މައުތުވޮޝްއިން 30 ސިކުންތު ތެރޭ ކޮރޯނާވައިރަސް މަރާލާ ކަމަށް ޓެސްޓުން ދައްކައިފި

އަނގަ ދޮންނަން ބޭނުން ކުރާ އާދައިގެ މައުތުވޮޝްއިން 30 ސިކުންތު ތެރޭ ކޮރޯނާވައިރަސް ނައްތާލާ ކަމަށް އިނގިރޭސިވިލާތުގެ ކާޑިފް ޔުނިވާސިޓީގެ ސައިންސުވެރިން ލެބޯރެޓަރީގައި ހެދި ޓެސްޓުތަކަކުން ދައްކައިފި އެވެ.

އެ ސައިންސުވެރިން ބުނި ގޮތުގައި، މައުތުވޮޝްގައި އާއްމު ގޮތެއްގައި ހިމެނޭ ސީޓައިލްޕައިރިޑިނިއަމް ކްލޮރައިޑް (ސީޕީސީ) މަދުވެގެން 0.07 ޕަސެންޓަށް ހުންނަ މައުތުވޮޝްއިން ކޮރޯނާވައިރަސް ފެތުރޭ މިންވަރު ކުޑަކޮށްދޭ ކަމަށް އެ މީހުން ހެދި ދިރާސާގެ ނަތީޖާއިން ބެލެވެ އެވެ. ނަމަވެސް ކުޅުގައި ހުންނަ ކޮރޯނާވައިރަސް މައުތުވޮޝްއިން ނައްތާލާ ކަމަށް ލެބް ޓެސްޓުތަކުން ދެއްކި ނަމަވެސް އެއީ ކޮވިޑަށް ފަރުވާއަކަށް ވާނެ ކަމަށް ދިރާސާއިން ސާބިތުކޮށް ނުދެ އެވެ.

އެ ދިރާސާގައި އިސްކޮށް ހުންނެވި ޑރ. ރިޗަޑް ސްޓެންޓަން ވިދާޅުވި ގޮތުގައި ހިރުގަނޑަށް ޖެހޭ ބަލިތަކުން ރައްކާތެރިވުމަށް އުފައްދާފައިވާ މައުތުވޮޝްތަކުން ކޮރޯނަވައިރަސް ހުއްޓުވާ، 'އިންއެކްޓިވޭޓް' ކުރާ ކަމަށް ބުނާ އެހެން ބައެއް ދިރާސާތަކަށް މި ޓެސްޓުތަކުގެ ނަތީޖާއިން ބާރު ދެ އެވެ. ނަމަވެސް އެ ދިރާސާ އަދި ސައިންޓިފިކް ޖާނަލްއެއްގައި ޝާއިއުކޮށް، އެހެން ސައިންސުވެރިން ބަލާ 'ޕިއާ ރިވިއު'ކޮށްފައި ނުވާކަންވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން ޓެސްޓުޓިއުބުތަކުގައި ހެދި އެ ދިރާސާއިން ރަނގަޅު ނަތީޖާ އެއް ލިބުނު ނަމަވެސް ބަލި މީހުން މައުތުވޮޝް ބޭނުން ކުރުމުންވެސް ހަމަ އެފަދަ ނަތީޖާއެއް ލިބޭތޯ އަދި ބަލަން ޖެހޭ ކަމަށް ކާޑިފް ޔުނިވާސިޓީގެ ޕްރޮފެސަރު ޑޭވިޑް ތޯމަސް ވިދާޅުވި އެވެ.

އެހެންކަމުން ކޮވިޑް ޖެހިފައިވާ މީހުން އެފަދަ މައުތުވޮޝްއިން އަނގަ ދޮވުމުން އެމީހުންގެ ކުޅުގައި ވައިރަސް ހުންނަ މިންވަރު ދަށްވޭތޯ ބެލުމަށް ޔުނިވާސިޓީ ހޮސްޕިޓަލް އޮފް ވޭލްސްގައި މިހާރު ޓެސްޓުތައް ކުރިއަށްގެންދާ ކަމަށް ތޯމަސް ވިދާޅުވި އެވެ. އަދި އެއް ފަހަރު މައުތުވޮޝް ބޭނުން ކުރުމުން ވައިރަސް ނައްތާލަނީ ކިހާ އިރަކަށްތޯ އެ ދިރާސާގައި ބަލާނެ ކަމަށާއި އެ ޓެސްޓުތަކުގެ ނަތީޖާ އަންނަ އަހަރުގެ ކުރީކޮޅު ލިބޭނެ ކަމަށް ބީބީސީން ރިޕޯޓު ކުރި އެވެ.

އެފަދަ ދިރާސާތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޔުނިވާސިޓީ އޮފް ޕިޓްސްބާގް ސްކޫލް އޮފް މެޑިސިންގެ ޑިވިޝަން އޮފް އިންފެކްޝަސް ޑިޒީސެސްގެ އެސޯސިއޭޓް ޕްރޮފެސަރެއް ކަމަށްވާ ޑރ. ގްރަހަމް ސްނައިޑާ ވިދާޅުވި ގޮތުގައި، ކޮރޯނާވައިރަސް ކުޑަ ވަގުތުކޮޅަކަށް ނައްތާލާ ވަރަށް ގިނަ ތަކެތި ހުރެ އެވެ. ނަމަވެސް ވައިރަހަކީ އަބަދު ނޭފަތާއި ސައިނަސަސް އާއި ކަރުތެރޭގައި އާއި ފުއްޕާމޭގައި ރެޕްލިކޭޓްވެ، އިތުރުވަމުންދާ އެއްޗެކެވެ. އެހެންކަމުން މައުތުވޮޝްއެއް ބޭނުން ކުރުމުން އަނގައިގައި ހުންނަ ވައިރަސް ނުވަތަ ބެކްޓީރިއާ މަދުކޮށްދިން ނަމަވެސް ކުޑަ އިރުކޮޅެއް ފަހުން އެ ބެކްޓީރިއާ ނުވަތަ ވައިރަސް އެނބުރި އަންނާނެ އެވެ.

comment ކޮމެންޓް