސީއިން ހޯރަފުށި އެއާޕޯޓް ތަރައްގީ ކުރުމުގެ ބުރަ މަސައްކަތް ނިންމާފައިވާއިރު، އިހަވަންދިއްޕޮޅު ރައްޔިތުން ތިބީ މި މަސައްކަތުގެ ފޮނި މީރުކަން އިހްސާސް ކުރުމަށް ކެތް މަދުވެފަ އެވެ. ރައްޔިތުންގެ ފޮނި އުންމީދު އެންމެ ފުރިހަމަ ގޮތުގައި ވުޖޫދަށް ގެނެވޭނީ ސަރުކާރުންނާއި ރައްޔިތުން އަދިވެސް އިތުރަށް އަތްގުޅުވާލައި، ހއ. އަތޮޅާއި މި ސަރަހައްދަށް ތަރައްގީއާއި ތަނަވަސްކަމުގެ ނަޒަރަކުން ކަޅި ހިންގާލުމުންނެވެ. ހަމަގައިމުވެސް މި ސަރުކާރުގެ ތަރައްގީގެ ތަސައްވަރު ފުރިހަމަ ވާނީ އިހަވަންދިއްޕޮޅު އިގްތިސާދީ ހަބަކަށް ވުމުންނެވެ. ރާއްޖޭގެ ރިވެތި ގޮނޑުދޮށްތަކާއި ނަމޫނާ ދައްކުވައިދޭ ރަށްތަކުގެ ސަރަހައްދީ ގުޅުން އެންމެ ފުރިހަމަ ގޮތުގައި ނެތުމުން އައިސްފައިވާ ނިދިމަޑުކަމުން އައު މާދަމައެއްގެ ފޮނި އުންމީދަށް ހޭލައްވާ ލެވުމުންނެވެ.

ހޯރަފުށީ އެއާޕޯޓުގައި ޓެސްޓު ފްލައިޓް ޖެއްސުން-- ފޮޓޯ/އެމްޓީސީސީ

comment ކޮމެންޓް