ޓްވިޓާއިން ވެސް ސްޓޯރީ، ކިޔަނީ ފްލީޓް

ގިނަ ސޯޝަލް މީޑިއާތަކުގައި މިހާރު ބޭނުންކުރަން ފަށާފައިވާ ފީޗާއެއް ކަމަށްވާ "ސްޓޯރީސް"ގެ ފީޗާއެއް ޓްވިޓާއިން ވެސް ތައާރަފުކޮށްފި އެވެ.

"ފްލީޓްސް"ގެ ނަމުގައި މުޅި ދުނިޔެއަށް ލޯންޗުކުރަން ފަށާފައިވާ އެ ފީޗާއަކީ، ޓްވީޓުކުރަން ބޭނުންވި ވާހަކައެއް އެހެން ނަމަވެސް ޓްވީޓު ނުކޮށް އެ ހިއްސާކޮށްލުމަށް ބޭނުންވާ ފަރާތްތަކަށް ލިބޭ ފުރުސަތެއް ކަމަށް ޓްވިޓާއިން ބުނެ އެވެ.

ޓްވިޓާއިން ބުނާގޮތުގައި ފްލީޓްސް ފެންނަން ހުންނާނީ ސޯޝަލް މީޑިއާގައި 24 ގަޑިއިރު ވަންދެނެވެ. އެއަށްފަހު ސޯޝަލް މީޑިއާއިން އެ ގެއްލޭނެ ކަމަށް ޓްވިޓާއިން ބުނެ އެވެ.

އެކުންފުނީން ފްލީޓްސް އުފައްދާފައިވަނީ ފޭސްބުކްގެ އިންސްޓަގްރާމްް ސްޓޯރީސް ފެންނަ ގޮތަށެވެ. އިންސްޓަގްރާމް ސްޓޯރީސް އަކީ ސްނެޕްޗެޓް ސްޓޯރީ ކޮޕީކޮށްގެން އުފައްދާފައިވާ ފީޗާ އެވެ. މިހާރު ޔޫޓިއުބް އާއި ފޭސްބުކް އަދި އެނޫން އިތުރު ބައެއް ސޯޝަލް މީޑިއާގައިވެސް ސްޓޯރީސް ފީޗާ ހުރެ އެވެ.

ޓްވިޓާއިން ބުނެފައިވަނީ މުޅި ދުނިޔެއަށް މިހާރު އެ ލޯންޗުކުރަން ފަށާފައިވާއިރު ކުރިއަށް އޮތް ދުވަސްކޮޅެއްގެ ތެރޭގައި ހުރިހާ ފަރާތްތަކަށް އެ ފީޗާ ލިބިގެންދާނެ ކަމަށެވެ.

ފްލީޓްސްގެ ހިދުމަތް ޓެސްޓުކުރުމުގެ މަސައްކަތް ޓްވިޓާއިން ފަށާފައިވަނީ މިއަހަރުގެ މާޗު މަހު އެވެ. ބްރެޒިލް އާއި ދެކުނު ކޮރެއާ ފަދަ ގައުމުތަކުގައި އެ ހިދުމަތް ބީޓާ ޓެސްޓެއް ގޮތުގައި ތައާރަފުކޮށް އާންމުންގެ ފަރާތުން އެކަށީގެންވާ ތަރުހީބެއް އެ ހިދުމަތަށް ލިބިފައިވެ އެވެ. އެހެންކަމުން އެ ހިދުމަތް ރަސްމީކޮށް ލޯންޗުކުރުމަށް ޓްވީޓާއިން ނިންމީ އެވެ.

comment ކޮމެންޓް